ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހިދު ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ޢަމުރު ނެރެން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމަށްވެސް އަލީ ވަހީދު ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވެއެވެ. މައްސަލަ ބައްލަވާ ޤާޒީ ޙަސަން ސަޢީދު ވިދާޅުވީ، ޢަލީ ވަޙީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި ޚިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިކަމަށެވެ. އެހެންކަމުން ޢަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރުމަށް ފުލުހުންނަށް ޢަމުރުކުރާނެކަމަށް ޤާޟީ ވިދާޅުވިއެވެ.
ޤާޟި ވިދާޅުވީ، ވިދާޅުވީ، އަލީ ވަހީދު ކޯޓުތަކަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި، އެކަމާމެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުކަމެއްކަމަށެވެ. އަދި އެއީ ރާއްޖޭގައި ގާނޫނީ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭނެ ކަމެއްކަމަށްވެސް ދެކެވަޑައިގަންނަވާކަމަށް ޤާޟީ ވިދާޅުވިއެވެ.
މިއަދުގެ ޝަރިޢަތުގައި ޤާޟީ ވަނީ ކުރިއަށް އޮތް 72 ގަޑިރުތެރޭ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލި ވަހީދު ޝަރީއަތަށް ހާޒިރު ނުވެއްޖެނަމަ، ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވެފައެވެ.
ޤާޒީ ވިދާޅުވީ މިމައްސަލައިގައި އަލީ ވަހީދު ރާއްޖޭގެ އެންމެ މަތީ ކޯޓުތަކުގެ ހުރުމަތްވެސް ކަނޑާލާފައިވާކަމަށާއި، މިމައްސަލާގައި ދެން އޮންލައިންކޮށްވެސް ޝަރީއަތް ނުގެންދެވޭނެކަމަށެވެ. ޤާޒީ މިހެން ވިދާޅުވީ ސްޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތް ނުކުރެވޭނެކަމަށް ނިންމައި ކޮށްފައިވާ ހުކުމަށް ރިއާޔަތްކޮށެވެެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވިއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.
އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް އިޖުރާއީ މައްސަލަތަކާ ހުރެ އެ އަމުރު ވެސް ނެރެނުދެވެއެވެ. ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސީޕީ ހަމީދު ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ. އެހެންކަމުން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތައް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ