ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ، ފިރިމީހާ އެކްޓަރ އަބީޝެކް ބައްޗަން އާއި އެމީހުންގެ ހަމަ އެކަނި ދަރިފުޅު އާރަދިޔާ ބައްޗަންއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުމުން ދާތާ ދުވަސް ކޮޅެއްވެއްޖެއެވެ.
މީގެކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މި އާއިލާއިން މިފަހަރު ޗުއްޓީ ހޭދަކުރަމުން ދަނީ އަމިއްލަ މޯލްޑިވް ރިސޯޓް އެންޑް ރެސިޑެންސް ގައެވެ.
މި ދަތުރުގައި އައިޝްވާރިޔާ ވަނީ އޭނާގެ ދަރިފުޅުގެ 10 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފައެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި މި އާއިލާ ރާއްޖެއަށް ޗުއްޓީއަށް މި އައީ ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.
އައިޝްވާރިޔާ އާއި އަބީޝެކް ވަނީ އެމީހުންގެ އިންސްޓަގްރާމްގައި އާރަދަޔާގެ އުފަންދުވަސް ފާހަގަކޮށްފައިވާ ފޮޓޯތަކެއް އިއްޔެ ހިއްސާކޮށްފައެވެ.
ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލުމަށްފަހު މިއަދު މެންދުރު ފަހު މި އާއިލާ ވަނީ އަނބުރާ މުމްބާއީއަށް ގޮސްފައެވެ. އެމީހުން މުމްބާއީ އެއަރޕޯޓުން ނުކުމެގެންދާ ފޮޓޯތަކެއް ޕިންކް ވިލާއިން ވަނީ އާންމުކޮށްފައެވެ.
އާރަދިޔާގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފައި ވާއިރުގައި ބޭރުގެ ބައެއް މީޑިއާ ތަކުން ބުނެފައިވާ ގޮތުން އައިޝްވާރިޔާ މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެއެވެ. ނަމަވެސް މިއީ މީގެ ކުރިންވެސް ފެތުރިފައިވާ އަޑުތަކެކެވެ. މިފަހަރުގެ މި ޚަބަރު ތަކަކީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ.