ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނަކީ ތެދުބަަހުން ވާހަކަ ދައްކާ ބަޔަކު ކަމުގައިވާންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން މަސައްކަތް ކުރި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން އެކި ގޮތަށް އެކި ފަހަރު ވާހަކަ ދެއްކުމުގެ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔަމުންނެވެ.
މިކަމާއި ގުޅިގެން ޝައިޚު އިޔާޒު ވިދާޅުވީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ތެދުބަހުން އެއްވެސް އޮޅުވާލުމެއްނެތި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭންޖެހޭ ބައެއް ކަމަށެވެ. ދޮގެއް ހަދައިފިނަމަ އެކަމެއް އޮއްބަން އަނެއްކާވެސް ހަދަން ޖެހެނީ އިތުރު ދޮގެއްކަމަށާއި، މިކަމުން ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓުން ނޫންކަމެއް ނުވާނެކަމަށް ޝައިޚު ވިދާޅުވިއެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނަކީ ތެދުބަހުން ވާހަކަ ދައްކާ ބަޔަކު ކަމުގައިވާންޖެހޭ. އެއްދޮގު ފޮރުވަން އެތައް ހާސްދޮގުތަކެއް ހަދައިގެން ތިމާމެންގެ ފަތަށް ނުބައިތަކެއް އިތުރުވުމާއި, ރަޢްޔިތުން ކުރިމަތީގައި އަގުވެއްޓުން ނޫންކަމެއް ނުވާނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ގުރުއާނުގެ އާޔަތްތަކެއް އުނިކުރުމުގެ މަޝްވަރާތަކެއް ފެންމަތިވީ ހަތަރު ގްރޭޑެއްގެ ފޮތްތަކުގައި ގުރުއާންގެ އާޔަތެއް ޗާޕް ކުރުމުގައި ކުށް ހުރިކަން ފާހަގަވެގެން އެ މައްސަލަ ހޫނުވިތާ ތިން މަސް ނުވެ އުޅުނިކޮށެވެ. މައްސަލަ ހޫނުވުމުން އެޑިޔުކޭޝަން މިނިސްޓްރީން ފަހުން ވަނީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޕްރޫފް ރީޑިން / ކުށް އަޅާކިޔުމުގެ ސްޓޭޖް ހަރުދަނާ ކުރުމުގެ ގޮތުން މިނިވަން ޕެނަލެއް ހިމެނޭ ކޮމެޓީއެއް ވެސް އެކުލަވާލައިފައެވެ.
ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާ ކުރެވުނުނަމަވެސް އެއީ ދަރިވަރުންނަށް ދަތި ކަމަކަށް ވާނެތީ އެކަން ނުކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ.