އިސްލާމީ ވަޙްދަތަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ހައްދުފަހަނައެޅުން: ޒައިދު

އިސްލާމީ ވަޙްދަތަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ހައްދުފަހަނައެޅުން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2021 08:07
0

ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ދީނުގެ ނަމުގައި ހައްދުފަހަނައެޅުން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބަތާއި ގުޅިގެން ޝައިޚު ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކާބަފައިން ވަނީ ދިވެހިންނަށް އިސްލާމީ ރިވެތި އާދަތަކާއި، އުސޫލުތައް މިއަދުގެ ޖީލާއި ހަމައަށް ވާސިލް ކޮށްފައިކަމަށެވެ. މިއަދު ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ އެކަން ދެމެހެއްޓުން ކަމަށާއި، އެމަސައްކަތުގައި ސާބިތުވެ ތިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޝައިޚު ޒައިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލާދީނިއްޔަތާއި، ދީނުގެ ނަމުގައި ހައްދުފަހަނައެޅުން. ކާބަފައިން އަމާނާތްތެރިކަމާއެކު އަޅުގަނޑުމެންނާއި ހަމައަށް ވަނީ މިދީން ފޯރުކޮށްދެއްވަވާފައި. ދެންއޮތީ އަޅުގަނޑުމެންގެ ޒިންމާ! ޔާ ﷲ! ސާބިތުކަން ދެއްވާށި! އާމީން.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. އިސްލާމްދީނުގެ ޙިދާޔަތުގެ އަލިކަން ދިވެހިރާއްޖެއަށް ލިބުނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގެ 2ވަނަ ދުވަހުއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު ރަސްގެފާނުގެ ނަންފުޅު އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށް ބަދަލުކުރެއްވިއެވެ. މި ރަދުންނަށް ދިވެހިން ނަން ދިނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުންނެވެ. ދަރުމަވަންތު މަހާރަދުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރައްވާފައެވެ.

ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ލިބުނުތާ 894އަހަރު ފުރިފައިވާއިރު، މިކަން މިގޮތުގައި ބޭއްވުމަށް ކޮންމެ މީހަކުވެސް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.