ދިވެހިރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ފެންނާން އޮތް ޑިމޮކްރަސީގެ އެންމެ ވަރުގަދަ ތަބެއްގެ ގޮތުގައި ފެންނާން އޮތީ 5 އަހަރު ދުވަހުން ވެރިކަމުގެ ދައުރު ބަދަލުވާގޮތަށް އޮތް އޮތުމެވެ. އަދި މިއީ ޒަމާނީ ޑިމޮކްރަސީއޮތް ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައިވެސް، ވެރިކަމުގެ ބާރުތަށް ރައްޔިތުންގެ އަތްމައްޗަށް ލިބި ދިނުމުގައި މިއުސޫލު އޮތް ގޮތްވެސްމެއެވެ.
ހަމަ އެ އުސޫލުން، ގައުމުގެ ސަލާމަތާއި ހަމަ ޖަހުމަށްޓަކާ، ސުލްހަވެރިކަމާއެކު ދައުރު ބަދަލުވުން އެހާމެ މުހިންމު ކަމަކަށް ވެފައި އޮންނަ ނަމަވެސް، ޑިމޮކްރަސީގެ ތަނބުތައް ފުރިހަމަޔަށް އަތުރާލެވިފައި ހުރި ގައުމުތަކުގައި މެނުވީ، ސުލްހަވެރިކަމާއެކު ދައުރު ބަދަލްވެފައި އޮތްތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި އަމުދުން 2008ގެ އާ ޑިމޮކްރަސީއަށްފަހު، މިއީ މިރާއްޖެއިން ފެނިގެން ގޮސްފައިވާ މަންޒަރެއްވެސް ނުމެ ނޫންމެއެވެ.
މިގޮތުން، ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ވެރިކަން ބަދަލުވެގެން އައިއައުން ބަޢާވާތެއްގެ ގޮތުގައި ސިފަކޮށް، އަދި އެއަށްފަހު ނަޝީދުގެވެސް ބައިވެރިވުމާއެކު، ވެރިކަން ބަދަލުވެގެން އައިގޮތުގައި ސައްޙަކަން ކަށަވަރުކޮށް އެކުލަވާލެވުނު ކޯނީ ރިޕޯޓުވެސް ގަބޫލުނުކޮށް، މިއަދާހަމައަށްވެސް އެކަމުގެ ޖަޒުބާތުގައި ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެޖަޒުބާތުގައި ޖައްސުވާފައި ތިބިކަން ފާހަގަ ކޮށްލެވެއެވެ. އެއަށްފަހު، ރައީސް ވަހީދުގެ ދައުރަށްފަހު، 2013ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ އިންތިޚާބުން ބަލިވުމުން، ރައީސް ޔާމިން ވެރިކަމަށް ވަޑައގެންނެވީ އިންތިޚާބު އޮލުވާލައިގެންކަމަށް ތުހުމަތު ކުރެއްވިއެވެ. މިއަދުވެސް އެތުހުމަތު އާކުރައްވަމުން ގެންދަވައެވެ.
އެއަށްފަހު ދެން އައީ ރައީސް ޔާމިންގެ ދައުރެވެ. 5 އަހަރުގެ ދައުރަށްކަށްފަހު، އެމަނިކްފާނަށްވެސް ޖެހިގެން އައި ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ. އެހެންނަމަވެސް ކުރެއްވީ އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅެއް ނުކުރެއްވިއެވެ. އަދި ސުޕްރީމްކޯޓަށްވެސް އިންތިޚާބުގެ މައްސަލަ ހުށަހެޅުއްވިއެވެ. އިލެކްޝަން ކޮމިޝަންގެ މައްޗަށް އެތަކެއް ތުހުމަތުތަކެއް ކުރެއްވިއެވެ. އަދިވެސް ހުންނެވީ އެތުހުމަތުތަކުގެ މަތީގައެވެ.
ޕީޕީއެމްއިން އަދިވެސް 2018ގެ ޖަޒްބާތުގަ!
ރައީސް ޔާމިން ޖަލު ހުކުމުން ސަލާމަތްވެ، ޕީޕީއެމްއިން އާ ފެށުމަކުން ފަށާ ޖަލްސާތައް ބާއްވަން ފަށާފައި ވާއިރު، މި ޖަލްސާތަކުގައި ގިނަ ފަހަރަސް ރައީސް ޔާމިން ދައްކަވަމުންދާތަން ފެންނަމުންދަނީ އެމަނިކްފާނުގެ ވެރިކަން ނިމި ދިޔަ ގޮތުގެ ވާހަކަތަކެވެ. 2018ގެ ރިޔާސީ އިންތިޚާބުގެ ވާހަކަތަކެވެ.
މިގޮތުން، އެންމެ ފަހުން ބޭއްވިގެންދިޔަ ޕީޕީއެމްގެ ކޮތަރުކޮށި ޖަލްސާގައި، ރައީސް ޔަމިންވަނީ އެމަނިކްފާނުގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ގޮތް ވިދާޅުވެ ދެއްވާފައެވެ. އަދި އެއަށްފަހު، ރިޔާސީ އިންތިޚާބު އިންސާފިވެރި ނޫންކަމުގެ ޝަކުވާތައް އާކުރައްވާ އެންމެ ބޮޑު ޚާއިނެއްގެ ގޮތުގައި އެމަނިކްފާނު ސިފަ ކުރައްވާފައިވަނީ އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އީސީ ޝަރީފެވެ.
އަދި އެއަށްފަހު، 2018ގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ފުލުހުން ފާހަގަ ކޮށްފައިވާކަމަށް ބުނާ ރިޕޯޓެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައެވެ. އެހެންނަމަވެސް ފުލުހުން ތައްޔާރު ކޮށްފައިވާކަމަށް ބުނާ، ރިޕޯޓެއްގައި ފާހަގަ ކޮށްފައިހުރި މި ކަންކަމުގެ ސައްޙަކަން ކަށަވަރު ވެފައި ނުވިނަމަވެސް، ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، މި އާންމު ވެފައިވާ ރިޕޯޓާއި، އަދި ފާއިތުވެދިޔަ ކޮތަރުކޮށި ޖަލްސާގައި ރައީސް ޔާމިން އާކުރައްވާފައިވާ ތުހުމަތުތަކަށް ރިއާޔަތްކޮށް، 2018ގެ ރިޔާސީ އިންތިޚާބުގެ ވާހަކަތައް ސޯޝަލް މީޑިއާގައި މުޅިން އާ ފެށުމަކުން ފަށާފައެވެ.
2018ގެ ވެރިކަން ބަދަލުވެގެންދިޔަ މަރުހަލާގައި ކަން ވެގެން ގޮސްފައިވާ ގޮތަށް ބަލާ، އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އީސީ ޝަރީފަށް ރައީސް ޔާމިން ޚާއިނަށް ގޮވުމުން، ޕީޕީއެމްއަށް ތާއީދުކުރާ ގިނަ ބަޔަކު މިވަނީ 2018ގެ ވާހަކަ އާފެށުމަކުން ފަށާފައެވެ. ގިނަ މީހުން ފެނިގެން ދަނީ، 2018ގެ ޖަޒުބާތުގަ ޖެހި، 2018ގެ ވެރިކަން ބަދަލުވެ ދިއުމުގެ އުދާސްތައް ބަންޑުން ކުރަން ފަށާފައިވާ މަންޒަރުތަކެވެ.
މުހިންމީ 2023ތަ، ނުވަތަ 2018ތަ؟
ރިޔާސީ އިންތިޚާބުތަކަށްފަހު، ވެރިކަން ބަދަލުވެދިއުމުގެ މަރުހަލާއަކީ މަދު ގައުމެއްގައި މަދު ފަހަރަކު މެނުވީ ސުލްހަވެރިކަމާއެކު، ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ މަރުހަލާއެއް ނޫނެވެ. މިގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުގައި، އިންތިޚާބު އޮޅުވާލާފައިވާކަމަށް ބުނެ، ވެރިކަމުގައި ހުންނަ ފަރާތުން ބާރުގެ ބޭނުން ކޮށް، ވެރިކަމުގެ ބާރުތައް ދޫނުކޮށް، މި ހައިޖާނުގައި ގައުމުތައް އަހުލީ ހަގުރާމަތަކުގެ ތެރެއަށް އަރަގު ވެގެން ގޮސްފައިވެސް އެބަހުއްޓެވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލަންޖެހޭ ކަމަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިމޮކްރަސީޔތަކުގައިވެސް، މިހާލަތު މިގޮތުގައި އޮތްކަމެވެ. ދުނިޔޭގައި މިވަގުތު އެންމެ ކުރިއަރާފައި އޮތް ޑިމޮކްރަސީ ކަމުގައިވާ އެމެރިކާގެ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައިވެސް ކަން ހިގައިގެން ގޮސްފައި އޮތީ ހަމަ ބީދައިންކަމުގައި ދަންނަވަން ޖެހެއެވެ.
ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާފައެއް ނުވެއެވެ. ތުހުމަތު ކުރައްވާފައިވަނީ މިހާރުގެ ރައީސް ޖޯބައިޑް އިންތިޚާބު ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތެވެ. އަދިވެސް ގެންދަވަނީ ދޭތެރެ ދޭތެރެއިން އެ ތުހުމަތުތައް އާ ކުރައްވަމުންނެވެ. އެހެންނަމަވެސް، އެމެރިކާގެ ޑިމޮކްރަސީގެ ތަނބުތައް ވަރުގަދަ ކަމުންނާއި، ވެރިކަމުގެ ބާރުތަކުގެ މުސްތަގިއްލުކަމާއި، އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ވަރުގަދަ ކަމުން، ޓްރަމްޕަށް، އިންތިޚާބުގެ ނަތީޖާއާއި ދެކޮޅަށް ވެރިކަމުގައި ދެމިހުރުމަށް ވިސްނާލުންވެސް ވެގެން ދިޔައީ ފަސޭހަކަމަކަށް ނޫނެވެ.
އެހެންކަމުން، ނިޒާމުތައް ބަދަލުވެގެން ދާދިއުމުގައި، ނާކާމިޔާބުވާ ފަރާތަށް އެކަން ބަލައިނުގަނެވުން، އެއީ އަބަދުވެސް ވުމަށްވުރެ ނުވުން ދުރުގައި އޮންނަ ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. އެހެންނަމަވެސް، ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ ހަމަ އެދަރަޖައަށް ގައުމުގެ ހަމަޖެހުމާއި ސަލާމަތާއިވެސް ގުޅިލާ މެހިގެންދާ މަރުހަލާއަކަށް ވާތީ، އަދި އެއީ އިތުރަށް ބަދަލުކުރެވެން ނެތް ހަގީގަތަތެއް ކަންވެސް ގަބޫލުކޮށް މާޒީގެ ޖަޒުބާތުތަކުން މިއަދު ބޭރުވާން ޖެހޭކަމުގައިވެސް ގަބޫކުރަން ޖެހެއެވެ.
ކުރިޔަށް އޮތީ 2023 އެވެ. 2018އަކީ މާޒީއެވެ. 2018އަށްވުރެ ބޮޑަށް 2023އަށް އަމާޒު ހިފިގެން މެނުވީ މުސްތަގުބަލް އޮންނާނޭ ކަމަށް ނުބެލެވެއެވެ.