ޑްރަގުބޯޓު ހުއްޓުވަން އޮތް އުކުޅަކީ އަވަށްޓެރިންނަށް ޤައުމު ވިއްކާލުމެއްނޫން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަފުޅުގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އަވަށްޓެރި ޤައުމަކާއި ގުޅިގެން ކުރާ މަސައްކަތަކީ ކުށްވެރިންނަށް އެހާ ހިންހަމަ ޖެހޭ ކަމަކަށް ނުވާނެކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަތަކާއި ގުޅިގެން ސައީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އިންޑިއާއަށް ބޮޑުބައެއް ދީގެން ތިބުމަކީ ހައްލެއް ނޫންކަމަށެވެ. ޑަރްގުބޯޓު ހުއްޓުވަން ކަމަށްބުނެ އިންޑިއާއަށް ދިވެހިންގެ މާކަނޑުގެ ބޮޑުބައެއްދީގެން ތިބުމަކީ މިކަމަށްވެސް އޮތް ހައްލެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ކުރާ ކަންކަމަކީ ކާމިޔާބު ވާނެ ކަމެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ.
ޑްރަގުބޯޓު ހުއްޓުވަން އޮތް އުކުޅަކީ އަވަށްޓެރިންނަށް ޤައުމު ވިއްކާލުމެއްނޫން! އިންޑިއާ ސިފައިން އަދި މަނިކުފާނުވެސް ޖެހޭނީ ފައިބަން.
– ސައީދު ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ.ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމުގައެވެ. އަދި މިސަރަހައްދަކީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގާ ސަރަހައްދެއްކަމުގައެވެ. ދުނިޔޭގެ ބޮޑެތި ޑްރަގު ނެޓްވޯކްތކާއި، ޓެރަރިޒަމް އާ އެހެނިހެން ވަގުވިޔަފާރިއާ، ހަތިޔާރުގެ ޣައިރު ގާނޫނީ މުޢާމަލާތަށް އިންޑިއާ ކަނޑުގައި އަބަދުގެ އޮންނަ ކަމުގައި ވިދާޅުވިއެވެ. މިކަން ކަމަކީ ޖާގަދީގެން ބަލަންތިބޭ ވަރަށްވުރެ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމުގައި، އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ މިދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރަހައްދު، އެއްގަމާ ކަނޑާ ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުއްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހިދައުލަތުގެ ދަށުގައިވާ އެއްގަމާ ކަނޑާ ވައިގެ ސަރަހައްދު މިދެންނެވި ބޭނުންތަކަށް ދުލެއް ނުކުރެވޭނެ. ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލަކީ މަސްދޯނި ފަހަރަށްވުރެ ޑްރަގްބޯޓް ފަހަރު ގިނަވާން ދޫކޮއްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަ ނުވެސްދޭނަން.
– ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރާ ހަވާލުވީއިރު، މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ ބާނާމަސް ނުކިރި އުކާލަންޖެހުމުގެ ޝަކުވާ ކަމުގައެވެ. އަދި މިއަދު ސަރުކާރުން ކުރަމުންދަނީ އެޖާގަތައް އިތުރުކުރުމުގެ މަސައްކަތް ކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ