ހިޔާ މަޝްރޫއުގެ އޮޑިޓް: ހިޔާ ފްލެޓްތަކަކީ ސިޔާސީ ގޮތުން ކުރި ބޮޑު ގުރުބާނެއްތަ؟

ހިޔާ މަޝްރޫއުގެ އޮޑިޓް: ހިޔާ ފްލެޓްތަކަކީ ސިޔާސީ ގޮތުން ކުރި ބޮޑު ގުރުބާނެއްތަ؟

Author
ހުސެއިން
24 އޮކްޓޯބަރ 2021 09:24
0

ހިޔާ ފްލެޓްތަކަކީ، ރައީސް ޔާމިންގެ ވެރިކަމުގައި އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް އޭރުގެ ސަރުކާރު އެކުލަވާލި ބޯހިޔާވަހި ކަމުގެ ބޮޑު މަޝްރޫޢެކެވެ.

މިގޮތުން، 7000 ފްލެޓްގެ 16 ޓަވަރު ރައީސް ޔާމިންގެ ސަރުކާރުން އިމާރާތް ކޮށްފައިވަނީ، 30،000 އަށްވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަން ހޯދާދީ، މާލެއާއި ރާއްޖޭގެ އެކި ރަށްތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދާދީ، މިގޮތުން އުފެދިގެން ގޮސްފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ތަސައްލީއެއް އޭރުގެ ސަރުކާރުން ހޯދާ ދިނުމުގެ މަގުސަދުގައެވެ،

މިގޮތުން މި 7،000 ފްލެޓް އިމާރާތް ކުރެވިފައިވަނީ ދެ ފަރާތަކުން ނަގާފައިވާ ލޯންތަކުން މަޝްރޫއަށް ފައިނޭންސް ކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް (އައި.ސީ.ބީ.ސީ) އިން ނަގާފައިވާ 368,900,000 ޑޮލަރުގެ ލޯން ފެސިލިޓީއަކާއި ކްރެޑިޓް ސްއިސް އޭޖީ، ސިން ގަޕޯރ ބްރާންޗް (ސީ.އެސް) އިން ނަގާފައިވާ 65,100,000 ޑޮލަރުގެ ލޯން ފެސިލިޓީއާއި އެކު، ޖުމްލަ 434,000,000 މިލިއަން ޑޮލަރު ލޯންގެ ގޮތުގައި ދިވެހި ސަރުކާރުން ނަގައިގެންނެވެ.

އަދި މިއިން ކޮންމެ ލޯނަކަށްވެސް 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބިގެން ގޮސްފައިވާއިރު، މީގެތެއިން އައި.ސީ.ބީ.ސީ ނަގާފައިވާ ލޯނު 15 އަހަރު ތެރޭ ދައްކާ ޚަލާސް ކުރަން ޖެހޭއިރު، ސީ.އެސް އިން ނަގާފައިވާ ލޯނު 5 އަހަރުގެ ތެރޭގައި ދައްކާ ޚަލާސް ކުރަން ޖެހެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އޭރުގެ ސަރުކާރުން އިމާރާތްކުރި މި ފްލެޓްތައް އޭރު އަމާޒު ކޮށްފައިވަނީ، ރައީސް ޔާމިން އާ ދައުރަކަށް އިންތިޚާބު ވުމަށްޓަކާ ކުރަންޖެހޭ ކެމްޕޭނަށް އަމާޒުކޮށް ނިންމާ، ފްލެޓްތައްވެސް އާންމުންނާ ހަވާލުކުރުމަށް ކަމުގައިވި ނަމަވެސް، މި ފްލެޓްތައް ކެމްޕޭނާ ހަމައަށް ދިޔައިރުވެސް ނިންމާލެވިފައެއް ނުވެއެވެ.

ހިޔާ މަޝްރޫޢުގެ ރައީސް ޔާމިންގެ ދެކަނބަލުން އިފްތިތާހު ކޮށްދެއްވަނީ

އެހެންނަމަވެސް، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުވަނީ، މި ފްލެޓްތައް މުޅިން އެހާތަނަށް ނިންމާލެވިފައި ނުވިނަމަވެސް، އެޕްލައި ކޮށްފައިތިމި މީހުންގެ ލިސްޓުތައް އެކުލަވާލާ، އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާ ކުރުމާ ދެމެދު ލިބުނު މުއްދަތުގައި، ފްލެތައް މީހުންނާއި ހަވާލުކޮށް، އަދި އެ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ ކުލިވެސް ކަޑައަޅާ، ނިންމާ އާންމުވެސް ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ފްލެޓް ނުލިބުނު އެތައް ބައެއްގެ ޝަކުވާތައް އުފެދި، އަދި ސިޔާސީ ބޭނުމަށް އޭރުގެ ސަރުކާރުގެ މަޖިލިސް ބައެއް މެމްބަރުންގެ އިތުރުންވެސް އިސް މަގާމްތަކުގައި ތިއްބެވި އެތައް ބަޔަކަށް ނުހައްގުން ފްލެޓް ދީފައިވާ ކަމުގެ އެތައް ޝަކުވާއެއް އުފެދި ފެންމަތިވެގެން ދިޔައެވެ.

 

އޮޑިޓް ރިޕޯޓުން ފެންމަތިވި އެތައް ކަމެއް!

ރައީސް ޔާމިން 2018ގައި ދެވަނަ ދައުރަކަށް އިންތިޚާބު ވުމަށް ކުރެވުނު ކެމްޕޭނަށްވެސް އަމާޒުުކުރެވިގެން ހިންގުނު މި ބޮޑު މަޝްރޫއު، މުޅިން ނިންމާ ނުލެވި، އަދި ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެވިގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން ފްލެޓްތައް މީހުންނާއި ހަވާލުކޮށް އަދި ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ ޒިންމާއާވެސް ހަވާލުވާން ޖެހުނީ ރައީސް ސާލިހުގެ ސަރުކާރާއެވެ.

ނަތީޖާއެއެއްގެ ގޮތުން ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތިވެެން ދިޔަ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެން ދިޔައީ، ފްލެޓްތަކުގެ މަހު ކުލި ކަޑައެޅުމެވެ. މިގޮތުން ރިޔާސީ އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާކުރުމުގެ ކުރިން، ފްލެޓްތަކުގެ ކުލީގެ ގޮތުގައި 6500 ރުފިޔާ ކަނޑައަޅާ އޭރުގެ ސަރުކާރުން އިއުލާން ކޮށްފައި ވުމާއެކު، މިއަށްވުރެ ބޮޑު ކުއްޔެއް ކަޑައެޅުން މި ސަރުކާރަށް ކުރިމަތި ވެގެންދިޔަ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައެވެ.

އެހެންނަމަވެސް، މި ފްލެޓްތަކުގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމުގައި މިސަރުކާރުން ނިންމާ، ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައި ވިނަމަވެސް، މި ޕްރޮޖެކްޓުތަކުގެ ކުއްޔާއި އަދި ޕްރޮޖެކްޓް ފައިނޭންސްއާއި ގުޅޭގޮތުން އުފެދިގެންދިޔަ ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި އަދި އޮޅުން ބޮޅުންތައް ފިލިވުމުގެ ގޮތުން، އެޗްޑީސީގެ އެދުމުގެ މަތިން އޮޑިޓް އޮފީހުން މިވަނީ ޙާއްސަ އޮޑިޓެއް ހަދާ ނިންމާފައެވެ.

މިގޮތުން  އެޗް.ޑީ.ސީގެ އެދުމުގެ މަތިން، މި މުޅި ޕްރޮޖެކްޓުގެ އަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށްފަހު އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާ ހިސާބުތަކުން، މި މަޝްރޫޢާ ގުޅޭގޮތުން، މިހާތަނަށް އޮޅުން އަރާފައިވާ މައިގަޑު ގިނަ ކަންކަން ސާފުވެގެން ގޮސްފައެވެ.

ކުރީ ސަރުކާރުން ޔުނިޓްތަކުގެ މަހު ކުރި ހިސާބު ކޮށްފައިވާ ގޮތުން، ޕްރޮޖެކްޓަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވޭ

ކުރީ ސަރުކާރުން ކަޑައެޅި މަހުކުލި ރަގަޅެއް ނޫން!

ހިޔާ ފްލެޓްތަކުގެ މަހު ކުލި ވެގެން ދިޔައީ، ކޮންމެ ސަރުކާރަކަށްވެސް ކުރިމަތި ވެގެން ދިޔަ ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކީ، 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އިމާރާތް ކުރި ފްލެޓްތައް ގެއްލުމަކާ ނުލާ އާންމު ރައްޔިތުންުނަށް ދޫކުރެވޭނެ ގޮތެއް ނެތުމެވެ.

މިގޮތުން މި ރިޕޯޓުން ފާހަގަވެގެން ދިަޔަ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައީ، ކުރީ ސަރުކާރުން މަހު ކުލީގެ ގޮތުގައި ހިސާބު ކޮށްފައިވާ 6،500 ރުފިޔާގެ މަހުކުލި ހިސާބު ކޮށްފައިވަނީވެސް ރަގަޅަށް ނޫންކަމެވެ.

މި ރިޕޯޓުގައި، މުޅި މަޝްރޫޢަށް ކޮށްފައިވާ ޚަރަދުތަކާއި އަންދާޒާތަކާއި، އަދި އެ ޚަރަދުތަކާއި އަންދާޒާތައް ބިނާކޮށްފައިވާ އަސާސްތަކުގެ ސައްޙަކަން ބެލުމަށްފަހު، ހާމަ ކުރި ގޮތުގައި ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު (ރައީސް ޔާމިންގެ ސަރުކާރުގައި) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ (މެއިންޓަނެންސް ޚަރަދުގެ ގޮތުގައި 1،000 ރުފިޔާ ހިމަނާއިގެން) 6،600 ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށެވެ.

މިރި ރިޕޯޓުގައި ބުނެފައިވަނީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑަކީ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ކަމަށެވެ.

އެހެންނަމަވެސް، 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647 ރުފިޔާ ކަމަށްވާއިރު، އެހެންނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،245،879 ރުފިޔާ ޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ މާނައަކީ، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނި ޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 ރުފިޔާގެ ގެއްލުން ވާނެކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ޕްރޮޖެކްޓް ފައިނޭންސްގެ ތަފްސީލުތައި ފާހަގަ ކޮށްފައި ވެއެވެ.

 

ސިޓީ ކައުންސިލުން 2021 ވަނަ އަހަރު ކަޑައެޅި މަހު ކުލިވެސް ރަގަޅެއް ނޫން!

އާންމު ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކާ ރައީސް ޔާމިންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ މަހު ކުލި، 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން (ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި) ވެސް ހިސާބު ކޮށްފައިވަނީ، އެކަށީގެންވާ އަންދާޒާތަކެއް ހިމަނައިގެން ނޫން ކަމުގައި، އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

މިގޮތުން މި ރިޕޯޓުގައި ވާގޮތުން، ރައީސް ޔާމިންގެ ދައުރުގައި އިމާރާތްކުރި، ހިޔާފްލެޓްތަކުގެ ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި 5،548 ރުފިޔާއަކީ، %3.36 ގެ އިންޓަރެސްޓާއިއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް (އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް) ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއް ކަމަށެވެ. އެހެންނަމަވެސް، ސިޓީ ކައުންސިލުން، މި ފްލެޓްތަކުގެ މަހުކުލި ކަޑައެޅުމުގައި ބޭނުން ކޮށްފައިވާ ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %3.3+LIBOR ކަމުގައިވާއިރު، މާލޭ ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ LIBOR ގެ އަންދާޒާކަމުގައިވާ %0.06 އަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް LIBOR ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި LIBOR ކަމާއި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް LIBOR އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަކުރެވޭ ކަމުގައެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން، ޖެނުއަރީ 2021 ގެ ނިޔަލަށް ދައްކާފައިވާ ލޯނު ޕޭމަންޓްތަކުގެ އެވްރެޖް LIBOR އަކީ %1.74 އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް. ކޮތަރު ކޮށިތަކެއްގެ ގޮތުގައި މިތަންތަން ސިފަކުރެވެނީ ތަންތަން ސައިުން އާދަޔާ ޚިލާފަށް ކުޑަވީމަ

އޮޑިޓް ރިޕޯޓުގައި ވާގޮތުން، ޔުނިޓަކުން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް ސީޓީ ކައުންސިލުން އިންޓަރެސްޓް ރޭޓްގެ ގޮތުގައި ބޭނުންކޮށްފައިވަނީވެސް ވަރަށް ކުޑަ ރޭޓެއްކަމުގައެވެ. އެގޮތުން ބޭނުންކޮށްފައިވާ %3.36 (%3.3+LIBOR) އަކީ ހިސާބު ހެދި ދުވަހުގެ LIBOR އަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ ރޭޓެއް ކަމުގައި ވީނަމަވެސް، ކޮންސްޓްރަކްޝަންގެ މުއްދަތުގައި ދައްކާފައިވާ އިންޓަރެސްޓްތަކުގެ އިންޓަރެސްޓް ރޭޓާއި، މުސްތަޤުބަލުގައި LIBOR އަށް އަންނާނެ ބަދަލަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، 2021 ވަނަ އަހަރު، މާލޭ ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ހިސާބުގައި ބިމުގެ ބޮޑުމިނެއްގެ ގޮތުގައި ބަލާފައިވަނީ 258،824 އަކަފޫޓެވެ. އަދި ސިޓީ ކައުންސިލްގެ ހިސާބުގައި އަކަފޫޓަކަށް 1،000 ރުފިޔާގެ މަގުން އަގުކޮށްފައި ވީނަމަވެސް، މިއީ، ޓަވަރުތައް އަޅާފައިވާ ބިމުގެ ޖުމްލަ އަކަފޫޓަށް ވުރެ 135،168 ކުޑަކޮށްފައިވާ އޭރިއާއެއްކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން، 2021ވަނަ އަހަރު، ސިޓީ ކައުންސިލް ހިޔާ ފްލެޓްތަކުގެ ކުއްޔަކަށް ވާންވާނީ 6،500 ރުފިޔާކަމަށް އިއުލާންކޮށްފައިވާ ކުލި ހިސާބު ކުރުމުގައި، މި މަޝްރޫޢު ހިންގުމަށް ނަގާފައިވާ ރީފައިނޭންސް ލޯނުތަކުގެ އިންޓަރެސްޓް ރޭޓްތަކަށްވެސް (%10-%9) ރިޢާޔަތް ކޮށްފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

 

ކުލި ކުޑަކޮށްފިނަމަ އެޗްޑީސީއަށް މާލީގޮތުން ބޮޑު ގެއްލުމެއް!

ހިޔާ ފްލެޓްތައް އެޅުމަށް އޭރުގެ ސަރުކާރުން ނެގި ބޮޑު ލޯނަކުން އިންވެސްޓް ކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މި މުޅި ޕްރޮޖެކްޓުގެ އަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށްފަހު އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުން އެގެން އޮތް އަނެއް ކަމަކީ، އެޗް.ޑީ.ސީ އިން (2021 ވަނަ އަހަރު) ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމެވެ. އަދި  މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ލާން ޖެހޭނެ ކަމެވެ.

2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ހުށަހަޅާފައިވާ (މެއިންޓަނެންސް ޚަރަދު ގެ ގޮތުގައި 1،00 ރުފިޔާ ހިމަނާއިގެން) 11،00 ރުފިޔާއަށް ޔުނިޓުތައް ވިއްކިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް
ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް -ކޭ ޝްފްލޯގެ ގޮތުގައި 2،195،865،585 (ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ)  ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. އަދި މިމަޝްރޫ ގެއްލުމަކާ ނުލާ ފްލެޓްތައް ކުއްޔަށް ދެވެން އޮތް ހަމައެކަނި ހާލަކީވެސް މިއީއެވެ.

އެހެންނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ ކޮންމެ ފްލެޓަކަށް 8،500 ރުފިޔާގެ މަހު ކުއްޔެއް ކަޑައެޅުމަށެވެ.

މިގޮތުން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން މި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ (މެއިންޓަނަންސް ޚަރަދުގެ ގޮތުގައި 1,000 ރުފިޔާ ހިމަނައިގެން) 8,500 ރުފިޔާއަށް ޔުނިޓުތައް ވިއްކި ނަމަވެސް، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުންވެސް ނެޓް- ކޭޝްފްލޯގެ ގޮތުގައި 138,063,600 ރުފިޔާގެ ޑެފިސިޓެއް ވެގެން ދެއެވެ.

އަދި ކުރީ ސަރުކާރުން، ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ 6,600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6,500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓްކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9,209,971,532 (ނުވަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ރުފިޔާގެ ޑެފިސިޓެއް ވެގެން ދާނެއެވެ.

ހިޔާ ފްލެޓްތަކުން ވައްކަން ކުރާކަމުގެ ޝަވާވެސް ދަނީ އިތުރުވަމުން

ހުރިހާ ގޮތަކުންވެސް ބޮޑު ގެއްލުން!

އިޖުތިމާއީ ބޯހިޔާވަހިކަން އާންމު ރައްޔިތުންނަށް ފޯރު ކޯށްދިނުމުގެ މަގުސަދުގައި 400 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނަގާ، އެންމެ 2 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކީ، 15 އަހަރުން ދައްކާ ޚަލާސް ކުރާގޮތަށް، ޕްރޮޖެކްޓެއް އެކުލަވާލާ އިމާރާތްތަކުރި ފްލެޓްތައްކުގެ ކުލި އިޖުތިމާއީ މިންގަޑަށް ފެއްތުމުން، 9 ބިލިއަން ރުފިޔާގެ ގެއްލުމަކާ ދައުލަތުގެ ކުންފުންޏަކުން ކުރިމަތި ލާން ޖެހުމަކީ، ދިވެހި ސަރުކާރަށް ސަބްސިޑައިސް ކޮށްގެންވެސް ކުންފުނި ހިންގޭނެ ވަރަށް ވުރެ ބޮޑު މާލީ ޒިންމާއެއްކަން މިއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

އެހެންކަމުން، ނުއުފުލޭވަރުގެ ބޮޑު ދަރަންޏެއް ނުވަތަ ޒިންމާ އެއް، އުފުލާ، އިޖުތިމާއީ ރައްކާތެރި ކަމުގެ ނަމުގައި ނަމަވެސް، އެކުލަވާލި ހިޔާ މަޝްރޫޢަކީ، އެކަށީގެންވާ ޕްލޭނެއް ނެތި އެކުލާލާފަ އޮތް މަޝްރޫއެއްކަން، މިއީ މިހާރު ހެދިފައި އޮތް އޮޑިޓުން ދެބަސް ނުވެވޭނޭ މިންވަރަށް ފާޅޮކޮށް ފެންނާން އޮތް ހަގީގަތެކެވެ.

ހަމަ އެފަދައިން، ކުރީ ސަރުކާރުން މަހު ކުލީގެ ގޮތުގައި 6،500 ރުފިޔާ އިއުލާންކޮށް، އަދި ފަހުން މިހާރުގެ ސިޓީ ކައުންސިލުންވެސް (ށރ. މުއިއްޒުގެ މޭޔަރު ކަމުގައި) ހަމަ މި ކުލި ކަޑައަޅާ އެކުލިވެސް އާންމު ކޮށްފައިވަނީ، ރަގަޅު މަގުސަދުގައި، ހަގީގީ ހިސާބުގެ މައްޗަށް ނޫންކަންވެސް މިއަދު މިއޮތީ ސާފުކޮށް ފެންނާށެވެ.

މިއަދު ގަބޫލުރަންވީ ހަގީގަތަކީ، އާންމު ރައްޔިތުންގެ ނިހާއީ ބޭނުންތައް ފުއްދާ ދިނުމުގެ މަގުސަދުގައި ނަމަވެސް މި ނޫން އުސޫލަކުން މަޝްރޫއުތައް އެކުލަވާލަން ޖެހޭކަމެވެ. މަޝްރޫޢުތައް އެކުލަވާ ނިމޭރިރު، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތް ގުރުބާންވެ، އެއީ މާލީގޮތުން ނުއުފުލޭ ވަރު މާލީ އަދި އިޖުތިމާއީ ބޮޑު ޒިންމާއަކަށް ވެގެން ދާނަމަ، އޭގެ ނަތީޖާއެއްގެ ގޮތުންވެސް ހަގީގަތުގައި ގުރުބާންވެގެން އެ ދަނީ ހަމަ ދިވެހި ރައްޔިތުންނެވެ. އަގު އަދާ ކުރަންޖެހެނީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝމީމު
މިސަރުކރުން 8500ރ މަހުކުލީގެ ގޮތުގައި ކަނޑައެޅީ ކޮން މެތަޑަކުން ހިސާބު ހަދައިގެންތޯ؟ 8500 ރ ކަނޑައެޅުމުގެ ކުރިން އޯޑިޓް ނުކޮށް މިއަދު ތިޔަ ކުރި އޯޑިޓަކީ ސިޔާސީ އޯޑިޓެއް.