އެއްފަހަރާ އެއްތަނެއްގައި 5 ކުދީންނަށްވުރެ ގިނަ ކުދީންނަށް ކިޔަވައިދޭނަމަ އެއީ ޓިއުޝަން ކްލާހެއްކަމަށް ކަނޑައަޅާއި އެފަދަ ތަންތަން ދެމަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުން ލާޒިމްކޮށްފިއެވެ.
މިގޮތަށް ލާޒިމްކޮށްފައިވަނީ، މިހާރު ގެޒެޓްކޮށްފައިވާ ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުންނެވެ. އަލަށް އަމަލުކުރަން ފެށި މި ގަވާއިދު ބުނާގޮތުން ސުކޫލުތައް ފިޔަވައި، އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި، ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަން ހިންގަންވާނީ ، މި ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެންނެވެ. އެގޮތުން ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނީ، އެޕްލިކޭޝަން ފޯމާއި، "ކިޔަވައިދޭ ތަންތަން ހިންގަން ގަސްތު ކުރާ ގޮތުގެ ހުށަހެޅުން" (ޕްރޮޕޯޒަލް) އާއި، ޤަވާއިދުގައި ބަޔާންކުރާ ލިޔުންތަކާ އެކުގައެވެ. މި ޤަވާއިދު ބުނާގޮތުން ކިޔަވައިދޭ ތަނެއްގައި ހުންނަންޖެހޭ "މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް" ގައި ހިމެނޭ ވަސީ ލަތްތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.
އައު ޤަވާއިދު ބުނާގޮތުން ކިޔަވައިދޭ ތަނެއް ރަޖިސްޓަރީ ކުރާއިރު ހުއްދަދޭ ޕްރޮގްރާމްތަކުގެ އިތުރުން، އިތުރު ޕްރޮގްރާމެއް ހިންގާނަމަ، އެ ޕްރޮގްރާމެއް ވަކިން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. މި ފަދަ ޕްރޮގްރާމްތައް ރަޖިސްޓަރީ ކުރުމަށް، މި ގަވާއިދުގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ކިޔަވައިދޭ ތަނުގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެނެވޭނީ، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންކަމަށްވެސް މި ޤަވާއިދު ބުނެއެވެ.
ރަޖިސްޓަރީ ކުރަން އެދޭ ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ޤައުމީ މަންހަޖާ ތަފާތު ޕްރޮގްރާމެއް ނަމަ، ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ ހުއްދައާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އެޕްރޫވަލް ހޯދަންޖެހޭ ޕްރޮގްރާމެއް ނަމަ އެ އޮތޯރިޓީން ހުއްދަ ދީފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެކަމަށްވެސް ބުނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެންނަނަމަ، ގެންނަން ބޭނުންވާ ބަދަލާއެކު، މި ގަވާއިދުގައިވާ "ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ހުށަހަޅައި އަލުން ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި ޕްރޮގްރާމެއް އުނިކުރުމަށް ބޭނުންވާނަމަ، މިނިސްޓްރީއަށް ލިޔުމުން އެކަން އަންގަންވާނެކަމަށްވެސް ބުނެފައިވެއެވެ.
އަލަށް ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމާއި ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި، އެއްހާސް ރުފިޔާ ނަގާނެކަމަށާއި، ރަޖިސްޓަރީގައި ހިމެނޭ މަޢުލޫމާތެއް ބަދަލުކުރާނަމަ، ފަސްސަތޭކަ ރުފިޔާ ނަގާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ރަޖިސްޓަރީ ހައްދާނަމަ، ދެހާސް ރުފިޔާ ނަގާނެކަމަށާއި، އައު ޕްރޮގްރާމެއް ރަޖިސްޓަރީ ކުރާނަމަ، 250 ރުފިޔާ ނަގާނެކަމަށްވެސް ބުނެފައިވެއެވެ.
ކުދިން ވެއްދުމުގައި ކަނޑައަޅަފައިވާ ޝަރުތުގެ ތެރޭގައި ދިވެހިރާއްޖޭގައި 18 އަހަރުން ދަށުގެ ކުދީންނަށް ތަޢުލީމާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ އެއްވެސް ތަނަކުން ޖާގަ ހޯދުމަށް ދަރިވަރަކު އެދިއްޖެ ހާލަތެއްގައި، އެ ތަނެއްގައި އެ ދަރިވަރެއްގެ އުމުރާ ގުޅޭ ތަޢުލީމު ނުވަތަ ހުނަރު ފޯރުކޮށްދޭނަމަ، ތަނުގައި ޖާގަ އޮތް މިންވަރަކުން، ވަންނަން އެދޭ ދަރިވަރުންނަށް، އެއްވެސް ތަފާތުކުރުމެއް ނެތި ފުރުޞަތު ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ތަނެއްގައި ކިޔަވައިދޭ އުމުރުފުރާތަކާއި ޕްރޮގްރާމްތަކަށް ރިޢާޔަތްކޮށް އެ ތަނަކަށް ކުދީން ވެއްދުމާއި ވަކިކުރުމުގެ އުސޫލު އެކުލަވައިލައިފައި، ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމާއެކު މިނިސްޓްރީއަށް ހުށަހަޅައިގެން އެ އުސޫލު ފާސްކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ކިޔަވައިދޭ ތަނަކުން ދަރިވަރުން ވަކިކުރުމަށް އެ ތަނަކުން އެކުލަވައިލައި އާންމުކޮށްފައިވާ އުސޫލާ ޚިލާފަށް އެއްވެސް ދަރިވަރަކު ވަކިކޮށްގެން ނުވާނެކަމަށާއި، ކުދީން ވެއްދުމުގެގޮތުން ބެލެނިވެރިޔާ ޢަމަލު ކުރަންޖެހޭނެ ގޮތާއި ، ބެލެނިވެރިޔާގެ އިޤުރާރުގެ ނަމޫނާއާއި، ކިޔަވައިދޭ ތަނުން ކުއްޖަކު ވަކިކުރަން ބެލެނިވެރިޔާ ބޭނުންވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތާއި، ކިޔަވައިދޭ ތަނުން ބޭނުންވެގެން ކުދީން ވަކިކުރެވޭނެ ހާލަތްތަކާއި، އެފަދަ ހާލަތުގައި ފީ ރީފަންޑު ކުރުމާއި ނުކުރުމުގައި ޢަމަލުކުރާނެ ގޮތް ހިމެނޭ އުސޫލްތައްވެސް ހަދަން ވާނެކަމަށް ބުނެފައިވެއެވެ.
ކިޔަވައިދޭ ތަނުން ވަކިވެފައިވާ ކުއްޖަކު، އެ ތަނެއްގައި ކިޔެވިކަމުގެ ލިޔުން ނުވަތަ ވަކިވިކަމުގެ ލިޔުމަކަށް އެދިއްޖެނަމަ، އެފަދަ ލިޔުމަކަށް އެދޭތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ކުއްޖާއަށް ނުވަތަ ބެލެނިވެރިޔާއަށް އެ ލިޔުމެއް ދޫކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ކިޔަވައިދޭ ތަންތަނުން، އެއްވެސް ބާވަތެއްގެ ފީއެއް އެއްވެސް ނަމެއްގައި ނަގަންވާނީ، ފީގެ އަދަދުތަކުގެ ތަފުސީލުތައް މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުމަށްފަހުގައެވެ. މިގޮތުން ފާސްކޮށްދޭ ފީގެ ތަފުސީލު، ކިޔަވައިދޭ ތަނުން އާންމުކުރަނެކަމަށްވެސް އައު ޤަވާއިދުގައިވެއެވެ.
ަރިވަރުންގެ އަތުން ފީ ނަގާނެގޮތުގެ އުސޫލު އެކުލަވައިލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަން ވާނެއެވެ. މިގޮތުން ފީ ކަނޑައެޅުމުގައި ދަރިވަރުންގެ އުމުރުފުރަޔަށާއި، ކުލާހުގައި ދަރިވަރުން ހޭދަކުރާ ވަގުތަށާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށާއި، ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލަންވާނެއެވެ. އަދި މި އުސޫލުގައި ފީދެއްކުން ލަސްވާ ހާލަތާއި ފީނުދައްކާ ހާލަތުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ ތަނަކުން، މިނިސްޓްރީން އެ ތަނަކަށް ފާސްކޮށްދީފައިވާ ފީއަށް ބަދަލު ގެންނަން ބޭނުންވާނަމަ، ނުވަތަ މިނިސްޓްރީން ފާސްކޮށްދީފައިވާ ފީގެ އިތުރުން، އިތުރު ފީއެއް ނަގަން ބޭނުންވާނަމަ، ދިރާސީ އަހަރު ފެށުމުގެ 3) ތިނެއް) މަސްދުވަހުގެ ކުރިން، ގެންނަން ބޭނުންވާ ބަދަލުގެ ތަފުސީލާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަން ޖެހެއެވެ.
މި ޤަވާއިދު ބުނާގޮތުން ކިޔަވައިދޭ ތަނެއް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތަކީ އެ ތަނެއްގެ މަސްއޫލުވެރި ފަރާތެއްކަމަށް ވާނެކަމަށެވެ.
ޓިއުޝަން ސެންޓަރުތައް ރަޖިސްޓްރީކުރުން ލާޒިމްކޮށްފައިވާއިރު މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން ހެދި ޤަވާއިދުގެ ދަށުން ކޮލެޖުތަކާއި ޔުނިވާސިޓީތައް ރަޖިސްޓްރީކޮށްގެން ގިންގުމުގެ ޤަވާއިދެއްވެސް ވަނީ ގެޒެޓްކޮށް އަމަލުކުރަން ފަށާފައެވެ.