ކުރީގެ ރައީސުންނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީފައި ތިބޭ ބައެކެވެ. އަދި އޭގެ އިތުރަށް ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދިނީތީ އިއްޒަތާއި ޝަފްވެރިކަން ލިބިދީފައި ތިބޭ ބައެއްވެސް މެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި، ގައުމުތަކުގެ ކުރީގެ ވެރީންނަށް ދައުލަތުން ހިމާޔަތާއި އިނާޔަތާއި، ރައްކާތެރިކަމުގެ އިތުރުން، ޝަރަފާއި އިއްޒަތް އަރުވާފައިވާއިރު، އެބޭބޭފުޅުންގެ ދައުރަކަށް މިފަދަ ގިނަ ގައުމުތަކުގައި ވެގެން ގޮސްފައި އޮންނަނީ، ވެރިކަމުން ދުރުވުމާއެކު، ސިޔާސީ މަސައްތަކުން ދުރަށް ވަޑައިގެން، ގައުމަށް ފައިދާހުރި އިގްތިސާދީ ނުވަތަ އިޖުތިމާއީ މަސައްކަތްތަކަށް އެބުރިވަޑައިގަތުމެވެ. އާވިސްނުންތަކަށް، އާ ލީޑަރޝަޕަކަށް ފުރުސަތު ދިނުމެވެ.
މިގޮތުން ބަލާއިރު އެންމެ ބޮޑަށް ފާހަގަ ވާން އޮތް ގައުމަކީ އެމެރިކާއެވެ. އެގައުމަކީ، 4 އަހަރުން ދައުރު ބަދަލުވާ ގައުމަކަށް ވާއިރު، އެގައުމުގައި މިހާރުވެސް ކުރީގެ 5 ރައީސަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. މިއިން އެއްވެސް ރައީސަކު ވެރިކަމުގެ ދައުރަށް ފަހުން ސިޔާސީ މަސައްކަތަކުގައި އުޅުއްވާފައެއް ނުވެއެވެ.
ހަމަ އެފަދައިން ޔޫރަޕްގައި، ބަރުލަމާނީ ނިޒާމު އޮތް ގިނަ ގައުމުތަކުގައިވެސް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، ސިޔާސީ ނޫން ދާއިރާތަކުން ގައުމީ ޚިދުމަތަށް ވަޑައިގެންފައިވާ އެތައް ވެރީންނެއް އެބަ ތިއްބެވިއެވެ.
އެހެންނަމަވެސް މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގެ ވާހަކަތަކެވެ. މި ގައުމުތަކާއި އެއްވެސް ހައިސިއްޔަތަކުން ރާއްޖެފަދަ 3 ވަނަ ދުނިޔޭގެ ގައުމުތަކާ އަޅާ ކިޔާ ނުލެވުނު ނަމަވެސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުންނަކީ، މާލީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ގައުމަށް ބޮޑު ބުރައަކަށް ވެގެންދާނަމަ، އެވާހަކަ އެކި މޭރުމުން ދައްކަން ޖެހޭކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
އަދި ހަމަ އެއާއެކު، މި ބޭބޭފުޅުންނަކީ، ވެރިކަން ކުރެއްވުމަށްފަހުވެސް، ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގެންފައި ނުވާ ބޭފުޅުންނަށް ވާއިރު، ރާއްޖޭގައި އޮތް ސިޔާސީ ވާދަވެރިކަމާއި، ބައިބައިވުމަކާއި މި ހުރިހާ ބޭފުޅުންނާވެސް ގުޅިލާމެހިގެން ދާއިރު، މި ހުރިހާ ބެބޭފުޅުންނަކީވެސް ދައުލަތުން ބޮޑު ހޭދައެއް ކުރަމުންދާ ބޭފުޅުންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަންވެސް ޖެހެއެވެ.
ކުރެވެމުންދާ ބޮޑެތި ހޭދަތައް!
ރާއްޖޭގައި ކުރީގެ ރައީސްކަން ކޮށްފައިވާ 4 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ރައީސް މައުމޫންގެ އިތުރުން، ރައީސް ނަޝީދު އާއި، ރައީސް ވަހީދުގެ އިތުރުން ރައީސް ޔާމީންއެވެ. މި4 ބޭފުޅުންގެ ތެރެއިން ރައީސް ވަހީދު ފިޔަވާ އެހެނިހެން ބޭބޭފުޅުންނަކީ އަމިއްލަ ފުޅު ޕާޓީގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އަދި މިހުރިހާ ބޭބޭފުޅުންނަކީވެސް، ރައީސްކަމުގެ މަގާމުން ވަކިވެ ވަޑައިގެންނެވުމަށް ފަހުވެސް ވަރުގަދަޔަށް ސިޔާސީ މަސައްކަތްތައް ކުރައްވަމުން، ދައުލަތުން އިނާޔަތް ކޮންމެ މަހަކުވެސް ނަންގަވަމުން ގެންދަވާ ބޭބޭފުޅުންވެސްމެއެވެ.
2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރައްވާފައިވާ ބަޖެޓަށް ބަލާއިރު، ކުރީގެ ރައީސުންނަށް ގާނޫނުން ލިބިދޭ އިނާޔަތްތައް ޖުމަލް 11.7 މިލިއަން ރުފިޔާވަނީ ބަޖެޓް ކޮށްފައެވެ.
މީގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ބަޖެޓް ކުރެވިފައިވަނީ ރައީސް މައުމޫނަށެވެ. އެއީ ކުރީގެ ރައީސަކަށް ވީތީވެ ކޮންމެ މަހަކުވެސް ލިބޭ އިނާޔަތުގެ އިތުރުން، ދިރިއުޅުއްވާ ތަނަށާއި، އޮފީސް ހިންގުމަށާއި، އަދި ބޭސްފަރުވާއަށް ކަނޑަ އަޅާފައިވާ ފައިސާގެ އަދަދު ހިމަނައިގެން މަހަކަސް 300،000 ރުފިޔާއެވެ.
ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތަފްސީލް:
– މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000ރ
– ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000ރ
– އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 175،000ރ
– ބޭސް ފަރުވާއަށް 700،000ރ (ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ޚަރަދު ކުރުމަށް)
– އާސަންދަ ހެލްތު އިންޝޫރަންސް ލިބިވަޑައިގަންނަވާ
ޖުމްލަ މަހަކު: 300،000ރ
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު، ކުރީގެ ރައީސުންނަށް މަހުން މަހަށް ލިބިވަޑައިގަންނަވާ އިނާޔަތް ނުނެންގެވި ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްތަން މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،125ރ އާއެކީ މަހަކު 248،125ރ ލިބި ވަޑައިގަންނަވައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް:
– މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ (ނުނަންގަވާ)
– ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000ރ
– އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 175،000ރ
– ބޭސް ފަރުވާއަށް 700،000ރ (ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ޚަރަދު ކުރުމަށް)
– އަމާނަތަކަފުލް ހެލްތު އިންޝޫރަންސް ލިބިވަޑައިގަންނަވާ
– އާސަންދަ ހެލްތު އިންޝޫރަންސް ލިބިވަޑައިގަންނަވާ
– ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މުސާރަ މަހަކު 73،125ރ
ޖުމްލަ މަހަކު: 248،125ރ
ރައީސް ޔާމިންގެ ދައުރުގައި ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ގާނޫނަށް ގެނެވުނު ބަދަލާއިއެކު، ކުރީގެ ރައީސަކު ކޯޓު ހުކުމެއްގައި ހުންނަވާ ނަމަ އިނާޔާތް ލިބި ވަޑައެއް ނުގަންނަވާނެއެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރައީސް ޔާމިން މިހާރު މިނިވަން ވެފައިވުމާއެކު ފިނޭންސް މިނިސްޓްރީން މިހާރުވަނި އިނާޔަތް ދޭން ފަށާފައެވެ. އަދި މިހާރު އެމަނިކްފާނުވަނީ، ޖަލުގައި ހުންނެވި ދުވަސްވަރަށްވެސް ލިބެންޖެހޭ އިނާޔަތް ނެންގެވުމަށްވެސް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައެވެ.
މިގޮތުން މަހަކަށް ލިބިވަޑައިގަންނަވާ މާލީ އިނާޔަތަކަށް އެކަނި ބެލި ކަމުގައިވި ނަމަވެސް، ޖަލުގައި ހުންނެވި ދެ އަހަރެއްހާ ދުވަހަށް ޖުމްލަ 6.6 މިލިއަން ރުފިޔާ ލިބިވަޑައި ގަންނަވާނެއެވެ.
ރައީސް ޔާމިނަށް ލިބިވަޑައިގަންނަވާ އިނާތަޔްތައް:
– މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ
– ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000ރ
– އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 175،000ރ
– ބޭސް ފަރުވާއަށް 700،000ރ (ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ޚަރަދު ކުރުމަށް)
– އަމާނަތަކަފުލް ހެލްތު އިންޝޫރަންސް ލިބިވަޑައިގަންނަވާ
– އާސަންދަ ހެލްތު އިންޝޫރަންސް ލިބިވަޑައިގަންނަވާ
ޖުމްލަ މަހަކު: 275،000ރ
ކުރީގެ ރައީސުންގެ ތެރެއިން އެންމެ ކުޑަކޮށް އިނާޔަތް ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސް ވަހީދެވެ. އެހެންނަމަވެސް އެމަނިކްފާނަށްވެސް އިނާޔަތުގެ ގޮތުގައި މަހަކު 225،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ރައީސް ވަހީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް:
– ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000ރ
– އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 175،000ރ
– ބޭސް ފަރުވާއަށް 700،000ރ (ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ޚަރަދު ކުރުމަށް)
– އާސަންދަ ހެލްތު އިންޝޫރަންސް ލިބިވަޑައިގަންނަވާ
މިގޮތުން މި ހުރިހާ ބޭފުޅުންނަށް އަހަރަކު ދައުލަތުގެ ބަޖެޓުން ލިބިދެވޭ ޖުމްލަ އަދަދު، ބޭސްފަރުވާއަށް ހަމަޖައްސާ ދީފައިވާ 700،000 ރުފިޔާ ނުހިމަނާ ހިސާބު ކޮށްލުމުން 12 މިލިއަނަށްވުރެ ބޮޑުއަދަދެއް ހޭދަކުރުމަށް ބަޖެޓް ކުރަން ޖެހެއެވެ.
ބޭސް ފަރުވާއަށް އަހަރަކު 7 ލައްކަ ރުފިޔާ، އާސަންދަ ވެސް ލިބޭ
ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ވަނީ، ކުރީގެ ރައީސުންގެ ބޭސް ފަރުވާއަށް ކޮންމެ ބޭފުޅަކަށްވެސް، އަހަރަކަށް 700،000 ރުފިޔާ ހިމަނާފައެވެ. މިއީ މި ހުރިހާ ބޭފުޅުންނަށް ދައުލަތުގެ އާސަންދަ ސްކީމުން ހިލޭ ބޭސްފަރުވާ ކުރެވޭ ގޮތަށް އޮތުމާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ލިބިދީފައިވާ އިނާޔަތެވެ.
އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ މެމްބަރަކަށް ވާތީ ރައީސް ނަޝީދަށާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރަކަށް ވާތީ، ރައިސް ޔާމީނަށް އަމާނަތަކަފުލް އިންޝޫރަންސްއިން ބޭސްފަރުވާ ކުރެވޭނެއެވެ.
އެހެންކަމުން، ކުރީގެ ރައީސުންނަށް ލިބިވަޑައި ގަންނަވާ އިނާޔަތްތައްކުގެ ތަފްސީލުތަކަށް ބަލާލުމުން ދައުލަތުން ރައްޖޭގެ ކުރީގެ ރައީސުންނަށް ކުރަމުންދާ ބޮޑެތި ހޭދަތައް ފާހަގަވާން އެބަހުއްޓެވެ. އަދި މި ހުރިހާ ބޭފުޅުންނަކީވެސް މާލޭގައި އަމިއްލަ ގެދޮރު ހުރެމެ، ގިނަ ބޭފުޅުންނަކީ އާއިލީގޮތުންވެސް ތަނަވަސްކަން ހުރި ބޭފުޅުންނަށް ވާއިރު، އަދި ހަމަ އެއާއެކު، ސިއްޙީ ފަރުވާވެސް، އިންޝޫރަން ސްކީމުން ލިބެން އޮތް އިރު، މިއިން ކަމަކަށްވެސް ރިއާޔަތް ކުރުމެއް ނެތި، މިއީ ދައުލަތުގެ މާލިއްޔަތުން ލިބިދެވޭ ގޮތަށް ހަމަޖެހިފައި އޮންނަ އިނާޔަތްތަކަށް ވާއިރު، މިއީ ކުރީގެ ރައީސުންނެއްކަމަކު އިނާޔަތް ލިބިދިނުން އެންމެ ޒިންމާދާރު ގޮތްތޯ، މިއީ ހަގީގަތުގައިވެސް ގިނަ ބަޔަކު މިއަދު ކުރަމުންދާ ސުވާލެކެވެ.
އަދި ހަމަ އެއާއެކު، މިއިން އެއްވެސް ބޭފުޅަކީ، ވެރިކަމަށްފަހު އަބުރުވެރި ދިރިއުޅުއްވުމަކަށް ވަޑައިގެންފައިވާ ބޭފުޅުންނެއްވެސް ނުމެ ނޫންމެއެވެ. ސިޔާސީ ގޮތުން އަމިއްލަފުޅު ޕާޓީ ހިންގަވަމުން، މުޒާހިރާތައް ކުރައްވަމުން، މުޅިގައުމުގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ހުރިހާ ހަލަބޮލިކަމެއްގެ ފަހަތުގައި ވެސް ރާއްޖޭގެ ކުރީގެ ރައީސުން ތިއްބެވިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންނަމަވެސް، ރައްޔިތުން މިއަދު މިތިބީ މިއުސޫލު ފުރިހަމަޔަށް ރުހި ގަބޫލު ކޮށްގެންނެވެ. ނިކަމެތި ރައްޔިތު މީހާ އަނގަޔާއި އަތާ ދިމާނުވި ނަމަވެސް، ލިބޭ އެތިކޮޅު މަދުވެ، މުސާރަ ކުޑަވެ، ދުވަހަކު ހާލަތު ބަދަލު ނުވިއެއް ކަމަކު، މި ރައީސުންގެ ޖާހަތު މަތިވެރިކުރުމަށް، ޕާޓީ ކުލައިން ހެދުންލައިގެން ރައްޔިތުން ގެންދަނީ ރައީސުންގެ ބެރުދުންމާރިއަށް ނަށަމުންނެވެ. މިއީ މިއަދުގެ ހަގީގަތެވެ.
4 Responses
ރައްޔިތުންގެ މުދަލުން އިސްރާފްކުރުމެއްކަމުގައި ވާނެ. އެވެސް އާދައިގެ އިންސާނުން
އޮފީސްހިންގުމުގެޚަރަދު ކަނޑާލަންޖެހޭ އޮފީހުން އުފައްދަނީ ފިތުނައާއި ބަޤާވަތް މިކަމަކީއިސްލާދީނުގައި ހަރާމްކަމެއް
އަޅުގަޑައްް ގަބޫލްކުރެވޭގޮތުގައިި ރައީސްކަންކުރެއްވިި އެއްވެސްބޭފުޅަކައްް ތިހާބޮޑަތިި ހޭދަތަކެއްކުރެއްވުމަކީީ ވަރައްް އަމިއްލައެދުންބޮޑުު ބަޔަކައްނޫނީނުވާނެެ އެއީީ އެބޭފުޅުންްގެެ މަސްއޫލިއްޔަތުގަަ ހުންނެވިއިރުު އެމަސްއޫލިއްޔަތަކާާ އެކަށޭނެެ މުސާރަޔާއިި އިނާޔަތްތައްް ހަމަޖައްސަވަނީީ އަމިއްލަފުޅައްް ހިތުހުރިމިންވަރަކައްް އަދިި އެބޭފުޅުންގެެ އައުވާނުންވެސްް ހިތްތައްފުރާލަދެއްވަނީީ ދައުލަތުގެެ މާލިއްޔަތުންް އެފަގޮތްގޮތައްް ދައުލަތްރޭޕްކޮއްދެއްވީތީ މަސްއޫލިއްޔަތެއްނެތަސްް ދެއްވާާ އިނާޔަތްތައްް މާގިނަަ ހީވާގޮތުގަަ އެބޭފުންް އެއްވެސްޓެކުސްް އެއްވެސްނުދެއްވާާ އަދިި ނުވިތާކައްް ޖީއެސްޓީީ ވެސްް ރާއްޖެއައްް ލިބިދާނެކަމުގެެ ބިރައްޓަކައިި ގެއައްބޭނުންވާާ އެއްޗިހިވެސްް ގެންނަނީީ ރާއްޖޭންބޭރުންް ދެންމިވަރުގެެ ރައްޔިތުންދެކެލޯބިވާބަޔަކައްް ރައްޔިތުންް އެއްވެސްް އެއްޗެއްދޭންޖެހޭތޯނޫންް ނުޖެހޭނެެ ތިއެއްވުރެމާރަގަޅުު ސިވިލްސާވަންޓުންނައްް ތިފައިސާތައްް ބަހާލަދެއްވިއްޔާާ
naseedu nunahgava nuhunnaane iturahves nahgavaane bomugehamalaa.ahfahu sarukaarun kihaa haradeh kuranee