ބަރަހަނާ ފިލްމު ހެދުމާއި އޭގެ ވިޔަފާރީ ކުރުމުގެ ތުހުމަތުގައި، ބަތަލާ ޝިލްޕާ ޝެއްޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރު ކޮށްފައިވަނީ މި އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
ރާޖްގެ މައްސަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު އެކަމާ ގުޅިގެން ފުރަތަމަ ފަހަރަށް އޭނާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު، އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށާއި އެފަދަ ކަމެއް ހަޔާތުގައި ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ މީޑިއާއިން އެރުވި އަޑުތަކެއްގެ މައްޗަށް ބުރަވެ ކޮށްފައިވާ ތުހުމަތު ތަކެއް ކަމަށާއި އެކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގުނާ އަދަދު ނުކުރެވޭ ބޮޑެތި ގެއްލުން ތަކެއް އޭނާ އާއި އޭނާގެ ވިޔަފާރީ އާއި އާއިލާއަށް ލިބިފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މި ކަމުގެ ސަބަބުން ޝިލްޕާގެ ފިލްމީ ހަޔާތަށް ވެސް ވަރަށް ބޮޑަށް މިކަމުގެ ހިޔަނި އެޅި އާއިލާއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުންގެ ފުރައްސާރަ އާއި ވެސް ކުރިމަތި ލާން ޖެހުނެެވެ.
ރާޖްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަގީގަތެއް ނެތް މި ތުހުމަތު ތަކަކީ މީޑީއާއިން ކުރި ތުހުމަތު ތަކެއް ކަމަށާއި އޭގެ ސަބަބުން އޭނާގެ އަބުރު ވެއްޔާއި މޮޑެވިފައިވާ ކަމަށެވެ. އަދި ޝަރީއަތާއި ކުރިމަތި ލާނީ ކެރިގެން ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށް މީޑިއާގެ ކިބައިން އެދޭކަމަށް ވެސް ރާޖްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލައިގެ އެންމެ ފަހުގެ އަޑު އެހުމުގައި ރާޖު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.