ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނަސް އޭނާ ގެނެވޭނެ ގޮތެއް ނެތްކަމަށް ކޮމިޝަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އަލީ ވަހީދު ރައްދު ދެއްވައިފިއެވެ.
އިނގިރޭސި ވިލާތުގައި ހުންނެވި އަލީ ވަހީރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ ރާއްޖެ ގެނެވޭނެކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އަދުލުވެރި ޝަރީއަތެއް ކުރެވޭނެ މަގުފެހިވެގެންކަމަށެވެ. އޭނާ މިހާރު ހުރި ޤައުމަކީވެސް ޞައްޚަ ދައުވާތަކާއި، ޞައްޚަ ތަހުގީގެއް ހިންގައިގެން ކުރިއަށް ގެންދާ ޝަރީއަތެއްނަމަ، ގެންދިއުމުގެ ފުރުސަތު އޮތް ޤައުމެއްގައި ކަމަށާއި، ނަމަވެސް އެކަންކަން ފުރިހަމަ ނުވާ ޝަރީއަތެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނުބޭއްވޭނެކަމަށެވެ.
ޢަލީ ވަޙީދު ރާއްޖެ ގެންދެވޭނެ. ސައްޙަ ތަޙުޤީޤާ ސައްޙަ ދަޢުވާ ކުރީމަ ކޮންމެ ޤައުމަކުންވެސް އެކަން ބަލާނެ. ނަމަވެސް، ފްރޭމްކޮށް، ކުރެވޭ ތުޙުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ. އިރާދަފުޅުން އިންސާފު ހޯދާނަން.
– އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާހުރި އިނގިރޭސި ވިލާތުގައި ޝަރީއަތް ކުރިއަށް ނުގެންދަން އުޅެނީ އެތަންތަނަށް ޖޭއެސްސީއާއި، ރައީސް އޮފީހަށް ނުފޫޒު ނުފޯރުވޭނެތީކަމަށެވެ. އޭނާ ހުރީ ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރަށް ކަމަށާއި، ނަމަވެސް ކުޅިކުޅިވަރު ކުޅޭކަމަށް ޖާގަ ނުދޭނެކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފަ. ރައީސް އޮފީހުން ގުޅާލާފަ، ޖޭ.އެސް.އީ.އިން ގަޅުވާލާފަ މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ. އަވަހަށް ވަޑައިގަންނަވާ. އަޅުގަނޑު މިހުރީ ނިޒާމުގެތެރެއިން ޖަވާބުދާރީވާން ތައްޔާރަށް. ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދޭނަން. އެނބުރިއަންނާނަން.
– އަލީ ވަހީދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި ހަމީދު ވިދާޅުވީ، ވަހީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި އޭނާގެ މައްޗަށް މިހާރު ކޮށްފައިވާ ދަޢުވާތަކުގެ ޝަރީޢަތަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ ޢުމުރު ތަންފީޒްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ނަމަވެސް ޢަލީ ވަހީދު ރާއްޖެ ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އިންޓަޕޯލުގެ ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ޤައުމުގައި އެކިގޮތްގޮތަށް އެއަށް އަމަލުކުރާ އެއްޗެއްކަމަށާއި، އެހެންކަމުން އިންޓަޕޯލު ރެޑް ނޯޓިސް ނެރުނަސް ކޮންމެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ރާއްޖޭގެ ޖުރިސްޑިކްޝަންގެ ތެރެއަށް ނުގެނެވޭނެކަމަށް ސީޕީ ވިދާޅުވިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ. އަލީ ވަހީދުގެ ޝަރީއަތަށް އޭނާ ހާޒިރުނުވުމުން ސްޕްރީމް ކޯޓުގައި ޝަރީއަތްތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
ކޮމެންޓު ފޮނުވާ