މުޒާހަރާ ރޫޅާލުމުގައި، ޕޮލިސް ބޭފުޅުން އިތުރަށް ޕްރޮފެޝަނަލް ވާންޖެހޭ: ޒައިދު

މުޒާހަރާ ރޫޅާލުމުގައި، ޕޮލިސް ބޭފުޅުން އިތުރަށް ޕްރޮފެޝަނަލް ވާންޖެހޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2022 08:41
0

މާލޭގައި ކުރާ މުޒާހަރާ ރޫޅާލުމުގައި، ޕޮލިސް ބޭފުޅުން އިތުރަށް ޕްރޮފެޝަނަލް ވާންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިފަދައިން ވިދާޅުވީ މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ ތަކުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާއިމެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މަދު ބަޔަކު ބައިވެރިވި ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެކި މީހުންނަށް އެކި ވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެސް ވެއެވެ.

މުޒާހަރާތައް ރޫޅަލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ޒައިދު ވިދާޅުވީ، މުޒާހަރާ ރޫޅާލުމުގައި ފިރިހެން ފުލުހުން އަންހެން ކަނބަލުންގެ ގަޔަށް އަރައި ގަންނަ ގޮތަށް ގޮސް މީހުން ހައްޔަރު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. މިކަންކަމީ މިއަށްވުރުގެ ހަރުދަނާ ގޮތެއްގައި ޕްރޮފެޝަނަލް ކަމާއިއެކު ކުރެވެންޖެހޭ ކަންތައްތަކެއް ކަމުގައި ޒައިދު ވިދާޅުވިއެވެ.

މުޒާހަރާ ރޫޅާލުމުގައި، ޕޮލިސް ބޭފުޅުން އިތުރަށް ޕްރޮފެޝަނަލް ވާންޖެހޭ ކަމުގައި ދެކެން! ފިރިހެން ޕޮލިހުން ގޮސް އަންހެން ކަނބަލުންގެ ގަޔަށް އަރައިގަންނަ ގޮތަށް ގޮސް ހައްޔަރު ކުރުމަކީ ވަރަށް ވިޔާނުދާ ހުތުރު މަންޒަރެއް! މިހުންނަނީ ރަނގަޅު ކުރަންޖެހޭ ކަންތައްތައް.

– ޒައިދު ވިދާޅުވިއެވެ.

މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން ފުލުހުން ރޭނެރުނު ބަޔާނުގައި ބުނެފައިވަނީ މިމުޒާހަރާތަކަކީ އެއްވެ އުޅުމުގެ މިނިވަންކަމާ ހިލާފަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަން ފާހަގަވާ ކަމަށެވެ.

"މީހަކު ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ކަމެއްގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހުށަހެޅުމުން އެކަން ފުލުހުން ބަލާނެ ވާހަކަ ދަންނަވަން," ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.