2008ވަނަ އަހަރު ދިވެހިން ބަލައިގަތް އާގަނޫނު އަސާސީއަށްފަހު ސިޔާސީ މަސްރަހުގައި އެންމެ އަޑު ހަރުކޮށް އިވެންފެށި ވާހަކައަކީ އިންސާފުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުން އިންސާފު ނުލިބޭ ކަމުގެ ވާހަކަތަކާއި، ފަޑިޔާރުގެ އިސްލާހު ކުރަންޖެހޭ ކަމުގެ ވާހަކަ ތަކެވެ. ސިޔާސި ނުފޫޒު ފަނޑިޔާރު ގެއަށް ފޯރަކަމުގެ ޝަކުވާތަކެވެ. ސިޔާސީ މީހުންނާއި މުއްސަދި މަހުޖަނުންގެ ނުފޫޒު ކޯޓުތަކުގެ ހިގާ މައްސަލަތަކާ ހަމައަށް ފޯރާ، މައްސަތައް ނިމިގެން ދިއުމުގައި އިންސާފުގެ ކަންފުޅެއްވެސް ނެތް ކަމުގެ ވާހަކަތަކެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ސިޔާސީ ވިސްނުމުގެ ފަރާތްތަކާއި، އެކްޓުވިސްޓުންގެ ގޮތުގައި އުޅެފައި ތިބި މީހުން އައްޔަން ކޮށްފައި ތިބޭކަމުގެ ޝަކުވަތަކެވެ.
އަދި މި ހުރިހާ ވާހަކަތަކާއެކުވެސް، ފާހަގަވާން އޮތް އެންމެ މުހިންމު އެއްކަމަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ވާހަކަތަކެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންއަކީ ގަނޫނު އަސަސީ ކަނޑައަޅާދީފަ އޮތް މިނިވަން މުވައްސަސައަކަށް ވިނަމަވެސް، އެ ކޮމިޝަންގައިވެސް މިނިވަން ކަމެއް ނަތްކަމުގެ ޝަކުވާތަކެވެ. އެކޮމިޝަންގެ ކޮމްޕޮޒިޝަން ކަމު ނުދާކަމުގެވާހަކަ ތަކެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އެ ކޮމިޝަންގައި އިންނަވާ ކަމުގެ ޝަކުވާތަކެވެ. ފަނޑިޔާރުން ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އުފުލުމަށް އޮތް ކޮމިޝަންގައި ފަނޑިޔާރުން ތިއްބަވާ މައްސަލައެވެ. ކޮމިޝަންގެ ކޮމްޕޮޒިޝަން އޮތް ގޮތުން، ސިޔާސީ ފިކުރުގެ ސިޔާސީ އެކްޓިވިސްޓުންނަށް ކޮމިޝަންގައި ތިބުމުގެ ފުރުސަތު އޮތުމުގެ މައްސަލަވެސް މެއެވެ.
އެހެންނަކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، ޒަމާނީ ޑިމޮކްރަސީއެއް ދިވެހިން ބަލައިގަތްފަހުން ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމުގައިވާ، ޖުޑިޝަރީއާއި ގުޅޭގޮތުން ކުރެވިފައިހުރީ މުޅިންވެސް ޝަކުވާތަކެވެ. އުދާސްތަކެވެ. އަދި ސިޔާސީ ފަރާތެއްގެ މައްޗަށް ޝަރުއީ ދާއިރާއިން ހުކުމެއް އައިސްފައިވާ ހަމަ ކޮންމެ ފަހަރަކުމެ، މި ޝަކުވާތަކާއި އުދާސްތައް ހުރީ އޭގެ އެންމެ އުހަށް ދަތުރު ކޮށްފައެވެ.
އަބަދުވެސް އެއްބަޔަކަށ ގޯސް، އަނެއް ބަޔަކަށް ރަގަޅު!
ރައީސް ޔާމިންގެ ދައުރުގައި، ކުރީގެ ރައީސް ނަޝީދުގެ މައްޗަކުރެވުނު 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓާއި ހަމައަށް ދިއުމާ ހަމައަށްވެސް ދަށު ކޯޓުތަކުން އޮތީ އެހުކުމް އެގޮތުގައި ދަމަހައްޓާފައެވެ. އެހާތަނާއި ހަމައަށް، ނަޝީދަށް ތައީދުކުރާ ފަރާތްތަކުން މަގުމަތީގައި މުޒާހިރާކޮށް އަޑު އުފުލަމުން ދިޔައީ، ޖުޑިޝިއަރީން އިންސާފު ނުލިބޭކަމަށް ވަކާލާތު ކުރަމުންނެވެ. ސިޔާސީ މީހުންގެ ނުފޫޒުން ނަޝީދުގެ މައްޗަށް ބޭއިންސާފުވެރި ހުކުމެއް ކޮށްފައިވާކަމަށާއި، ފަނޑިޔާރުގެއިން އިންސާފު ނުލިބޭނެ ކަމުގެ އުދާސްތައް ދިޔައީ އޮއްސަމުންނެވެ. އެހެންނަމަވެސް އެމްޑީޕީން އިންސާފުވެރި ނޫންކަމަށް ވަލާލާތު ކުރަމުންދިޔަ ފަނޑިޔާރު ގެއިން، އެމަނިކްފާނަށް ތާއީދުކުރާ ފަރާތްތަކުން ނުލިބޭނެ ކަމަށް ބުނަމުންދިޔަ އިންސާފު އެންމެ ފަހުން ލިބިގެން ދިޔަތަން ފެނިގެން ދިޔައީއެވެ. އެހާތަނުން ނަޝީދަށް ތާއީދު ކުރަމުންދިޔަ އެތައް ސަޕޯޓަރުންނަކަށް ޖުޑިޝަރީ ރަގަޅުވެ، ކޯޓުތަކުން އިންސާފު ނުލިބޭނެކަމަށް ބުނަމުން ދިޔަ އެތައް ބައެއްގެ ދުލުން ހަމަ އެ ފަނޑިޔާރުގެ ތަކަށް ތައުރީފުގެ ބަސްތައް އޮހެމުންދިޔަ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ.
ދެން އޮތީ ރައީސް ޔާމިންގެ ދައުރުގައި ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް، ނުހައްގުން އެތައް ހުކުމެއްކޮށް، އަދި އޭގެ އިތުރުން ޚުދު ސުޕްރީމް ކޯޓު މެދުވެރިކޮށް، ނެރެފައިވާ ސިޔާސީ ކުލަ ޖެހިގެންދިޔަ އެތައް ހުކުމެއްގެ ވާހަކައެވެ. ދަށު ކޯޓުތަކުގެ ހުރިހާ މަރުހަލާއަކުންވެސް ރަގަޅުކަމަށް ނިންމާ ޖަލަށްލެވުނު އެތައް ސިޔާސީ ލީޑަރުންނެއްގެ ހުކުމްތައް އެންމެ ފަހުން ބާތިލްކޮށް، އެބޭފުޅުން އެންމެ ފަހުން މިނިވަން ކޮށްފައިވަނީ ސުޕްރީމް ކޯޓުންނެވެ. އެހާތަކުން އަނެއްކާވެސް ހަމަ ތަކުރާރުވެގެން ދިޔައީ އެއް މަންޒަރެކެވެ. އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ދަށު ކޯޓުތަކުން ހުކުމްކޮށް، އެބޭފުޅުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، ފަނޑިޔާރުގެތައް ގޯސްކަމަށް ވަކަލާތު ކުރަމުން ދިޔަ ފަރާތްތަކަށް ހަމަ އެފަނޑިޔާރުގެތައް އެހާތަނުން ކަމު ދިޔައީއެވެ. ފަނޑިޔާރު ގެތަކަކީ އިންސާފު ލިބޭ ތަންތަނަށް ބަދަލު ވެގެން ދިޔައީއެވެ. ހަމަ އެފަރާތްތަކުގެ ދުލުން ތައުރީފުގެ ބަސްތައްވެސް އޮހެން ފެށީއެވެ.
ދައުރު ބަދަލުވެ، ވެރިކަންވެސް ބަދަލުވެ، މާޒީ އަނެއްކާވެސް އިއާދަވީއެވެ. ރައީސް ޔާމިނަށްވެސް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ. އެހާތަނުން މިހާރުގެ އިދިކޮޅު ފަރާތްތަކަށް ފަނޑިޔާރުގެތައް ގޯސްވެ، އެތަންތަނަކީ އިންސާފުގެ ޒައްރެއްގެ މިންވަރުންވެސް އެއިންތަނަކުން ލިބެން ނެތް ތަންތަނަށް ބަދަލު ވެގެން ދިޔައީއެވެ.
މިގޮތުން، މަނީ ލޯންޑަރިންގގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް ކުރެވިގެންދިޔަ ހުކުމް ދަށު ކޯޓުތަކުގެ ހުރިހާ މަރުހަލާއަކުންވެސް ނިމި، ނާކާމިޔާބުވެ، ފައިތުވެދިޔަ 2 އަހަރެއްހާ ދުވަހު، ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުގެ ޝަކުވާއަކަށް ވެގެން ދިޔައީ ޖުޑިޝަރީ އިންސާފުވެރި ނޫންކަމުގެ ޝަކުވާއެވެ. މި ޖުޑިޝަރީއަކުން އިންސާފު ނުލިބޭނެ ކަމުގެ ޝަކުވާތަކެވެ. އުދާސްތަކެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އިއްޔެ، ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަމަށް ކަނޑައަޅާ، ރައީސް ޔާމިން މިނިވަން ކުރުމާއެކު، ކުރިން ފަނޑިޔާރުގެ ގޯސްވެ، ފަނޑިޔާރު ގެއަށް ހެއްދެވި ނެހެއްދެވިއަށް ގޮވަމުންދިޔަ އެތައް ބަޔަކަށް އިއްޔެ ވެގެން މިދިޔައީ ފަނޑިޔާރުގެ އިސްލާހުވެގެން ދިޔަ ދުވަހަކަށެވެ. އެފަރާތްތަކަށް ފަނޑިޔާރު ގެއަކީ އިންސާފު ލިބޭ ތަނަކަށް ވެގެން ހިގައްޖެއެވެ. ސުޕްރީމް ކޯޓުން ފަނޑިޔާރު ގެތަކުގެ އިތުބާރު ދަމަހައްޓައިފިއެވެ.
ގޯހީ ފަނޑިޔާރުގެ ގެތަ؟ ނުވަތަ ފާޑުކިޔާ މީހުންތަ؟
ކޮންމެއަކަސް، މާޒީއާމެދު ފުންކޮށް ވިސްނާލުމުން ސާފުވާން އޮތީ އެންމެ ހަގީގަތެކެވެ. ކޮންމެ ބަޔަކަށްވެސް އެބައެއްގެ ޒާތީ މަސްލަހަތާ ކުރިމަތި ލާންޖެހުމުން ހިތުގެ އެދުމާ އެއްގޮތަށް ފަޑިޔާރުގެ ގޯސް ވެފައި އޮތްތަނެވެ. އަދި އުދާސްތަކަށް ފިނިކަން އައިސް، ހިތަށް ތަސައްލީއެއް ލިބިގެން ދިއުމާއެކު، ފަނޑިޔާރުގެ ރަގަޅުވެ އެއީ އިންސާފު ލިބޭ ތަނަކަށް ވެގެން ގޮސްފައި އޮތް ތަނެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަމާއި، މުސްތަގިއްލު ކަމާ ގުޅޭގޮތުން ޝަކުވާކޮށް، އުދާސްތައް ބަންޑުން ކޮށްފައިވާ އެއްވެސް ބައެއްގެ ކިބައިން މިނޫން ދުވަހެއް މާޒީވެދިޔަ ތަނުން ފެނިގެން ގޮސްފައެއް ނުވެއެވެ.
ޖުޑީޝަލް ސަވިސް ކޮމިޝަން މިނިވަން ނުވެގެން ޝަކުވާ ކުރަމުން އައި ފަރާތްތަކަށް އެކޮމިޝަންގެ މަގާމްތަކަށް އާދެވުމުން، އެކޮމިޝަންގެ ކޮމްޕޮޒިޝަންވެސް ރަގަޅުވެއްޖެއެވެ. އެކޮމިޝަން އިސްލާހު ކުރާންޖެހޭނެ ކަމަށް މެނިފެސްޓޯގަ ލިޔެފަ އޮތެއްކަމަކު، އިސްލާހު ކުރާވީ ގޮތުގެ ވާހަކައެއް މިއަދު އެ މެނިފެސްޓޯއިން ފެންނާކަށް ނެތެވެ.
ޖުޑިޝަރީއަކީ އިންސަފު ލިބޭން ނެތްތަނެއްގެ ގޮތުގައި ދެކެމުން އައި ފަރާތްތަކަށް، އެބައެއްގެ ލީޑަރު މިނިވަންވުމާއެކު، އެއީ އިންސާފު ލިބޭ، އިތުބާރުވެސް ކުރެވޭ ތަންތަނަށް ވެ ނިމިގެން ދިޔައީއެވެ. އެހެންކަމުން ހަގީގީ އިންސާފާއި ބޭއިންސާފު ގުޅި ލާމެހިގެން ގޮސްފައި އޮތްތަން މިފެންނަނީ އެބައެއްގެ އަމިއްލަ މަސްލަހަތާއެވެ. އެއީ ޖުޑީޝަރިއާއި ބެހުމެއް ނެތްކަމެއްކަން މިއަދު މިއޮތީ ކަށަވަރުވެ ޔަގީން ވާށެވެ.