އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ކަންކަމާއި ދެކޮޅަށް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި 21 މައްސަލައެއް ތަހްގީގްކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މުއައްސަސާތަކުން ބޭއްވި ޕްރެސްކޮންފަރެންސްގައި ސީޕީ ހަމީދު ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ކަންކަމާއި ގުޅިގެން ފިޔަވަޅު ނާޅަކަމަށް ޥާހަކަ ދެކެވުނަސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަކަމަށެވެ. ހަމީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނާ މީހުން ފަހާ އަބަދުވެސް ފުލުހުން ދުވާކަމަށެވެ.
އޭނާ ވިދާޅުވީ ދީނާއި ދެކޮޅަށް ހިންގާ ކަންކަމުގެ 21 މައްސަލައެއް ފާއިތުވި 3 އަހަރު ތެރޭބަލައި 3 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާކަމަށެވެ.
ހަމީދު ވިދާޅުވީ، ޓެރަރިޒަމްއާ ގުޅުންހުރި 33 މައްސަލައެއް ބަލާފައިވާކަމަށެވެ. ނަމަވެސް ދައުވާކުރަން ފޮނުވީ އޭގެ ތެރެއިން ކިތައް މައްސަލައިގައިކަމެއް ހަމީދު ވިދާޅެއް ނުވެއެވެ. އެ ދެބާވަތުގެ މައްސަލައަށްވެސް ފުލުހުން އަހަމިއްޔަތު ދެނީ އެއްވަރަކަށްކަމަށާއި، ޓެރަރިޒަމަކީ އިންސާނުންގެ ފުރާނައާއި ސީދާ ގުޅޭކަމެއްކަމަށެވެ.
މި ޕްރެސްކޮންފަރެންސްގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޓެރަރިޒަމް ޤާނޫނުގެ ދަށުން މިހާތަނަށް 48 މީހަކު ބަންދުކޮށްފައިވާކަމަށެވެ. އަދި ބަންދުގައި ތިބި މީހުން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ