އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދާ ރިވިއު ސެޝަންގައި ރާއްޖޭގެ ރިވިއު މިއަދު މެންދުރު ފަހު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަން މިއަދުގެ ރާއްޖެ ގަޑިން ގަޑިން 6:30 ގައި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕަރސަން އަދި ވަރޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ.
Attorney General and Ministers to attend the Review of Maldives at the Universal Periodic Review today https://t.co/PlO4BULGrk #MaldivesUPR2020
— AG Office Maldives (@AGOmv) November 4, 2020
މިއަދު ބޭއްވޭ ޔޫ.ޕީ.އާރުގެ ދިވެހިރާއްޖޭގެ ރިވިއު ސެޝަންއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި، ޔޫ.ޕީ.އާރު. ގެ ވަރކިންގ ގްރޫޕްގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކުރަމެވެ.
އެގޮތުން، މި ސެޝަންގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ދިވެހިރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟު އިސްމާޢީލް އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އެވެ. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދާއި، ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން މި ސެޝަންގައި އިން-ޕަރސަން ބައިވެރިވެވަޑައިގަންނަވާނެކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މި ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަރވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޢަދުލު އިންސާފާއި، މުޖުތަމަޢުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ޚިޔާލުފާޅުކުރުމާއި ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާގުޅޭގޮތުން މިނިސްޓަރުން އިންޓަރވެންޝަން ހުށަހަޅުއްވާނެއެވެ.
މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން މިއަހަރުގެ ފެބުރުއަރީ 3ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ދިވެހިރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫ.ޕީ.އާރުގެ ވަރކިންގ ގްރޫޕަށް އެންގުމަށް ދިވެހިރާއްޖެއަށް އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ފުރުޞަތު ލިބޭނެކމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.
މިއަދުގެ ސެޝަންއަށް ފަހު، މިމަހުގެ 6 ގައި ބާއްވާ ވަރކިންގ ގްރޫޕްގެ ސެޝަންގައި، ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްއިން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓް ކުރެވޭނެކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ