ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގުރާމަށް ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރުގެ ތަޢުރީފް

ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގުރާމަށް ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރުގެ ތަޢުރީފް

ގުޅުންހުރި

ރާއްޖެއިން ކޯވިޑް ވެކްސިން ހުރިހާ ރައްޔިތުންނަށް ހިލޭ ފޯރުކޮށް ދިނުމުގައި ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔަ ޕްރޮގުރާމަށް ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ޒާހިދު މަލީކް ތައުރީފް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ މިނިސްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، ޞިއްޙީދާއިރާގެ ވަކި ރޮނގުތަކަށް ޚާއްޞަވުމަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ޞިއްހީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމާއި ބަންގްލަދޭޝްގެ ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ހަމަ އެހެންމެ ދިވެހި ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ދިވެހި ޞިއްޙީ ޚިދުމަތްތެރިންނަށް ބަންގްލަދޭޝްގައި ތިބެ ކުރު މުއްދަތުގެ ހުނަރާއި ތަޖްރިބާ ހޯދުމަށް މަގުފަހިކުރުމާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ ވެކްސިން ދިނުމުގައި، ވަކި ޤައުމެއްގެ ބައެއް ތަފާތުކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭހުރިހާ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ހިލޭ ފޯރުކޮށްދީ ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ރާއްޖެއަށް ތަޢުރީފު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ ކޯވިޑް-19 ބަންގަލްދޭޝްގައި ފެތުރުން ކޮންޓްރޯލްކުރުމުގައި އެ ޤައުމުން އަމަލުކުރި ގޮތުގެ ފުރިހަމަކަން ފާހަގަކުރައްވައި ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުރީފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ ހިމެނޭ ވަފްދެއް ބައިވެރިވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ