އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅައި، މާދަމާ އިއުލާން ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މާދަމާ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ބާއްވާ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހެދުނު 9:30 ގައި ހޮޓެލް ޖެންގައެވެ. މި ރަސްމިއްޔާތުގައި މިނިމަމް ވޭޖު ކަނޑައެޅުމުގެ ގަރާރުގައި ސޮއި ކުރުމުގެ އިތުރުން، އެކަމާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމުގެ އިތުރު މައުލޫމާތު ހިއްސާކުރަން، މާދަމާ ހެނދުނު 11:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މިނިސްޓްރީން ވަނީ ތާވަލުކޮށްފައެވެ.
މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮތީ ފާސްވެސް ކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ވެސް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.
އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފައެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާދީފައިވާ މުސާރައާއި ފިކްސްޑް އެލަވަންސް މަހަކަށް 7000 ރުފިޔާ ކަނޑައަޅައިފިނަމަ ސީދާގޮތެއްގައި މިނިމަމް ވޭޖް ދިނުމަށް 162.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން މިނިމަމް ވޭޖާއެކު، މުސާރައިގެ ހަމަހަމަކަން ގެނައުމަށާއި ޕޭ ހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި އެއް މަގާމެއްގައ ނުވަތަ އެއް ފަންތިއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ ހަމަހަމަކަން ގެނައުމުގެ މަސައްކަތް 2022 ވަނަ އަހަރުގައި ތަންފީޒުކުރަން ފެށުމަށް ރާވާފައިވެއެވެ.
މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ