ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް، ބަޖެޓުގައި ނެތްކަންކަން ކުއްލިއަކަށް ނުކުރުމަށް އިލެކްޝަންކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، ސަރުކާރުން ދަނީ އެދާއިރާގައި ގިނަ މަސައްކަތްތަކެއް ފެށުމަށް ނިންމާފައެވެ. ޚާއްސަކޮށް، ބަޖެޓުގައި ނެތް ކަންކަންވެސް ކުއްލިއަކަށް ބަޖެޓް ހަމަޖެހި ކުރުމަށް ނިންމުމާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅާއި ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ސިޔާސީ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުގެ މެނިސްޓޯގައާއި، އަދި ބަޖެޓުގައި ނެތްކަންކަން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ބެލެވޭނެ ޖާގަ އޮންނާނެކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތްތަކުން އެފަދަ އަމަލުތައް ނުކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގައި ސިޔާސީ ވާދަވެރިކަމުގައި އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަކަށްވުރެއް ބޮޑު ތާއީދު ހޯދުމަށް ވަރުގަދަ ކެމްޕެއިނެއް ކުރެވޭނެކަމަށެވެ. ނަމަވެސް އިންތިޚާބަށް ނުފޫޒު ފޯރާފަދަ ކަންކަން ކުުރުމާއި، އަނެއް ކެނޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަފަދަ އެއްވެސް ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ.
ބަޖެޓުގައި ނުހިމެނޭ ކަންތައްތަކުގެ ތެރެއިން ކޮމަންޑޫއާއި މަތި ކޮމަންޑޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރައީސްވަނީ ކޮމަންޑޫގެ އިތުރުން މަރޮއްޓާއި ފޯކައިދޫއަށްވެސް ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކޮމަންޑޫ ބަނދަރުގެ ބޭރު ތޮށީގައި ދޯނިފަހަރު އެޅޭނެ ގޮތް ހަދައި، އެ ރަށުގައި އައިސް ޕްލާންޓެއް ޤާއިމްކުރައްވާނެކަމަށާއި، ކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން އެ ރަށުގެ ހިއްކި ބިމުން ގޯތިދޫކުރަން ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމުގެ ގޮތުން ކޮމަންޑޫ ކައިރީގައި އޮންނަ ރަށްތަކުގައި ޓޫރިޒަމް ފަށްޓަވާނެކަމަށާއި، ފޯކައިދޫގެ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފޯކައިދޫ ޗަކަ ބިމަށް ވެލި އަޅައި، އެ ތަނުން ގޯތިދޫކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެކަމަށާއި. އަންނަ ހަފުތާގައި މަރޮށީގެ ބަނދަރުގެ މަސައްކަތްވެސް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިނޫނަސް އެ ދާއިރާއަށް ސަރުކާރުން ކޮށްދޭނެ ވަރަށް ގިނަ ކަންކަން ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.