ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން އެމަނިކުފާނަށް ކުރެއްވި ފުރަތަމަ ފޯނު ކޯލުގައި ވެސް ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
އެހެންނަމަވެސް މި މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވެފައިވަނީ އެހެން ގޮތަކަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އިންތިހާބުގެ ދެވަނަ ބުރު ބޭއްވުނު ރޭ އިންތިހާބީ ރައީސް މުއިއްޒަށް ގުޅުއްވި ނަމަވެސް، އެ ފޯނު ކޯލުގައި ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވެއެވެ. އަދި ޖެހިގެން އައި ދުވަހުގެ މެންދުރުފަހު ރައީސް އޮފީހުގައި އިންތިހާބީ ރައީސާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރެއްވި އިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ފަހު، ޔާމީން ގެއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކަ ހިއްސާކުރެއްވުމުން، އެ ދެ ބޭފުޅުންނަށް އެކަން އެނގިވަޑައިގެންފައި ނުވާކަން ހާމަވިއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނަކީ ވައުދުވެވަޑައިގަންނަވާ ކަންކަން ފުއްދަވާ ބޭފުޅެއްކަމާއި، ޔާމީން ނުހައްގުން ޖަލުގައި ހުންނެވި ކަމުގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ފައްޓަވާނެކަން އެއީ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކައެއްކަމަށެވެ.
އެ ފޯނު ކޯލުގައި ވެސް އަޅުގަނޑު ފުރަތަމަ ދެންނެވިން ރައީސް ޔާމީން ގެއަށް ގެނެސްދެއްވާށޭ. ބައެއް ބޭފުޅުން ހަނދުމަފުޅު ނެތިދާނެ.
ރައީސް ވިދާޅުވި އެވެ.
އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކުރީގެ ރައީސް ސޯލިހު ގުޅުއްވި ފޯނު ކޯލުގައި ވެސް، ފުރަތަމަ ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެއަށް ގެނެސްދެއްވުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.