އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފަސް ދުވަސް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމަށް ބިނާކޮށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަޤާމުގެ މަސްއޫލިއްޔާތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރުވިފައިވާކަމަށެވެ.
މި މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މިކަމާއި ގުޅިގެން ބޭއްވި އެ ކޮމިޓިގެ ބައްދަލުވުމުގައި ބަހުސްކުރެއްވީ ދެ ކަމަކަށެވެ. އެއީ ޕަފޯމަންސް އޮޑިޓުން އޭސީސީގެ މެންބަރުންނަށް ޤާނޫނުގައި ބުނާ މިންވަރަށް އަދި ކޮމިޓީގައި އެކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕަފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުޞަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެނިންމުން ފޮނުވުމެވެ.
ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ބުރަވީ އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށްފަހު ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވުމަށެވެ. އެއީ މީގެކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުރި މުޙައްމަދު ފަޙުމީ ޙަސަން ޖަވާބުދާރީވާން ފުރުސަތުނުދީ ކޮމިޝަނުން ވަކިކުުރުމަށް ނިންމުމުން ސްޕްރީމް ކޯޓުންވަނީ ބާތިލުކޮށް ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށް އަންގާފައެވެ.
އެހެންކަމުން ގަމު ދާއިރާގެ މެންބަރު ހުށަހެޅި ގޮތަށް ކޮމިޓީގެ ފަސް މެންބަރުންގެ ތާޢިދާއެކު ނިންމީ އޭސީސީގެ މިހާރުގެ ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
މިކަމާއި ގުޅޭގޮތުން ކޮމިޓީގެ ގިނަ މެންބަރުންގެ ވިސްނުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ހުރިނަމަވެސް ބައެއް މެމްބަރުން ވަނީ އޭސީސީގެ މެންބަރުން ވިދާޅުވީ ދުވަހަށް މައްސަަލަތައް ނިންމިފައިނުވާތީ ކޮމިޓީއަށް ހާޒިރުކޮށްގެން ދެން އިތުރަށް މައްސަލަ ބެލުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
މިއީ ޕާފޯމަންސް އޮޑިޓަކާއި ގުޅިގެން މިނިވަން މުއައްސަސާއެއްގެ ހުރިހާ މެންބަރުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރުކަމަށްވުމުން މިކަން ކުރަންވާނީ ކުރިއަށް އޮތްތަނުގައި މިފަދަގޮތަކަށް މެންބަރުން ވަކިކުރާނަމަ އެކަންކުރަންވާނެ އެންމެހާ ރަނގަޅު އުސޫލުތަކުގެ މަތިންކަން މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް ވިދާޅުވީ ޖަވާބުދާރީވުމަށް އޭސީސީގެ މެންބަރުންނަށް ފޮނުވާ ސިޓީގައި ކުރިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ދެއްވާފައިވާ ޖަވާބާއި އެކަންކަން ނުކުރެވިހުރިކަން ފާހަގަކުރައްވާފައިވާނޭކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީން ކުރުމަށް ތަޅުމުން ފޮނުވާފައިވާއިރު، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ މަސައްކަތް ކުރެވޭނީ ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތައް އެކުލަވާލާފައިވާ ގައުމުތަކުގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން މަދުކަމަށެވެ.
ޝިއުނާ ވިދާޅުވީ އޭނާ ނޫން މީހަކު އެމަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތަކާއި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.
ކޮމެންޓު ފޮނުވާ