އާޔަތްތައް އުނިކުރަން އުޅުނީ، ޤުރުއާނަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައިނޫން: އެޑިއުކޭޝަން

އާޔަތްތައް އުނިކުރަން އުޅުނީ، ޤުރުއާނަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައިނޫން: އެޑިއުކޭޝަން

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2021 09:41
0

ފޮތްތަކުގެ އާޔަތްތައް އުނިކުރަން އުޅުނީ، ޤުރުއާނަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައިނޫން ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ވަނީ އަންގަފައެވެ. މިއެންގުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުންވަނި ސަރުކާރަށް އަމާޒުވެފައެވެ

މިކަމާއި ގުޅިގެން ކިޔަމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އެމިނިސްޓްރީން ބުނެފައިވަނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކުރެވި މިކަން ބަޔާންކޮށް NIE އަށް ސިޓީއެއް ފޮނުވުނުކަމަށެވެ.

މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން. އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މި ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީ.

– އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް ޢަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ NIE އަށް އަންގާފައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ފަހުންވަނީ ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލްވެސް ކޮށްފައިކަމަށާއި، އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް NIE އަށް ވާނީ އަންގާފައެކަމަށެވެ. މީގެ ދުވަސްކޮޅެއް ކުރިން މި ސުވާލު މީޑިއާތަކުން ކުރުމުން ވެސް ޤުރުއާންގެ އާޔަތްތައް އެފޮތްތަކުން އުނި ނުކުރާނެ ކަމަށް ވާނީ ދަންނަވާފައިކަމަށާއި، އަދި މިކަމުގައި ޢަމަލުކުރަން ނިންމާފައިވާ ގޮތްވެސް ވާނީ ހިއްސާކޮށްފައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޚަބަރާ ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް.

– މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.