"އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ސިޔާސީ ޕާޓީއެއްގެ ނަމުގައި މީހެއްގެ އަމިއްލަ ނަން، ވަނަން، ރާއްޖޭގެ ވަކި ސަރަހައްދަކަށް، ވަކި އަތޮޅަކަށް، ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެއެވެ. އަދި މި ގަވައިދުގެ ހަވަނަ މާއްދާގެ (ރ) ގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާ ނަމަކީ އިލެކްޝަން ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ.
އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ. ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ނޮވެމްބަރ 15 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕާޓީގެ ނަން ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ވާތީ އެއީ ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އެހެން ކަމުން އެދިފައިވާ ގޮތަށް ހުއްދަ ދެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ