އަބަދުވެސް ދައުލަތުގެ މާލީ ހާލަތު އެންމެ ރަގަޅަށް ތަސައްވުރު ކޮށްދޭ އެއް ވަސީލަތަކީ ދައުލަތުގެ ބަޖެޓެވެ. މިގޮތުން، ދައުލަތުގެ އަރަންޏާއި ދަރަނި، ލިބެންހުރި އާމްދަނީއާއި ކުރެވޭ ޚަރަދު އަދި މީގެ އިތުރުން، ގައުމީ ތަރައްގީއާއި ގުޅި ލާމެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ އިތުރުން، ކޮންމެ ސަރުކާރަކުންވެސް ތަންފީޒު ކުރާ ފިސްކަލް ޕޮލިސީ އެންމެ ފުރިހަމަޔަށް ތަސައްވުރު ކޮށްދޭ އެނެމް މުހިންމު ލިޔެ ކިޔުމަކަށް ވެގެން ދަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓެވެ.
މި ސަބަބައްޓަކާ، ކޮންމެ އަހަރެއްގެވެސް ބަޖެޓް ތައްޔާރުކޮށް، އެބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، އެ މަޖިލީހުގެ ރުހުން ބަޖެޓަށް ހޯދުންކަމީ ގާނޫނުތަކުން ސަރުކާރުގެ މައްޗަށް ލާޒިމް ކޮށްފައި އޮންނަ ކަމެކެވެ. އަދި ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލިހުގެ ފަހު ދައުރުގައި މަޖިލީހުގައި ކުރެވޭ އެންމެ މުހިންމު މަސައްކަތަކަށް ވެގެން ގޮސްފައި އޮންނަނީ ކުރިޔަށް އޮންނަ އަހަރެއްގެ ބެޖެޓުގެ މަސައްކަތްތަކެވެ.
މިގޮތުން 2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ފިނޭންސް މިނިސްޓަރު މިވަނީ މިހަފްތާގެ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި މިއީ ކޯވިޑް ކާރިސާ ފެށިގެން ދިޔަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވަނިކޮށް، އަދި ކޯވިޑް ކާރިސާއިން އަރައިގަނެވި، އިގްތިސާދީ ހާލަތުވެސް ރަގަޅުވާން ފެށިފަހުން ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބަޖެޓްކަންވެސް ފާހަގަ ކޮށްލެވެއެވެ.
2022ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަައިވަނީ، 37 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ވާއިރު، ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެގެންދާނެ ބަޖެޓެއް ކަމުގައިވެސް ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައި ވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އާސިޔާސަތެއް ނެތް!
ގައުމެއްގެ ހަގީގީ ކުރިއެރުމަކީ އެގައުމެއްގެ އިގުތިސާދީ ދުޅަހެޔޮ ކަމެވެ. އަދި މި އިގްތިސާދީ ދުޅަހެޔޮ ކަމުގެ ތެރެއިން، އަހަރަކަށްވުރެ އަހެރެއް ކުރަންޖެހޭ ޚަރަދުތައް އަބަދުވެސް މަތިވަމުން ދިއުމަކީ، ތަބީއީ ކަމެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. ސަބަބަކީ، ގައުމުގެ އާބާދީގެ ބޭނުންތައް އަބަދުވެސް މަތިވަމުން ދާދިއުމާއި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، ގައުމަށް ލިބެމުންދާ ކުރިއެރުންތަކުގެ ތެރެއިން، އަބަދުވެސް ކުރަންޖެހޭ ހޭދަ އިތުރުވަމުން ދާނޭކަމީ، ދިރިއުޅުމާއި ދުނިޔެ ބަދަލުވެގެންދާ ދިއުމުގެ ތަބީއީ ނިޒާމާއި ގުޅި ލާމެހިފައިވާ ކަމެކެވެ.
މި ސަބަބަށްޓަކާއި، ގައުމުގެ ސިޔާސަތު ރާވާ އަދި ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް އަބަދުވެސް ލާޒިމްވެފައި އޮންނީ، މި ގޮންޖެހުމާއި ކުރިމަތިލާ، މިގޮންޖެހުމުން އަރައި ގަތުމަށްޓަކާ، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް، ނުވަތަ ސިނާއަތްތައް ހޯދާ ބަލާ، ތައާރަފް ކުރެވޭނެ ގޮތްތައް އުފަން ކުރުމެވެ. ދައުލަތުގެ ބަޖެޓުގެ ތެރެއިން އާ އިގްތިސާދީ އީޖާދުތައް ކުރުމުވެ. އުފެއްދުންތެރި އާ ވިސްނުންތަކެއް އުފަން ކުރުމުވެ. އަދި މި ވިސްނުންތަކުގެ މައްޗަށް އާ ސިޔާސަތުތައް ރާވާ، ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ ވަސީލަތް ތައާރަފްކޮށް، ރައްޔިތުންގެ ބޭނުންތަކަށާއި، ތަރައްގީގެ މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ ދައުލަތަށް ހޯދާ، އަރަނި މަތިކޮށް ދަރަނި ކުޑަކުރުމެވެ.
އެހެންނަމަވެސް، ހިތާމައާއެކީ ފާހަގަ ކުރަންޖެހޭ އެއް ކަމަކީ، މިއީ އެއްވެސް އިރަކު ދިވެހިރާއްޖޭގައި އިގްތިސާދުގެ ތެރެއިން ފެންނަމުންދާ ސަގާފަތަކަށް ވެގެން ގޮސްފައި ނުވާކަމެވެ. ކޮންމެ އަހަރެގެ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި، އަދި ފިނޭންސް މިނިސްޓަރު ބަޖެޓް ބަޔާން ރައްޔިތުންގެ މަޖިލިހުގައި އިއްވަވާއިރު، އެންމެ ބޮޑަށް ފާހަގަވާން އޮންނަ ކަމަކީ، ދައުލަތަށް އާމްދަނީ ހޯދާނެ އާވަސީލަތްތަކެއް ތައާރަފް ނުކޮށް، ޓުއަރިޒަމާއި، މަސްވެރިކަމުގެ ސިނާއަތުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތަން، ބޮންޑު ވިއްކައިގެން، ލޭންދޭނަށް ފައިސާ ހޯދައިގެން ބަޖެޓް މެނޭޖުމުރުމަށް ގެންގުޅުއްވާފައި އޮންނަ ވިސްނުމެވެ.
މިގޮތުން ފާހަގަވާން އޮތް ކަމަކީ، 2022ވަނަ އަހަރަށް ލަފާކޮށް މިހަފްތާގެ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓަރ މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަމުންވެސް ފާހަގަ ކޮށްފައިވާ މިމުހިންމު ނުކުތާއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ސިޔާސަތު ތަކަކީ، މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމެނުނު، ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒުކުރުން ނުކުރެވިވާ ކަންކަން ކަމުގައެވެ. އަދި، ވިދާޅުވެފައިވަނީ، މިއަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަން ކަމުގައެވެ.
މިގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ބަޖެޓްގައި ހުށަހަޅާ އާ ކަންތައްތަކަކީ:
- ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުން
- ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުން
- ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުން
- ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުން
އެހެންކަމުން، އަންނަ އަހަރަށްވެސް ހުށަހަޅުއްވާފައިވާ ބެޖެޓުން، ދައުލަތަށް އާމްދަނީ އިތުރުކުމަށްޓަކާ ފިނޭންސް މިނިސްޓަރު ވިސްނަވާފައިވާ އާ ވިސްނެވުމެއް، އާ ސިޔާސަތުތަކެއް ފެންނާކަށް ނެތެވެ. ފިނޭސް މިނިސްޓަރުގެ ބަޖެޓް ބަޔާނުގައި 2021 ވަނަ އަހަރަށްވުރެ، ދައުލަތަށް ލިބޭނެ އާމްދަނީ އަންނަ އަހަރު 23 އިންސައްތަ އިތުރުވާނެ ކަމަށް ވިދާޅުވެފައިވާއިރު، އާމްދަނިގެ ބޮޑުބައި ބަރޯސާވެފައި އޮތްތައް އަދިވެސް ފެންނަނި، ފަތުރުވެރިކަމުގެ ސިނާއަތުން "ދިޔަ ފެލާލައިގެން" އާމްދަނީ އިތުރު ކުރުމުގެ ވިސްނުން ސަރުކާރު މުޅި މާލީ ސިޔާސަތުގެ ތެރޭގައި އޮތް ތަނެވެ.
ބަޖެޓް މެނޭޖްކުރުމުގެ ވިސްނުން ކުރު މުއްދަތުގެ ދަރަނިން!
2022 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި 37 ބިލިއަން ރުފިޔާގެ ބަޖެޓަކީވެސް 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެގެންދާނެ ބަޖެޓެއް ކަމުގައި ބަޖެޓް ހުށަހަޅުއްވަމުން ވަނީ ވިދާޅުވަފައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތައެވެ.
މިގޮތުން، ބަޖެޓްގެ ޑެފިސިޓްވެސް ހިމަނައިގެން ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދެއްގެ ގޮތުގައި ހިމެނެނީވެސް ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ހޯދަންޖެހޭ 9.7 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުންވެސް، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާވެސް، ބަޖެޓް ފައިނޭންސް ކުރުމަށްޓަކާ ހޯދަން ޖެހޭ 13.4 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިގޮތުން 2022 ވަނަ އަހަރު ބަޖެޓަށް ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރޭވިފައެވެ. އަދި ބަޖެޓް ބަޔާނުގައި މިފައިސާ ހޯދާނެ ގޮތައްކެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވަނީ ބޭރުގެ މާކެޓްތަކަށް ބޮންޑު ވިއްކަވައިގެން ވެސް މު ފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން އަންނަ އަހަރު، ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިނޭންސްގެ ތެރޭގައި، ރާއްޖެއިން ބޭރުގައި 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑު ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީވެސް ހިމަނާފައިވާއިރު، މީގެ އިތުރުންވެސް 50 މިލިއަން އެމެރިކާ ޑޮލަރު، އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ހަމަ ޖެހިފައިވާ ކަމުގައިވެސް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހައްލަކީ، ދަރަނިން، ބަޖެޓާއި ދަރަނި މެނޭޖު ކުރުމުގެ ސަގާފަތް ދޫކޮށްލުން!
ކޮންމެއަކަސް، ދުނިޔޭގެ ބާޒާރުގައިވެސް، އަދި ރާއްޖޭގެ އެތެރޭގެ ބަޒާރުގައިވެސް ބޮންޑު ވިއްކައިގެން ބަޖެޓް މެނޭޖު ކުރެވިދާނެ ކަމެވެ. އަދި އެއީ، ބަޖެޓާއި ދަރަނި މެނޭޖުކުރުމުގައި ހުރިހާ އިގްތިސާދެއްގައިވެސް ގެންގުޅޭ އިގްތިސާދީ ޓޫލްއެއް އަދި ސިޔާސަތެއްވެސް މެއެވެ. އެހެންނަމަވެސް، މި އުސޫލުން ބަޖެޓް މެނޭޖުކުރި ކަމުގައިވި، ނަމަވެސް، ދުނިޔޭގެ ދެމެހެއްޓެނިވި އިގްތިސާދުތަކުގައި މިއީ މުޅި އިގްތިސާދު ނުވަތަ ދައުލަތެއްގެ މުޅި ބަޖެޓް މެނޭޖުކުރުމުގައި ގެންގުޅޭ ހަމައެކަނި އުސޫލުން ނޫންކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ސަބަބަކީ ކުރުމުއްދަތުގެ ދަރަންޏަކަށް ވިޔަސްވެސް، އަދި ދިގު މުއްދަތުގެ ދަރަންޏަކަށް ވިނަމަވެސް، ކޮންމެ ދަރަންޏަކީވެސް އޭގެ ޒާރުގައި ގައުމުގެ އިގްތިސާދަށް އުފުލަންޖެހޭ ބުރައަކަށް ނޫނީ ނުވެއެވެ. އަދި ވަކީން ޚާއްސަކޮށް، ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ވިސްނުމެއް ނެތި، ދައުލަތަށް އާމްދަނީ ހޯދާނެ އާ ވަސީލަތްތަކެއް ނުވަތަ އާ ސިނާއަތުތަކެއް ވުޖުދުކުރުމުގެ "އިނޮވޭޓިވް" ވިސްނުމެއް ނެތި، މި ބީދައިން ދަރަނިން ދަރަނި ދައްކަމުން، ދަރަނިން ބެޖެޓު ފައިނޭސްކޮށްގެން، މުޅި ގައުމުގެ އިގްތިސާދު "ލޭން ދޭނު"ގެ މައްޗަށް ބަރޯސާ ވެގެން ދިއުމުން، އިގުތިސާދަށް ކުރިމަތިވެފައިވާ އަޑިގަޑުން ގައުމަށް އަރައިގަނެވި ހިންދެމިލެވޭ ތަނެއް ދުވަހަކުވެސް ނާންނާނެއެވެ.
އޭގެ އެންމެ ބޮޑު ހެއްކަކީ، ގައުމަށް މިއަދު އުފުލަން ޖެހިފައިވާ، މިއަރު ނިމޭއިރު ހުންނާނޭ ކަމަށް ފިނޭންސް މިނިސްޓަރު ލަފާކޮށްފައިވާ 94 ބިލިއަން ރުފިޔާގެ ދަރަންޏެވެ. މިއީ ޖިޑީޕީގެ ނިސްބަތުން 122 އިންސައްތައެވެ. މި ދަރަނީގެ ނިސްބަތް ދަށްކުރުމުގެ ވާހަކަ ކިތަންމެ ޒީނަތްތެރި ކޮށްފައި ދެކެވިގެން ދިޔައެއްކަމަކު، މި ދަރަންޏާއެކު ދިރިއުޅެން ޖެހޭހާ ދުވަހަކު، ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ، ހާލަތު ބަދަލުވެ، ގައުމުގެ އިގްތިސާދަށް ހިންދެމިއެއް ނުލެވޭނެއެވެ.
އޮތް ހަމައެކަނި ހައްލަކީ، އިގްތިސާދީ އާ ސިނާއަތުތަކެއް ވުޖޫދު ކުރުމުގެ އާވިސްނުމެއް އިގްތިސާދީ ސިޔާސަތުތަކުގެ ތެރެއިން ވުޖޫދު ވެގެން އައުމެވެ. މުޅި އިގްސިސާދުގެ ސިކުނޑިއަކީ ބޮންޑާއި ލޯނުތަކާއި އަދި އެނޫންސްވެސް ދަރަންޏާއި ގުޅިފައި އިގްތިސާދީ ވަސީލަތްތައް ކަމުގައި ވެގެން ނުދިއުމެވެ.