އެފްރިކާގެ ޤައުމުތަކުން އުފެދި ބާރުގަދަކުރަމުން އަންނަ ކޯވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން އާމެދު އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ)އިން އިލްތިމާސްކޮށްފިއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި 650 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އެ ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިންގެ ޑޯސްތައް ދިނުން ވަރަށް މުޙިއްމުކަމަށެވެ. އެ ޖަމުޢިއްޔާއިން ބުނެފައިވަނީ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ބަންދުކުރުމަކީ ވަޤުތީ ޙައްލެއްކަމަށާއި އަވަސް ފިޔަވަޅުތަކެއް އެޅުން މުޙިއްމުކަމަށެވެ.
އޮމިކްރޯން މިހާރު ވަނީ މިސަރަހައްދުގެ ބައެއް ޤައުމުތަކުންވެސް ފެނިފައެވެ. އެގޮތުން އިންޑިޔާއާއި މެލޭޝިޔާއާއި ސިންގަޕޫރާއި ދެކުނު ކޮރެޔާއާއި ޖަޕާނުން ފެނިފައިވާއިރު، އޭޝިޔާ ޕެސިފިކުގެ ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންގެ ނިޞްބަތުގެ ތަފާތު ވަރަށް ބޮޑެވެ. އެ ގޮތުން އެ ސަރަޙައްދުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ 270 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން %35 މީހުންނެވެ.
މިސަރަހައްދުގެ ބައެއް ޤައުމުތަކުން އައު ވޭރިއަންޓް ފެނިފައިވާއިރު، މިއަދު ވަނީ ސްރީ ލަންކާއިންވެސް އައު ވޭރިއަންޓް ފެނިގެން ރިޕޯޓްކޮށްފައެވެ.
މިހާތަނަށް ފެނިފައިވާ ކޯވިޑް19ގެ ވޭރިއެންޓުތަކާއ އަޅާބަލާއިރު އެތައް ގުނައެއް ނުރައްކާތެރިކަން ބޮޑު، ގައިންގަޔަށް ފެތުރުމުގެ ގާބިލްކަންވެސް އެތައް ގުނައެއް އިތުރަށް ލިބިގެންގޮސްފައިވާ ކޯވިޑް19ގެ މި ވޭރިއެންޓް އެންމެ ފުރަތަމަ ސައުތު އެފްރިކާއިން ފެނި، އަދި މިހާރު ދުނިޔޭގެ ގައުމުތަކަށް ފެތުރެން ފަށާފައި ވާއިރު މިވޭރިއެންޓްގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްޙަތުޖަމިއްޔާގެ ތަޖުރިބާކާރުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.
ސައުތު އެފްރިކާއިން މި ފެނުނު ކޯވިޑް19ގެ އާ ވޭރިއެންޓްގެ ނުރައްކާތެރިކަން އިހުސާސްވެ، ވޭރިއެންޓް ދުނިޔޭގެ ގައުމުތަކަށް ފެތުރެން ފެށީތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ގައުމުތަކުގައި މިވަނީ އިންތިހާއަށް ބިރުބެރިކަން ފެތުރެން ފަށާފައެވެ. އަދި ގިނަ ގައުމުތަކުން މިހާރުވެސް ވަނީ ވޭރިއެންޓް ފެތުރެން ފަށާފައިވާ ގައުމުތަކުން އެގައުމަތަށް މީހުން ވަނުން މަނާކޮށް ބޯޑަރުތައް ބަންދު ކުރަންވެސް ފަށާފައެވެ.
މިގޮތުން އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރުވެސް ވަނީ އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަށް އެގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ