އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވާ ޕައިލެޓުންނަށް މުސާރަ ދެވޭނެ ޤާބިލްކަން ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވި ވާހަކަފުޅަކީ ލަދުވެތި ވާހަކަފުޅެއްކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ، އެމްއެންޑީފްގެ ޕައިލެޓުންނަށް މުސާރަ ދޭނެ ޤާބިލްކަން ދިވެހި ދައުލަތުގައި ނެތްކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރގެ އެ ވާހަކަފުޅައި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ، މިޤައުމުގައި އިސްރާފްގެ އެތައްލާރިއެއް ތަޅާބުރުވޭއިރު ޑޯނިއާ ފްލައިޓެއްގެ ޕައިލެޓުންނަށް މުސާރަދެވޭނެ ފެންވަރު ރާއްޖެއަށް ނެތްކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން އަޑުއަހަން ވަރަށް ލަދުވެތިވާހަކައެއްކަމަށެވެ. އެކަހަލަ ދެކޮޅުނުޖެހޭވާހަކަ މިނިސްޓަރަކު ދައްކާތީ ޙައިރާންވާކަމަށްވެސް ޢަލީ ޒައިދު ވިދާޅުވިއެވެ.
މިޤައުމުގައި އިސްރާފްގެ އެތައްލާރިއެއް ތަޅާބުރުވޭއިރު ޑޯނިއާ ފްލައިޓެއްގެ ޕައިލެޓުންނަށް މުސާރަދެވޭނެ ފެންވަރު ރާއްޖެއަށް ނެތްކަމަށް ޑ މިނިސްޓަރ ވިދާޅުވުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން އަޑުއަހަން ވ.ލަދުވެތިވާހަކައެއް! މިކަހަލަ ދެކޮޅުނުޖެހޭވާހަކަ މިނިސްޓަރަކު ދައްކާތީ ޙައިރާންވޭ!
— Ali Zaid (@alizaid1000) November 14, 2021
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވި ޑޯނިޔާމަތިންދާ ބޯޓާއި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު މަރާމާތުކޮށް ބަލަހައްޓަމުން ގެންދިއުމަކީވެސް ދިވެހި ދައުލަތަށް ފަސޭހަކަމެއް ނޫންކަމަށެވެ. އެމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ދުއްވާ ސީ އެމްބިއުލާންސްތައްވެސް މަރާމާތުކޮށް ބެލެހެއްޓެނީ ކިރިޔާކަމަށެވެ. އެހެންކަމުން އެހުރިހާކަމެއް ކުރަނަމަ ދައުލަތަށް ވަރަށް ބޮޑު ޚަރަދެއްކުރަންޖެހޭނެކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި މިއީ ހަމައެކަނި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި، ކުރިންވެސް އެފަދަ ވިސްނުން ހުރިކަމަށް ވިދާޅުވިއެވެ.
ޑޯނިޔަރ މަތިންދާ ބޯޓު ދުއްވަން ވަޒީފާއަށް ދިވެހިން ނަގައިގެން ދިވެހި ދައުލަތުން ފައިސާ ޚަރަދުކުރާނެ ޤާބިލްކަން ނެތްކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ދީފައިވަނީ މިމަހުގެ 9ގައެވެ. ސަރުކާރުން ވަނީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ރާއްޖެއިން އިންޑިއާއެކު ހަދާފައިވަ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި، އިންޑިއާއިން ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު ބޭނުންކޯށްގެން ފައިދާ ނަގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރަށްވަނީ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި އިދިކޮޅުން ދަނީ އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ޤައުމީ ހަރަކާތެއްވެސް ހިންގަމުންނެވެ. އަދި އެހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެ މިކަމުގެ ޚަބަރުތައް ވަނީ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައެވެ. މިކަމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރ އިތުރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ