ބޭރަށް ދަތުރުކުރާއިރު ދުރާލާ ވިސާ ނެގުމަށް އިލްތިމާސްކޮށްފި

ބޭރަށް ދަތުރުކުރާއިރު ދުރާލާ ވިސާ ނެގުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2021 05:50
0

ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ދުރާލާ މުއްދަތު އޮއްވައި ވިސާއަށް އެދި ހުށަހެޅުން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައިމިވަނީ، ސްޕެއިންގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ދާން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަށް ވިސާ ނުލިބު މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އެ ކުޅުންތެރިންނަށް ވިސާ ނުލިބުނީ ވިސާ ހޯދަން އެކަށީގެންވާ ވަގުތު ނެތުމުންނެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ މި މިނިސްޓްރީ އިން ދެމުންގެންދާ ކޮންސިއުލާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެއްކަމަށެވެ. ނަމަވެސް މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އަދި ވިސާއަށް އެދި ހުށަހަޅާއިރު ލިޔެކިޔުން ފުރިހަމަތޯއާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރުކުރުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. މިކަންކަން ކުރުމަށް އެވްރެޖްކޮށް 2 ނުވަތަ 3 ހަފްތާ ވަރު ބޭނުންވާތީ، އެފަދަ އެހިތެރިކަމަށް ބޭނުންވާ ފަރާތްތަކުން، އެހާ މުއްދަތު އޮށްވާ ހުށަހެޅުން ވަރަށް މުހިންމުކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، މިކަމަށް އިތުރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެކިއެކި ބޭނުންތަކަށް ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަންދެއްވުމަށް އެދޭކަމަށްވެސް ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.