އެއްފަހަރާ އެއްތަނެއްގައި 5 ކުދީންނަށްވުރެ ގިނަ ކުދީންނަށް ކިޔަވައިދޭނަމަ އެއީ ޓިއުޝަން ކްލާހެއްކަމަށް ކަނޑައަޅާއި އެފަދަ ތަންތަން ދެމަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުން ލާޒިމްކުރި ޤަވާއިދުގެ ސަބަބުން ވަރަށް ގިނަ ތަންތަން އުވިގެންދާނެކަމަށް ލަފާކުރެވޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މި ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، އަލަށް އަމަލުކުރަން ފެށި ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދުގައި ޓިއުޝަން ސެންޓަރުތައް ހިންގާނަމަ ގިނަ ކަންތައްތަކަކަށް އަމަލުކުރުން ލާޒިމްކުރުމާއި ގުޅިގެންނެވެ.
ޑރ.ޝަހީމް ވިދާޅުވީ، މިފަދަ ޤަވާއިދެއް އެކުލަވާލެވެންވާނީ ހާލަތު ވަޒަންކޮށް މާލޭގައި ޢިމާރާތްތައް ހުންނަ ގޮތްވެސް ބަލައި ރައްޔިތުންނަށް ދަތިނުވާގޮތަށްކަމަށެވެ.
ރާއްޖޭޣައި ކިޔަވައިދޭ އަމިއްލަ ތަންތަން އަލުން ރަޖިސްޓްރީކުރަން މަޖުބޫރުކޮށް، ދެއްވާފައިވާ މުއްދަތަކީ ރަޖިސްޓްރީކުރަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ނުފެނޭ. ޤަވާއިދު އޮތް ގޮތުން ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތައް އެބަހުރި.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
Qavaaidhu oy gothun varah gina than than uvigen higaidhaane kamah lafaakurevey. Thifadha qavaaidheh ekulavaalevenvaanee haalathu vazankoffa Male imaaraithahah hunna goy ves balai rayyithunah dhathi nuvaa gothah kamah dheken.
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 14, 2021
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު، އަލަށް އަމަލުކުރަން ފެށި ޤަވާއިދުގައި ބުނާގޮތުން ސުކޫލުތައް ފިޔަވައި، އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި، ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަން ހިންގަންވާނީ ، މި ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެންނެވެ. އެގޮތުން ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނީ، އެޕްލިކޭޝަން ފޯމާއި، "ކިޔަވައިދޭ ތަންތަން ހިންގަން ގަސްތު ކުރާ ގޮތުގެ ހުށަހެޅުން" (ޕްރޮޕޯޒަލް) އާއި، ޤަވާއިދުގައި ބަޔާންކުރާ ލިޔުންތަކާ އެކުގައެވެ. މި ޤަވާއިދު ބުނާގޮތުން ކިޔަވައިދޭ ތަނެއްގައި ހުންނަންޖެހޭ "މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީ ލަތްތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.
އައު ޤަވާއިދު ބުނާގޮތުން ކިޔަވައިދޭ ތަނެއް ރަޖިސްޓަރީ ކުރާއިރު ހުއްދަދޭ ޕްރޮގްރާމްތަކުގެ އިތުރުން، އިތުރު ޕްރޮގްރާމެއް ހިންގާނަމަ، އެ ޕްރޮގްރާމެއް ވަކިން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. މި ފަދަ ޕްރޮގްރާމްތައް ރަޖިސްޓަރީ ކުރުމަށް، މި ގަވާއިދުގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ކިޔަވައިދޭ ތަނުގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެނެވޭނީ، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންކަމަށްވެސް މި ޤަވާއިދު ބުނެއެވެ.
ރަޖިސްޓަރީ ކުރަން އެދޭ ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ޤައުމީ މަންހަޖާ ތަފާތު ޕްރޮގްރާމެއް ނަމަ، ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ ހުއްދައާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އެޕްރޫވަލް ހޯދަންޖެހޭ ޕްރޮގްރާމެއް ނަމަ އެ އޮތޯރިޓީން ހުއްދަ ދީފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެކަމަށްވެސް ބުނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެންނަނަމަ، ގެންނަން ބޭނުންވާ ބަދަލާއެކު، މި ގަވާއިދުގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ހުށަހަޅައި އަލުން ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި ޕްރޮގްރާމެއް އުނިކުރުމަށް ބޭނުންވާނަމަ، މިނިސްޓްރީއަށް ލިޔުމުން އެކަން އަންގަންވާނެކަމަށްވެސް ބުނެފައިވެއެވެ.
އަލަށް ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމާއި ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި، އެއްހާސް ރުފިޔާ ނަގާނެކަމަށާއި، ރަޖިސްޓަރީގައި ހިމެނޭ މަޢުލޫމާތެއް ބަދަލުކުރާނަމަ، ފަސްސަތޭކަ ރުފިޔާ ނަގާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ރަޖިސްޓަރީ ހައްދާނަމަ، ދެހާސް ރުފިޔާ ނަގާނެކަމަށާއި، އައު ޕްރޮގްރާމެއް ރަޖިސްޓަރީ ކުރާނަމަ، 250 ރުފިޔާ ނަގާނެކަމަށްވެސް ބުނެފައިވެއެވެ.
ކުދިން ވެއްދުމުގައި ކަނޑައަޅަފައިވާ ޝަރުތުގެ ތެރޭގައި ދިވެހިރާއްޖޭގައި 18 އަހަރުން ދަށުގެ ކުދީންނަށް ތަޢުލީމާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ އެއްވެސް ތަނަކުން ޖާގަ ހޯދުމަށް ދަރިވަރަކު އެދިއްޖެ ހާލަތެއްގައި، އެ ތަނެއްގައި އެ ދަރިވަރެއްގެ އުމުރާ ގުޅޭ ތަޢުލީމު ނުވަތަ ހުނަރު ފޯރުކޮށްދޭނަމަ، ތަނުގައި ޖާގަ އޮތް މިންވަރަކުން، ވަންނަން އެދޭ ދަރިވަރުންނަށް، އެއްވެސް ތަފާތުކުރުމެއް ނެތި ފުރުޞަތު ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ތަނެއްގައި ކިޔަވައިދޭ އުމުރުފުރާތަކާއި ޕްރޮގްރާމްތަކަށް ރިޢާޔަތްކޮށް އެ ތަނަކަށް ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލު އެކުލަވައިލައިފައި، ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމާއެކު މިނިސްޓްރީއަށް ހުށަހަޅައިގެން އެ އުސޫލު ފާސްކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.
One Response
ބޭނުމަކީ ވެސް އެއީ…..؟؟؟؟؟؟؟؟؟؟؟؟؟؟؟
ވިސްނާ ފިކުރުކުރޭ… ދަރިވަރުން ސުކޫލު ތަކުގައި މިއަދު ފާޅުގައި ސުމޯކު ކޮށްލަނީ…ޑިމޮކުރަސީ އޯ..ހިއުމަން ރައިޓުސް އޯ..އިސްލާމީ ރިވެތި އުސޫލު( އިސްލާމިކު ޑިމޮކުރަސީ) ކަޓުވީ އޯ. ތަޢުލީމީ ދާއިރާގެ ތެރެއިން ވަދެގެން އައިސް މޮޅު ޑިމޮކުރަސީ ގެނެވިފައޯ.