ދައުލަތުގެ މުދަލާއި ފައިސާއިން އެކިފަރާތްތަކަށް ބަދަލުދިނުމުގެ ކުރިން އެބަދަލުދޭ ސަބަބު ރައްޔިތުންނަށް އެނގެންޖެހޭކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ފަޅު ރަށް އަލުން ދޭން ނިންމައި މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެންނެވެ. ދައުލަތުން މިހާބޮޑު ބަދަލެއް ދޭން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޒަރިޔަންދު ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާއިން އެކިފަރާތްތަކަށް ބަދަލުދިނުމަށް ސަރުކާރުން ނިންމުމުގެ ކުރިން، އެ ބަދަލެއް ދޭންޖެހޭ ސަބަބާއި ތަފްސީލު އެނގޭ އޮޑިޓެއް މެދުވެރިކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމުކަމެއްކަމަށެވެ. ޓެކްސްދައްކަނީ ރައްޔިތުންކަމަށްވެސް އެކަމަށް ފާޑުވިދާޅުވަމުން ޒަރިޔަންދު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. އެކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށް ގަބޫލުކުރެވޭތީ، އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.
ޓާޓާއަށް މިހާ ބޮޑު ބަދަލެއް ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ