ޢަރަބިއްޔާ ބޮލަށް ވެއްޓެން ކައިރިވެފައިވަނީ ބައެއްގެ ކޮރަޕްޝަނާ ހެދި: ޒައިދު

ޢަރަބިއްޔާ ބޮލަށް ވެއްޓެން ކައިރިވެފައިވަނީ ބައެއްގެ ކޮރަޕްޝަނާ ހެދި: ޒައިދު

Author
މުޙައްމަދު ޖިމީ
25 ނޮވެމްބަރ 2021 04:21
0

ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ބޮލައް ވެއްޓެން ކައިރިވެފައިވަނީ ބައެއްގެ ކޮރަޕްޝަންގެ ސަބަބުންކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅިވީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުތައް ލައިގެން އެސްކޫލްގެ ކިޔެވުން އެހެންތަކަށް ބަދަލުކުރުމާއި ގުޅޭގޮތިން އެޑިއުކޭޝަން މިނިސްޓްރިން މަޝްވަރާކުރުމުންނެވެ.

ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ، ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑު އެސެސްމަންޓެއް ނުހެދިނަމަވެސް ދާދިފަހުން އެޅި ޢިމާރާތެއްގެ ތަނބުތަކުގައި ރެނދުލައި ބައިބައި ވެއްޓެން ފެށުމުން އެތަނުގެ ހާލަތު ދަށްކަން ކުޑަކުދިންނަށްވެސް އެނގޭނެކަމަށެވެ. އައު ޢިމާރާތެއް ޢަރަބިއްޔާއަށް ބޭނުންވާކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުތައްލައި ޢިމާރާތް އެންމެ ރައްކާތެރިތަނަކަށް ނުވާތީ، އެސްކޫލްގެ ޕީޓީއޭގެ އިސް ފަރާތްތަކާ އެޑިއުކޭޝަން މިނިސްޓަރ ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ޢަރަބިއްޔާ ހުސަކުރަން ޖެހިދާނެކަމަށްވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް ވަނީ އެނގިފައެވެ. އަދި ސްކޫލުގެ ކިޔެވުން ބަދަލުކުރަން ޖެހިއްޖެނަމަ އެސްކޫލްގެ ދަރިވަރުން ބަދަލުކުރާނީ ޢިއްޒުއްދީން ސްކޫލަށްކަމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ޢިމާރާތުގެ އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލް ޢިމާރާތުގެ ކަންކަން އެމިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށެވެ. މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އިންޖިނިއަރުން ލައްވާ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އިންސްޕެކްޝަން ރިޕޯޓުން ދައްކާގޮތުގައި ވަގުތުން ކުރަންޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރ އެސެސްމަންޓެއް ހަދައިގެންކަމަށާއި، އެކަމަށް 2 މަހެއްހާ ދުވަސް ނަގާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.