ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވާ ކޯވިޑް19އާއި އެއިޑްސް ބައްޔާއި ގުޅުން އޮތްކަމަށް ބްރެޒިލްގެ ރައީސް ވިދާޅުވުމުން، އޭނާގެ މައްސަލަ ތަހުގީގް ކުރުމަށް އެގައުމުގެ ސުޕްރީޕް ކޯޓުން އަމުރު ކޮށްފިއެވެ.
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވިދާޅުވެފައިވަނީ، ކޯވިޑް19އަށް ޕޮޒިޓިވް ވާމީހުންނަށް ފަސޭހައިން އެއިޑްސް ބަލިޖެހޭކަމުގައެވެ.
އެއްވެސް ހަގީގަތެއް ނެތް މިވާހަކަ ބޮލްސޮނާރޯ ދައްކަވާފައި ވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެވިކޮށް ފާއިތުވި އޮކްޓޯބަރު މަހު ލައިވްކޮށް ބްރޯޑްކާސްޓުކުރި ވީޑިއޯއެއްގައެވެ. އަދި މި ވީޑިއޯއާއި ގުޅިގެން ވަގުތީގޮތުން އޭނާވަނީ ފޭސްބުކުއިންނާއި އަދި ޔޫޓިއުބުން ސަސްޕެންޑްވެސް ކުރެވިފައެވެ.
ބްރެޒިލްގެ ކޯޓުގެ އޮފިޝަލް ޓުވިޓަރ އެކައުންޓުގައި ބުނެފައިވާ ގޮތުން އުއްތަމަ ފަނޑިޔާރު އެލެގްޒެންޑަރ ޑީ މޯރައިސް މި ތަހުގީގު ކުރުމަށް އަންގާފައިވަނީ، ބޮލްސޮނާރޯގެ ސަރުކާރުން ބްރެޒިކްގެ ކޯވިޑް ޕެންޑަމިކް މެނޭޖެ ކޮށްފައިވާ ގޮތް މިހާތަނަށް ތަހުގީގު ކުރަމުން ގެންގޮސްފައިވާ ޕާލަމެންޓްރީ ކޮމީޓީގެ އެންގުމަށް ކަމަށެވެ.
ބްރެޒިލްއަކީ ކޯވިޑްގެ އަސަރު މުޅި ދުނިޔެއިންވެސް އެންމެ ބޮޑަށް ކޮށްފައިވާ އެއްގައުމަށް ވާއިރުވެސް، އެގައުމުގެ ރައީސް ބޮލްސޮނާރޯ ވަނީ ކޯވިޑަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ވިދާޅުވެ، އަދި އާންމު ރައްޔިތުންވެސް ވެކްސިން ނުޖެހުމަށް ހިތްވަރު ދެއްވާފައެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން، އެތެރެއާއި ބޭރުންވެސް ބޮޑެތި ފާޑު ކިޔުންތަކާ އޭނާއަށްވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ބޮލްސޮނާރޯގެ ސަރުކާރުން ކޯވިޑް ޕެންޑަމިކް މެނޭޖެ ކުރިގޮތް ތަހުގީގު ކުރަމުންދާ ޕާލަމެންޓްރީ ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ބޮލްސޮނާރޯގެ ސަރުކާރުންވަނީ، އެގައުމަށް ކޯވިޑް ވެކްސިން ފޯރުކޮށް ދިނުމަށް ފައިޒަރ ކުންފުނީގެ އެދުން ބަލައިގަތުން 2020 ވަނަ އަހަރު، 81 ފަހަރު ދެކޮ ހަދާފައެވެ.
ޖޮއިންޓް ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ އެންޑް އެއިޑްސް އިން ބުނެފައިވަނީ، ހެލްތު ރެގިއުލޭޓަރުންގެ ފަރާތުން ހުއްދަ ދީފައިވާ ކޯވިޑް19 ވެކްސިންތަކަކަކީ އެޗްއައިވީ އަށް ބޭސްކުރަމުންދާ ފަރާތްތަކަށްވެސް ރައްކާތެރި ވެކްސިނެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ