ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރުމަށް ބާރު އެޅުމަށްޓަކައި ގައުމީ ބެންކުން 2016 ވަނަ އަހަރު ތަޢާރަފްކުރި "ބީއެމްއެލް ގްރީން ލޯން" އަށް ލުއި ފަސޭހަތަކެއް އެ ބެންކުން ގެނެސްފިއެވެ.
ބީއެމްއެލުން ބުނީ މި ލޯނުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ލޯނު ދޫކުރާނެ ކަމަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި މިއީ ރަހުނަކާ ނުލައި އެ ބެންކުން ދޫކުރާ ލޯނުތަކުގެ ތެރެއިން އެންމެ އިންޓްރެސްޓް ރޭޓް ދަށް ލޯނު ކަމަށް ބެންކުން ބުނެއެވެ. މި ލޯނުގެ އިޓްރެސްޓް ރޭޓަކީ 12 އިންސައްތައެވެ.
މީގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް މިހާރު ގްރީން ލޯން ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ. މި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ 15 އިންސައްތަ އަމިއްލައަށް ހަރަދު ކުރަންޖެހޭނެއެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓް 10 އިންސައްތައަށް ދައްކޮށްފައި ވާއިރު ލޯނު އަނބުރާ އަދާކުރުމަށް 20 އަހަރު ދުވަސް ލިބޭނެ ކަމަށް އެ ބެންކުން ބުނެއެވެ.
ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބެންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ރާއްޖޭގައި ބޭނުންކުރާ ނިސްބަތަށް ބަލައި، ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް ގައުމީ ބެންކުން މި ގެނައި ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެތައް ފަސޭހަތަކެއް ވެގެން ދާނެކަމަށެވެ.
" މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ"
– މޫސާ ނިމާލް
ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަށް ބާރު އެޅުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒްކޮށް، ގައުމީ ބެންކުން "ބީއެމްއެލް ގްރީން ލޯން" ގެ ނަމުގައި ލޯން ސްކީމެއް ތައާރަފްކުރީ 2016 ވަނައަހަރު، އިޔާދަކުރަނިވި ހަކަތައިން ހިންގޭގޮތަށް ރާއްޖޭގައި ފުރަތަމަ ހުޅުވި ބެންކު ބްރާންޗް ހުޅުވުމަށް ވ. ފެލިދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލޯނަކީ 2015ވަނަ އަހަރު ޑިސެމްބަރު މަހު ބެންކުން ޤާއިމުކުރި ބީއެމްއެލް ގްރީން ފަންޑްގެ ދަށުން ތަޢާރަފްކުރި ލޯނެކެވެ.