ލަންކާގައި ދިރިއުޅޭ ދިވެހި ކުދިންނަށް އަމާޒުކޮށްގެން، އެ ގައުމުގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާއިން ކުރިޔަށްގެންދާ ޔޫތް ޑިވޮލޮޕްމެންޓް ޕްރޮގްރާމް (ވައި.ޑީ.ޕީ) ވައި.ޑީ.ޕީގައި ބައިވެރި ވުމުގެ ފުރުޞަތު އެ ސެންޓަރުން ހުޅުވާލައިފިއެވެ.
ސޯސަންވިލާއިން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން މިވަގުތު ވައި.ޑީ.ޕީ ޕްރޮގްރާމް ފަށަނީ ފުޓްބޯޅަ އާއި ހޭންޑްބޯލްއެވެ. އެހެންކަމުން ފުޓްބޯޅަ އާއި ހޭންޑްބޯލްގެ ވައި.ޑީ.ޕީގައި ބައިވެރިވާން ބޭނުންވާ އުމުރުން 6 އަހަރާއި 18 އަހަރުގެ ކުދިންނަށް އެ ފުރުޞަތު އެބައޮތް ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
"އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރުފަހު 3:30 އާއި ދެމެދު 0112366147 / 766310312 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ." އެ ސެންޓަރުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯސަންވިލާގެ ވައި.ޑީ.ޕީ ޕްރޮގްރާމްގައި ކޯޗެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރި ވަނީ މީގެކުރިން ރާއްޖޭގައިވެސް ފުޓްބޯޅަ އާއި ބެޑްމިންޓަންގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އިސްމާއީލް ރިޔާޒް (އިއްސެ ކޯޗު) އެވެ. އިއްސެ ކޯޗަކީ ލަންކާގައި އުޅޭ ވަރަށްގިނަ ދިވެހި ކުދިންނަށް މީގެކުރިންވެސް ފުޓްބޯޅަ އާއި ބެޑްމިންޓަންގައި ކޯޗު ކޮށްދީފައިވާ ފަރާތެއް ކަމަށްވެއެވެ.