ސިޔާސީ ބޭނުމަށް ރައީސް ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.
ހަސަން މިކަމަށް ގޮވާލީ ރައްޔިތުންގެ މަޖިލީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހެޅުމައި ގުޅިގެންނެވެ.
ހަސަން ވިދާޅުވީ ރައީސް ނަޝީދާއިމެދު މިފަދަ ނަފްރަތުގެ ވާހަތައް އުފައްދައި، މިފަދަ ކަންކަން ކުރުމުގެ ނަތީޖާއަކީ އެމަނިކުފާނަށް މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު ހަމަލާ ދިނުމުގެ އެންމެ ބޮޑު އަސްލުކަމަށެވެ. މިއީ ބަޔަކު ވަރަށް ރޭވުންތެރި ކަމާއިއެކު ކުރަމުންދާ ކަންތައްތަކެއް ކަމަށާއި، ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ރައީސް ނަޝީދު ނުރައްކަލަށް ވައްޓާ ނުލުމަށް ހަސަން ވަނީ ގޮވާލާފައެވެ.
6 މޭގެ ހަމަލައަކީ ރައީސް މުހައްމަދު ނަޝީދާއި މެދު ފިތުނަވެރިކަމާއި ރުޅިވެރިކަން ފެތުރުމަށް ރޭވުންތެރިކަމާއިއެކު، ބަޔަކު ހިންގި އެޖެންޑާގެ ނަތީޖާ. އެފަދަ ފަރާތްތަކުގެ މަސައްކަތް އަދިވެސް އެދަނީ ކުރިއަށް. ސިޔާސީ ބޭނުމަށް ރައީސް ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުއްވާ.
– ހަސަން ލަތީފް ވިދާޅުވިއެވެ.
ނަޝީދު 2020 ވަނަ އަހަރު ޣައިރު ދީނުގެ ޝިއާރު ފާޅުކޮށް އާންމު ކުރި މައްސަލައެއް 17 ޖެނުއަރީ 2020 ވަނަ ދުވަހު ހުށަހަޅާފައިވީ ނަމަވެސް އެމައްސަލަ ފުލުހުން ނުބަލައެވެ. ނަމަވެސް އަނެއްކާވެސް އެމަނިކުފާނު އަލުން ޣައިރު ދީނުގެ ޝިއާރު ފެންނަހެން ފޮޓޯ އާންމުކޮށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން އަނެއްކާވެސް ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން މިއަދު އެ އިއްތިހާދުގެ ފަރާތުން އާންމުކުރި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ނަޝީދު ވަނީ ކްރިސްޓިއަނުން ފާހަގަ ކުރާ އީދެއް ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ވަނީ އަނެއްކާވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމުކޮށްފައި ކަމަށް އެ އިއްތިހާދުން ވަނީ ތުހުމަތުކޮށްފައެވެ.
އެ މައްސަލަ މީގެ ކުރިން ވެސް ފުލުހަށް އެ އިއްތިހާދުގެ ފަރާތުން ފޮނުވިކަން ފާހަގަ ކުރަމުން ސިޓީގައި ބުނެފައި ވަނީ ނަމަވެސް މައްސަލަ ކުރިޔަށް ގޮސްފައިނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ