ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނަސް އޭނާ ގެނެވޭނެ ގޮތެއް ނެތްކަމަށް ކޮމިޝަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ހަމީދު ވިދާޅުވީ، ވަހީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި އޭނާގެ މައްޗަށް މިހާރު ކޮށްފައިވާ ދަޢުވާތަކުގެ ޝަރީޢަތަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ ޢުމުރު ތަންފީޒްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ނަމަވެސް ޢަލީ ވަހީދު ރާއްޖެ ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އިންޓަޕޯލުގެ ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ޤައުމުގައި އެކިގޮތްގޮތަށް އެއަށް އަމަލުކުރާ އެއްޗެއްކަމަށާއި، އެހެންކަމުން އިންޓަޕޯލު ރެޑް ނޯޓިސް ނެރުނަސް ކޮންމެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ރާއްޖޭގެ ޖުރިސްޑިކްޝަންގެ ތެރެއަށް ނުގެނެވޭނެކަމަށް ސީޕީ ވިދާޅުވިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.
އަލީ ވަހީދުގެ ޝަރީއަތަށް އޭނާ ހާޒިރުނުވުމުން ސްޕްރީމް ކޯޓުގައި ޝަރީއަތްތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
ކޮމެންޓު ފޮނުވާ