13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދު ދަމަހައްޓައިފި

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދު ދަމަހައްޓައިފި

Author
މުޙައްމަދު ޖިމީ
03 ޑިސެމްބަރ 2021 04:41
0

މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުގައި ދަޢުވާލިބޭ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓައިފިއެވެ.

މިމައްސަލާގައި ދަޢުވާކޮށްފައިވަނީ ނ.ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނާއި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ. މިމައްސަލާގައި ހިމެނޭ އިބްރާހީމް ޒިހާން ބަންދުން ދޫކޮއްލަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅައި، އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުންވަނީ ނިންމަވާފައެވެ. މިމައްސަލާގައި ދެން ހިމެނޭ 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތުވެވެސް ވަނީ އިތުރުކޮށްފައެވެ.

ޒިހާންގެ މައްޗަށްކުރާ 13 ދަޢުވާ ކްރިމިނަލް ކޯޓުގައި ބުރާސްފަތިދުވަހު ބޭއްވި އަޑުއެހުމުގައި އިއްވުމުން، އޭނާވަނީ އެ ދަޢުވާތައް ސާފުވާކަމަށް ބުނެފައެވެ. މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިމައްސަލައިގައި 3 ދަޢުވާއެއް އުފުލާފައިވާ ކުޑަކުއްޖާ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކުރަން ދަޢުލަތުން އެދުނުނަމަވެސް މިވަގުތު ކުޑަކުދިން ބައިތިއްބާ ޖަލުތަކުގެ ހާލަތު ރަނގަޅުނޫންކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ފާހަގަކުރައްވާފައިވާތީ، ކޯޓުންވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ކުރިންކުރި އަމަރު ދަމަހައްޓާފައެވެ. މިމައްސަލާގައި ދަޢުވާކޮށްފައިވާ ޒިހާންގެ މައްޗަށް 7 ބާވާތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާއަށް އައުން އެކަށީގެންވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ދެން ހިމެނޭ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އިތުރު ދައުވާތަކެއް އުފުލާފައިވެއެވެ. މިމައްސަލައިގެ ޝަރީޢަތް ވީއެންމެ އަވަހަށް ނިންމާލުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ޕީޖީ އޮފީހުން ކުރިންވަނީ ބުންޏެވެ.

13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިޔުންތެރިއެއް
ކޯޓަށް އެނގެނީ ހަމައެކަނި ބަންދަށް ގޮތްގޮތް ހެދުން. މައްސަލަ ދިގު ދެންމުމުގެ ކަންކަން ކުރުން އެކަނި. މައްސަލަ ނިންމުމުގެ އެއްވެސް ވިސްނުމެއް ހުރިހެން ހިޔެއްނުވޭ