ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ ފްލައިންގ ސްކޫލް، "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ"ގައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ. އެގޮތުން އެ ސްކޫލްގެ ފުރަތަމަ ބެޗުގެ ކިޔެވުން ވަނީ ފަށާފައެވެ.
ގައުމީ އެއަރލައިނާއި، އެމްއެންޔޫ ގުޅިގެން ހިންގާ މި ފްލައިން ސްކޫލަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ ފްލައިން ސްކޫލެކެވެ. އަދި މިތަން މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެވެ.
މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ ނަމުގައި ހިންގާ ފްލައިން ސްކޫލުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު ޖެނިފަރ ވިދާޅުވީ، ފްލައިންގ ސްކޫލްގެ ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށްކަމަށެވެ. އަދި މިއީ ސިވިލް އެވިއޭޝަން އޮތޯރިޓީން މިގޮތަށް ކޯހުގެ ތިއަރީ ބައި ކުރިއަށް ގެންދިއުމަށް ހުއްދަ ދިން ފުރަތަމަ ފަހަރުކަމަށްވެސް ޖެނިފަރ ވިދާޅުވިއެވެ.
ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ އޭވިއޭޝަން އެކަޑެމީގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ. https://t.co/7agUfF6xzr
— Aishath Jennifer ⚖️ (@JenniferAishath) January 10, 2022
ޖެނިފަރ ވިދާޅުވީ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް އޮންލައިކޮށް ކްލާސް ނަގައިދެނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލުގެ މުދައްރިބުންކަމަށެވެ. އަދި ކުދިންނަށް ކިޔަވައި ދިނުމުގައި ބޭނުންކުރާނީ އެންމެ ޒަމާނީ ލާނިންގް މެނޭޖްމެންޓް ސިސްޓަމެއްކަމަށްވެސް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން މައުލޫމާތުދެއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ހޯމަ ދުވަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ. މިކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ. މިކުދިންގެ ކްލާސްތައް ހަފްތާއަކު ހަތަރު ދުވަހު މެންދުރު 1:00 އިން ފެށިގެން ހަވީރު 6:00 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.
އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖެނިފަރ ވިދާޅުވީ، އައްޑޫގައި ކުރިން ހިންގި އޭވިއޭޝަން އެކަޑަމީގެ 75 ވަރަކަށް ކުދިންގެ ކިޔެވުން މަޑުޖެހިފައިވާކަމަށް ރެކޯޑުތަކުން ދައްކާކަމަށެވެ. އެހެންކަމުން ފުރަތަމަ ބެޗުގައި ނެގޭނެ އެންމެ ގިނަ ކުދިން ނަގައިގެން ކިޔެވުން ފެށީ، އެކުދިންނަށް ވަގުތު ގެއްލުނަނުދިނުމަށްކަމަށް ޖެނިފަރ ވިދާޅުވިއެވެ. އަދި މިގޮތަށް ފެށީ، ހުރިހާ ކުދިން އެއްފަހަރާ ނަގައިގެން މިހާރު އެކަޑަމީއަށް ފުރަތަމަ ގެންނަ 6 ބޯޓުން އެންމެ އެދެވޭ ގޮތަށް ވަގުތު ދީގެން ކިޔަވައި ދެވޭނީ މިއަދަދަށް ކަމަށްވާތީކަމަށްވެސް ޖެނިފަރ ވިދާޅުވިއެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން ނިމެންވާއިރަށް އައު ކުދިންނަށް ފުރުސަތު ދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖެނިފަރ ވިދާޅުވީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމުގެ ކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. އަދި ފްލައިންގ ސްކޫލްގެ ކިޔެވުން އަވަހަށް ފެށިގެން ދިޔައީވެސް ސަރުކާރުގެ އިދާރާތަކުން ލިބުނު އެއްބާރުލުމުގެ ސަބަބުންކަމަށް ޖެނިފަރ ވިދާޅުވިއެވެ.
ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެންމެ ފަހުން އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ