މުޅި ޤައުމުގެ ސަމާލުކަން ރައީސް ޔާމީންގެ ޙުކުމަށް!!

މުޅި ޤައުމުގެ ސަމާލުކަން ރައީސް ޔާމީންގެ ޙުކުމަށް!!

Author
މުޙައްމަދު ޖިމީ
30 ނޮވެމްބަރ 2021 10:32
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް އިއްވުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ފެށިގެން ކުރިއަށްދާއިރު، މުޅި ޤައުމުގެ ސަމާލުކަން ވަނީ  މިޝަރީޢަތަށް ހުއްޓިފައެވެ. ސަބަބަކީ މި ހުކުމަކީ ރައީސް ޔާމީންގެ ސިޔާސީ ކުރިމަގާމެދު ގޮތް ނިންމޭނެ ހުކުމަށްވާތީއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމްގެ ތެރޭގަވެސް، އަންނަން ހުރި ގިނަ ސިޔާސީ ބަދަލުތަކެއް، ރައީސް ޔާމިނުގެ ޝަރީއަތް ނިމިގެން ދާނެ ގޮތެއްގެ މައްޗަށް ބިނާ ވެގެންދާނެއެވެ. އެއީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި އެތައް ގޮތަކުން އުފެދިގެން ގޮސްފައިވާ ޝައުގުވެރިކަމާއި އުއްމީދުތަކެވެ.

މިގޮތުން ބަލާއިރު، ރައީސް ޔާމިންގެ މައްސަލާގައި ސުޕްރީޕް ކޯޓުން ހުކުމް ކުރާ ގޮތެއްގެ މައްޗަށް، ރައީސް ޔާމިން މިނިވަންވެ، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ހާލަތު މެދުވެރި ވެއްޖެނަމަ، ޕީޕީއެމްގެ ތެރެއިން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭ އިތުރު ވާދަވެރިޔަކު ނެތި، ރައީސް ޔާމިން މިވަން ވުމާއި ހަމައިން އިދިކޮޅު ޕީޕީއެމްއިން 2023ގެ ރިޔާސީ ކްމެޕޭން ފަށާނޭކަމީ ފެނުން އެންމެ ގާތް މަންޒަވެ.

ސަބަބަކީ، ކުރިޔަށް އޮތްތަނުގައި ކުރެވޭނެ އިތުރު ދައުވާތަކެއްގެ ރާޅު ބޯމަތިވަމުން ދިޔަނަމަވެސް، 2023ގެ ރިޔާސީ އިންތިޚާބަށް ކުރިޔަށް އޮތީ މަދު ދުވަސްކޮޅަކަށް ވެފައި، މި މުއްދަތުގެ ތެރޭގައި އިތުރު ދައުވާއެއް ފުރިހަމަކޮށް، ހުކުމަކާއި ހަމައަށް ގެންދިއުން މިސަރުކާރަށްވެސް ފަސޭހަ ކަމަކަށް ވެގެން ނުދާނެތީއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ ހުކުމް އިއްވުމުގެ ޝަރީއަތް ކުރިއަށްދާއިރު، އެމަނިކުފާނު މިނިވަންވާނެކަމަށް އުއްމީދުކުރައްވާ ފަރާތްތަކުން ދަނީ އެފަދަ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.

ހަމަ އެފަދައިން ސަރުކާރު ހިންގާ މައި ޕާޓީއާއި، ރައީސް ޔާމީނާއި ދެކޮޅު ފަރާތްތަކުންވެސް އެފަރާތްތަކުގެ ޝުޢޫރު ފާޅުކުރަމުން ދެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ބައެއް ސިޔާސީ ލީޑަރުންނަށް ކުރި ހުކުމުގެ ހަދަން އައުކޮށްފައިވެއެވެ.

އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، އިދިކޮޅު ޕީޕީއެމްގެ ތެރެއިން ފެނިގެންދާނެ އެންމެ ޝައުގުވެރިކަން ބޮޑު އެއް މަންޒަރަކަށް ވެގެންދާނީ ސުޕްރީމް ކޯޓުގެ ހުކުމާއި ހަމައިން، މި ހުކުމުން ސަލާމަތްވާނެ މަގެއް ރައީސް ޔާމިނަށް ފެނިވަޑައި ނުގެންފި ނަމައެވެ. ސަބަބަކީ، އެހާތަނުން، އެންމެ އަވަސްވެގެންވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމިނަށް ބަންދު ވެގެން ދާނެތީއެވެ.

 

އަދި އެފަދަ ހާލަތެއްގައި ކިތަންމެ ޖަޒުބާތެއް ހުއްޓަސް، ދެވަނަ ވިސްނުމަކަށްދާން ރައީސް ޔާމިނަށްވެސް އަދި ޕީޕީއެމްއަށްވެސް މަޖުބޫރު ވެގެންދިޔައީއެވެ. 2023އާއި މެދު މުޅިން އާ ވިސްނުމަކުން ވިސްނާ، ކާމިޔާބު ކުރެވޭނެ ހައްލަކާ ދިމާލަށް ދަތުރުކުރުން ނޫން ހައްލެއް އެހާތަނުން ފެންނާކަށް ނޯންނާނެއެވެ. އަދި އެއީ މިއަދު ވަރަށްވެސް ގިނަ ބަޔަކު، އެހާލަތު މެދުވެރި ވެއްޖެނަމަ ބެލުމުގެ ޝައުގުވެރިކަމުގައި ތިބި މަންޒަރެއްވެސް މެއެވެ.

އެހެންކަމުން، ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، ސުޕްރީމް ކޯޓުން ރައީސް ޔާމިނުގެ މައްޗަށް އިއްވުމަށް މިހާރު ތައްޔާރުވަމުންދާ ހުކުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހައް އަންނާނޭ ބޮޑު ބަދަލެއްގެ ގޮތުގައި މެނުވީ ބެލެވޭކަންނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.