އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތަޅުމުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއެއް ފޮނުވައިފިއެވެ.
މިއަދު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމަށް ބިނާކޮށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަޤާމުގެ މަސްއޫލިއްޔާތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރުވިފައިވާކަމަށެވެ.
މަޖިލީހުގެ ގަވާއިދު މިހާރު ހަމަޖެހިފައިވާގޮތުން މިނިވަން ކޮމިޝަންތަކުގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މަޖިލީހުގެ ތަޅުމަށް އެމައްސަލައެއް ހުށަހެޅުމުން، ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއަށް ފޮނުވޭނެއެވެ. އަދި ކޮމިޓީއަށް ފޮނުވުމަށްފަހު ވަކި ކުރަން ކަނޑައެޅިފައިވާ މެމްބަރުންނާއި އަގަބަހުން ނުވަތަ ލިޔުމުންވެސް އިންޓަރވިއު ކުރުމަށްފަހު ކޮމެޓީއަށް ވަކިކުރަން ފެންނަ މެމްބަރުން ކަނޑައެޅިގެންދާނެއެވެ. އަދި ކޮމިޓީން އެކުލަވާލާ ރިޕޯޓް މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، މެމްބަރުންނަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެމައްސަލަ މަޖިލީޙުގެ ތަޅުމަށް ގެނެސް ތަޅުމުގައި 2 ގަޑިއިރުގެ ބަހުސްއެއް ކުރުމަށްފަހު، މެމްބަރުން ވަކިކުރުމާއިމެދު ވޯޓަކަށް އެހިގެންދާނެއެވެ.
މިއަދުުގެ ޖަލްސާގައި އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް ކޮމެޓީއަށް ފޮނުވިއިރު ދެ މެމްބަރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެހެން ކަމުން ކޮމެޓީން މަސައްކަތް ކުރާނީ ބާކީ ތިބި ތިން މެމްބަރުންގެ މަސައްކަތް ދިރާސާކޮށް، އެބޭފުޅުން ވަކިކުރުމާއިމެދު ކޮމެޓީއަށް ފެންނަ ގޮތެއް ނިންމުމަށެވެ. މިއަދުގެ ޖަލްސާގައި ކުރަން އިތުރު މަސައްކަތެއް ނެތުމުން ޖަލްސާވަނީ ނިންމާލާފައެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީން ކުރުމަށް ތަޅުމުން ފޮނުވާފައިވާއިރު، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ މަސައްކަތް ކުރެވޭނީ ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތައް އެކުލަވާލާފައިވާ ގައުމުތަކުގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން މަދުކަމަށެވެ.
ޝިއުނާ ވިދާޅުވީ އޭނާ ނޫން މީހަކު އެމަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތަކާއި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.