މިނިދިޔަ 2018ގެ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލައި އިންތިޚާބުގައި މަކަރު ހަދާފައިވާކަން ހާމަވާ ގިނަ ކަންތައްތަކެއް ހިމެނޭ ފުލުހުންގެ ރިޕޯޓެއް އާންމުވެއްޖެއެވެ.
ޖުމްލަ 54 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މިރިޕޯޓުގައި އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފް އިސްވެ ހުންނަވައިގެން އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަމަށާއި، ވަކި ގޮތަކަށް ނަތީޖާ އިއުލާން ކުރުމަށް ކުރުމަށް މަސައްކަތް ކޮށްފައިވާކަން ހާމަވެފައިވެއެވެ. މި ރިޕޯޓުގެ ޞައްޚަ ކަމެއް ފުހުންވެސް އަދި އިލެކްޝަންސް ކޮމިޝަނުންވެސް ހާމަކޮށްފައި ނުވާއިރު، ރިޕޯޓަކީ ޞައްޚ ރިޕޯޓެއް ނޫންކަމެއްވެސް މިއިން އިދާރާއަކުން ބުނެފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން 2ވަނަ ޕޮއިންޓުގައި ވަނި ވޯޓު ފޮށި ކައިރީގައި ތިބި އޮބްޒާވަރުންނަށް އިލެކްޝަން އޮފިސަރުން އިންޒާރުދީ ބިރުދައްކާފައިވާކަމަށެވެ. 4ވަނަ ޕޮއިންޓުގައި ބުނެފައިވަނީ ވޯޓު ފޮށީގެ ޖުމްލަ ކައުންޓަރ ފޮއިލް އާއި ފޮށްޓަށް ވޯޓް ލާފައިވާ އަދަދު ދިމާނުވަނީސް ވޯޓު ގުނަން ފެށިކަމަށެވެ. 5ވަނަ ޕޮއިންޓުގައި ބުނެފައިވަނީ ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ މީހުންގެ އަދަދާއި ވޯޓް ފޮށީގައި ވޯޓް ކަރުދާސް އިތުރުވެފައިވާކަމަށެވެ. 11 ވަނަ ޕޮއިންޓުގައި ބުނެފައިވަނީ ވޯޓު ފޮށީގެ ވެރިޔާ ވޯޓު ފޮށީގެ ވޯޓު ކަރުދާސް އާއި ކިއު ނަންބަރު ލާފައި އޮތް ސިޓީ އުރަ ކަނޑާފައިވަނީ އެއްވެސް މަންދޫބެއްގެ ހާޞިރުގައެއް ނޫންކަމަށެވެ.
ފުލުހުން އެކުލަވާލި ރިޕޯޓަކީ ފުލުހުންގެ ތަހުގީގަށް އެކި އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކުން ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކުރެވޭ މުހިންމު ޕޮއިންޓުތައް:
– ވޯޓު ފޮށީގެ ވެރިޔާގެ އެހީތެރިކަމާއެކު އެކަކު ލައްވާ ދެފަހަރު ވޯޓު ލައްވާފައިވާކަން.
– ވޯޓު ފޮށީގެ ވެރިންނަށް ލާފައި ތިބީ މަސްތުގެ ހާލަތުގައި ތިބި ބައެއްކަން.
– ވޯޓާރސް ލިސްޓްގައި (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)ގެ ފަރާތުން ވޯޓާރސް ލިސްޓްގައި ސޮއިކުރުވީ ކޮންމެ ލިސްޓެއްގެ ވެސް އެންމެ ފަހަތުގައި އިންނަ ގަނޑުގައި އެކަނި ކަމާއި އެގޮތަށް ކަންތައް ކުރުމުން އެކަމާއި ބެހޭގޮތުން އެތަނުގައި ތިބި ކުދިން ކައިރީގައި އެވާހަކަ ބުނުމުން"މިފަހަރު ހަމަޖެހިފަ އިނީ މިގޮތަށް" ބުނެ ސޮއިކުރުވާފައިވާކަން.
– ވޯޓު ފޮށި ގުނިއިރު ޔޫވީ ލައިޓް އަޅުވައިގެން ވޯޓު ކަރުދާސް ބެލިއިރު ސެކިއުރިޓީ ފިޗާރ ނެތްކަން.
– ވޯޓު ކަރުދާސް ގުނަމުން ދިޔައިރު އެއްގޮތަކަށް ހުރި ފާހަގަ ތަކެއް ހުރުމާއި ވޯޓު ގުނަމުން ދިޔައިރު ވޯޓު ކަރުދާސް ކޮޅެއްގެ 2 ނަންބަރު ކެޑިޑޭޓަށް ވޯޓުލުމަށް ފާހަގަ ޖަހާ ގޮޅީގައި އެމް.ޑީ.ޕީގެ ލޯގޯ ފަޑު ފާޑުކޮށް އިންކަމާއި ނަމަވެސް 1 ނަންބަރު ކެންޑިޑޭޓަށް ވޯޓުލުމަށް ފާހަގަ ޖަހާ ގޮޅީގައި އިތުރު ފާހަގައެއް ނެތުން.
– ވޯޓު ކަރުދާސްތައް ގުނަމުން ދިޔައިރު ޔޫވީ ލައިޓް އެޅުވުމުން ބައެއް ވޯޓު ކަރުދާސްކޮޅުގައި އެއްގޮތަކަށްވެސް ސެކިއުރިޓީ ފީޗާރ ނެތްކަން ފާހަގަ ކުރެވިގެން ވޯޓު ފޮށީގެ ވެރިޔާއާއި ސުވާލު ކުރުމުން އެކަމާއި ބެހޭ ގޮތުން ޖަވާބެއް ނުދިނުން
– އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވޯޓުލުމުގެ ކުރިން ބަޔަކު މީހުންނާއި ބައްދަލުކޮށް ވޯޓު އޮޅުވާލުމަށްޓަކައި ކުރާނެކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައިވުން.
– ވޯޓުކަރުދާސްތަށް ޗެކްކުރަމުން ދިޔުމުގެ ތެރޭގައި ތަފާތު އެތައްކަމެއް ފެނިފައިވާކަން.
– ވޯޓުލާ ނިމުމުން ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވޯޓު ކަރުދާސްތައް އިލެކްޝަން ކޮމިޝަންގެ އިންތިހާބާއި ބެހޭ މަރުކަޒަށް ގެނައުމުން ވޯޓު ކަރުދާސް ގުނުމުގެ މަސައްކަތަށް ގާތްގަނޑަކަށް އިލެކްޝަން ކޮމިޝަންގެ ތެރެއިން 27 މީހުން ނަގާފައިވާކަން.
– ނަތީޖާ ޝީޓު އެކަނި ލިބުމުން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން "މީ މިފަހަރު ހަމަޖެހިފަ އޮތް ގޮތް، ބޮޑެތި މީހުން އެންގި ގޮތޭ، ނަތީޖާ ޝީޓްތައް ބަލައިގެން ސިސްޓަމަށް ނަތީޖާތައް އަޅަމުންދާށޭ" ބުނެފައިވާކަން.
– އިންތިހާބުގެ ދާއިމީ ނަތީޖާވެސް އިއުލާން ކުރީ އެއްވެސް ވޯޓު ކަރުދާހެއް ނުގުން ނަތީޖާ ޝީޓު ތަކަށް ބަލާފައި ކަމާއި މިކަންތައްތައް ވަރަށް ރަނގަޅަށް އިލެކްޝަން ކޮމިޝަންގެ މެންބަރުންނަށާއި އިސްވެރިންނަށް އެނގޭނެކަން.
– ބިއުރޯގައި މައްސަލަތައް ބަލަމުން ދަނިކޮށް ކުއްލިއަކަށް އިލެކްޝަން ކޮމިޝަންގެ ވެރިން މިހާރުން މިހާރަށް ދަރުބާރުގެ އަށް ބިއުރޯގެ މަސައްކަތް ބަދަލު ކުރުމަށް އެންގުމުން އެގޮތަށް ކަންތައް ކުރިކަން.
– ވޯޓުލާ ނިމުނު ފަހުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް 2018 އޮކްޓޫބަރ 06 ވަނަދުވަހު 11:00 ހާއިރު ބައްދަލުކޮށް "ވެދިޔަ ކަމެއް ދިޔައިއްޔޭ، އަޅުގަނޑުމެން ނިންމައިފީމޭ ހުރިހާ މައްސަލައެއް ޑިސްޕެޗްކުރަން"ބުނުމުން އެގުނީ ބިއުރޯއަށް ފޮނުވި މައްސަލަތައް ޑިސްޕެޗް ނުކުރާކަން.
– ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރިފަހުން ބިއުރޯގައި މަސައްކަތް ކުރަމުން ދަނިކޮށް އިލެކްޝަން ކޮމިޝަންގެ ލީގަލް ކައުންސިލްގެ ވެރިއެއް ބިއުރޯގައި މަސައްކަތްކުރާ މީހަކަށް ގުޅާ"ކީއްވެގެންހޭ އެޕްރޫވަލްއަށް ނުފޮނުވާ މައްސަލަތައް ޑިސްޕެޗްކުރަން ފޮނުވާފައި އެހު ބުނި ކަމަށާއި، އެހެން ބުނުމުން އެގެއެއް ނޫންހޭ، އެތަނުގެ ހާލަތު ތިމަންނަ މެންނަށް ސިސްޓަމުން މެއިލް ކުރެވޭނެ އެއްވެސް ގޮތެއް ނެތީމައޭ އެގޮތަށް ޑިސްޕެޗް ކުރަން ފޮނުވީ" ބުނި ކަމާއި އެގޮތަށް ބުނުމުން އެކަމާއި ހިތްހަމަ ނުޖެހިގެން "ކަލޭމެން ވަކިކޮޅަކަށް ޖެހިގެންނޭ މައްސަލަތައް ތިޔަފޮނުވަނީ" ކިޔާ ވަރަށް ހަޑިކޮށް އެއްޗިހި ކިޔާފައިވާކަން.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވުމަށްފަހު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ކަނޑައަޅައި އިންތިޚާބު ބާތިލް ނުކުރާ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ފުލުހުންނާއި ސިފައިން މެދުވެރިކޮށް އިންތިޚާބުގައި ހިނގާފައިވާ ކަންކަން ތަޙްޤީގު ކޮށްދިނުމަށް މައްސަލަ ހުށަހެޅުއްވި ފަރާތުން އެދިފައިވީ ނަމަވެސް އެކަން އެގޮތަށް ތަޙްޤީގް ކޮށްދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސްޕްރީމް ކޯޓުންވަނީ އޭރު ކަނޑައަޅާފައެވެ.
ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ.
އިންތިޚާބާއިމެދު މިއަދު ގިނަ ސުވާލުތަކެއް އުފައްދަމުންދާއިރު، އޭގެ މާބޮޑު ހަގީގަތެއް އަދާއި ހަމަޔަށްވެސް ނޭގެއެވެ. އިންތިޚާބަކީ ޞައްޚަ އިންތިޚާބެއްކަމަށް އިލެކްޝަސް ކޮމިޝަނުން ބުނަމުންދާއިރު، ރޭ ރައީސް ޔާމީން ދެއްކެވި ވާހަތަކާއި ގުޅިގެން އިންތިޚާބުގެ ނަތީޖާއާއިމެދު އިދިކޮޅު ފަރާތްތަކުން އުފައްދަމުންދިޔަ ސުވާލުތަކައް މިވަނީ އަނެއްކާވެސް އިތުރު ބަހުސްއަކަށް ގޮސްފައެވެ.
One Response
ސުބުޙާނައްﷲ! ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި އެތައް ބަޔަކު އެބައިމީހުންގެ އަމިއްލަފައިދާ އިސްކޮށް އެތައް ރައްޔިތުންނެއްގެ ޙައްޤަށް އަރާގެންފައިވާ ކަން ސާފު ޢިބާރާތަކުން ހާމަވެގެން ދާނޭ ދުވަސް އިންޝާﷲ އަންނާނެއެވެ! އެދުވަހުން ޒައްރެއްގެ މިންވަރުވެސް ދޫނުދޭނަމެވެ! އަޅަމެންގެ މައްޗަށް ބަސްބުނުމަށް އިސްކުރައްވަވާފައިތިބި އަމިއްލަ އެދުމުން ފޯވެ، ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އެއްފަރާތްކުރުވި އިންސާނާގެ ނިކަމެތި ކަމާއި ޖައްބާރު ކަމާއެވެ! ވައްﷲ އަޢުލަމް!