އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ރާއްޖެއަށް އޮތް ރައްކަލެއް ނުވިސްނޭ ކަމުގައި ދީނީ އިލްމުވެރިޔާ އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ގިނަ ދިވެހި ރައްޔިތުން ގޮވާލާ މިދަނޑިވަޅުގައި ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ތިބުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރާނެ ކަމެއް ނޫންކަމަށެވެ. ބޭރުގެ ޤައުމުތަކުގެ ސިފައިން ރާއްޖޭގައި ބޭއްތިއްބުމަށް ދައްކަމުންދާ ވާހަކަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަތަކެއް ނޫންކަމަށާއި، ބޭރުގެ ސިފައިން ބައިތިއްބައިގެން ރާއްޖެއަށް ވާނެ އެއްވެސް ފައިދާއެއް ނެތްކަމަށް ޝައިޚު ވިދާޅުވިއެވެ.
ބޭރުޤައުމުތަކުގެ މިލިޓްރީ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސްއިރަކު ތާއީދުކުރިކަމެއް ނޫން! އަދި މިކަން ޖަސްޓިފައިކުރުމަށް ދައްކާވާހަކަތަށް ދެކޮޅުޖެހޭތަނެއް ނުފެނޭ! މިކަން ރާއްޖެއަށް ރައްކަލަކަށް ވާގޮތެއްވެސް ނުވިސްނޭ! ދުނިޔޭގެ ޤައުމުތަކުން ބޭރުސިފައިން ފަހުންއޮންނަނީ ނުބޭލިފައި!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ބޭލުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވަމުންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން ވާނެ އެއްވެސް ގެއްލުމެއް ނެތްކަމަށެވެ. އަދި ސިފައިން ތިބީ ހެލިކޮޕްޓަރު ދުއްވުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިހާރުވެސް ރާއްޖޭގެ ދެކުނާ އުތުގައި އިންޑިއާ މިލިޓަރީ ސިފައިން ގިނަ އަދަދަކަށް ތިބިއިރު މިމީހުން ދިރިއުޅެމުންދަނީވެސް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި، ހަތިޔާރުތަކާއިވެސް އެކުގައިކަމަށް އެރަށްތަކުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެޤައުމެއްގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަތިޔާރާއިއެކު ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ނުތިބެވޭއިރު، ރާއްޖޭގައި އުފުރުސަތު ދިނުމަކީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެތިބެ ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ހަރަކާތެއް ފަށާފައެވެ. މިހަރަކާތުގެ ސަމާލުކަން ބައިނަލް އަގުވަމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، މިކަމާއިގުޅިގެން ސަރުކާރުންވެސް އަދި އިންޑިއާ އެމްބަސީންވެސް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.