ބަޖެޓް 2022| ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ ބަޖެޓްކޮށްފި

ބަޖެޓް 2022| ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ ބަޖެޓްކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2021 09:52
0

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް 37 ބިލިޔަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފިއެވެ. މިބަޖެޓުގައި ސަރުކާރުން ވެފައިވާ ވައުދުތަކުގެ 90 އިންސައްތަ ވަނީ ބަޖެޓު ކުރެވިފައެވެ.

2022 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާނީ ޕްރޮގުރާމް ބަޖެޓެއްކަމަށެވެ. 2022 ވަނަ އަހަރުގެ ބަޖެޓާއެކު ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ބަޖެޓްކުރެވިފައެވެ. މީގެތެރެއިން، މިހާރުވެސް ޖުމްލަ 671 މަޝްރޫޢެއް ނިމިފައިވާއިރު، 497 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުންނެވެ.

2022 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 36,925,424,524 ރުފިޔާ (ތިރީސް ހަ ބިލިއަން، ނުވަ ސަތޭކަ ފަންސަވީސް މިލިއަން، ހަތަރު ސަތޭކަ ސައުވީސް ހާސް، ފަސް ސަތޭކަ ސައުވީސް ރުފިޔާ) އެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާއެވެ. މި ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތައެވެ.

ކޯވިޑް-19 ގެ ސަބަބުން އިޤުތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި އިޤުތިޞާދު މިވަނީ ކުރިއަރަން ފަށާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އާމްދަނީ އާ އަޅައިބަލާއިރު 23 އިންސައްތަ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

2022 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާއެވެ.

2022 ވަނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރޭވިފައިއެވެ. 2022 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިނޭންސިންގ އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށްވަނީ ރާވާފައެވެ. އަދި 50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ވާނީ ހިމަނާފައެވެ.

2022 ވަނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރޭވިފައެވެ. 2022 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިނޭންސިންގ އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށްވަނީ ރާވާފައެވެ. އަދި 50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ވާނީ ހިމަނާފައެވެ. ބްލޫ، ގްރީން، ނުވަތަ ސޯޝަލް އިމްޕެކްޓް ބޮންޑެއް ވިއްކައިގެން ފައިސާ ހޯދުމަކީ މިކަމުގައި ހުރި ބައެއް އޮޕްޝަންތަކެވެ. މިފަދަ ބޮންޑަކުން މިވަގުތު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ހަލުވިކޮށް ފުޅާވަމުންދާ އީއެސްޖީ އިންވެސްޓަރުން މެދުވެރިކޮށް ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު 2022 ވަނަ އަހަރު ހޯދުމަށްވެސް ރޭވިފައެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކާއި، ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށާއި، ދައުލަތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެފިޝަންޓްކުރުމަށާއި ފެންވަރު ރަނގަޅުކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެއްކަމަށެވެ. މި ބަޖެޓުގައި މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް އިޤްތިސާދީ އަމާޒުތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ރޭވިފައިވާނެކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް އިސްކަންދީފައިވާނެކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު، ކޯވިޑް-19 ގެ އަޑިގަޑުން އަރައިގަނެ، އަލުން ހަލުވިކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިކުރުމަށް ސިޔާސަތު ތަރުތީބުކުރެވިފައިވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.