ފުޓްބޯޅަ ތަރި މެސީ، އެކްސްޕޯ 2020 ދުބާއީއަށް ޒިޔާރަތް ކޮށްފި

ފުޓްބޯޅަ ތަރި މެސީ، އެކްސްޕޯ 2020 ދުބާއީއަށް ޒިޔާރަތް ކޮށްފި

Author
ހުސެއިން
14 ޑިސެމްބަރ 2021 02:12
0

ދުނިޔޭގެ މަޝްހޫރ ފުޓްބޯޅަ ތަރި، ލިއޮނެލް މެސީ، އެކްސްޕޯ 2020 ދުބާއީއަށް ޒިޔާރަތް ކޮށްފިއެވެ. މި ޒިޔާރަތުގައި މެސީވަނީ، އެކްސްޕޯ ދުބާއީގެ ޔޫއޭއީގެ ޕެވިލިއަންގެ އިތުރުން އާޖެންޓީނާގެ ޕެވިލިއަށްވެސް ޒިޔާރަތްކޮށް އޮފިޝަލުންނާއި ބައްދަލު ކޮށްފައެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި، އާޖެންޓީނާއަށް އުފަން ފުޓުބޯޅަ ތަރި، މެސީވަނީ މި ޒިޔާރަތުގައި، ޔޫއޭއީގެ މިނިސްޓަރ އޮފް ޓޮލެރެންސް އެންޑް ކޯއެގްޒިސްޓެންސް، ޝެއިޚު ނަހްޔާން ބިން މުބާރަކްގެ އިތުރުން އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް އާއި، މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޔޫތު ނޫރު ބިންތި މުހައްމަދު އަލް ކާބީއާއިވެސް ބައްދަލު ކުރައްވާފައެވެ.

މެސީ، ދުބާއީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޔޫތު ނޫރު ބިންތި މުހައްމަދު އަލް ކާބީއާއެކު

"ކޮންމެ ޕެރވިލިއަން އެއްގައިވެސް ހުރީ މުޅިން ތަފާތު ކަންކަތައް ތަކެއް، ވަކި ތަނެއް، އެތަނުން ދައްކުވައި އެބަދޭ އެބައެއްގެ ސަގާފަތް، އެބައެއްގެ ގައުމު، އަދި އޭގެ ސަބަބުން އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ކަންކަން ދަސްކުރުމަށް އެހީތެރިވެދޭ. އަހަރެންނަށް ހީވަނީ މިއީ ވަރަށް ބޮޑު ތަނެއް ހެން، އަދި ވަރަށް ޝައުގުވެރިކަން ހުރި ތަނެއް،" އެކްސްޕޯގެ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން މެސީ ވިދާޅުވިއެވެ.

"މީގެ ކުރިން (2020 ވަނަ އަހަރު) އަހަރެން މިތަނަށް ޒިޔާރަތް ކުރިއިރު، މިތާކު އެކައްޗެއްވެސް ނެތް، އެހެންނަމަވެސް އަހަރެއްހާ ދުވަހުގެ ތެރޭގައި މިތަން މިވަނީ އާދަތާ ޚިލާފު ތަނަކަށް ބަދަލު ވެފަ."

އެކްސްޕޯއަށް ޒިޔާރަތްކުރި މީހުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެންނާން ހުރި ގޮތުގައި، ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފެއަރައަށް މެސީ ޒިޔާރަތް ކުރަމުންދިޔަ އިރު، ގިނަބަޔަކު ވަނީ އޭނާ ވަށާލާފައެވެ. އަދި އޭނާވަނީ، މިތަނުގައި، އަލް ވަސުލް ޕްލާޒާ އަދި ޖުބިލީ ޕާރކް ކައިރީގައި ހުންނަ މަޝްހޫރު ފެންއަރުވާ ވަޑާން ކައިރިއަށްވެސް ޒިޔާރަތް ކޮށްފައެވެ.

އަދި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ގޯލްފް ކާރޓުގައި މެސީ އެކްޕޯގައި ދުއްވަމުން ދިޔައިރު މި އުޅަނދު ފަހަތުންވެސް އޭނާގެ ސަޕޯޓަރުން ދުވެފައި ދާތަން ވަނީ ފެނިފައެވެ.

ދުބާއީގެ ސްޓޭޓް ނިއުސް އޭޖެންސީ WAMއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާޖްނެޓީނާގެ ފުޓުބޯޅަ ތަރި ވަނީ މި އެކްސްޕޯގެ އެމްބެސެޑަރއެއްގެ ހައިސިއްތަތުން އެކްސްޕޯ 2020 ދުބާއީއާއި އެކީ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހަ މި އެކްސްޕޯ އާންމުނަށް ހުޅުވާލުމަށްފަހު، ޑިސެމްބަރު 13ވަނަ ދުވަހާ ހަމައަށް މިއެކްޕޯއަށްވަނީ 6.3 މިލިއަން މީހުން ޒިޔާރަތް ކޮށްފައެވެ.

ކޯވިޑް ކާރިސާގެ ސަބަބުން، އެކްޕޯ އިންތިޒާމް ކުރާ ފަރާތްތަކުންވަނީ، ޚާއްސަ ސިއްޙީ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެކްސިން ޖެހުން ނުވަތަ އެކްޕޯއަށް ޒިޔާރަތް ކުރުމުގެ ކުރީގެ 72 ގަޑިއިރުތެރޭ ހަދާފައިވާ ކޯވިޑް19 ނެގެޓިވް ޓެސްޓެއް ހުށަހަޅަން ޖެހެއެވެ.

އަދި އެކްސްޕޯގެ އެތެރޭގައި އަދި ބޭރުގައި އުޅޭ ވަގުތުގައިވެސް ފޭސް މާސްކު އެޅުން ބަޖުބޫރު ކޮށްފައި އޮންނައިރު، ހުރިހާ ތަނެއްގައިވެސް ސެނިޓައިޒް ކުރެވޭނެ ގޮތްވެސް ވަނީ ހަމަ ޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.