ބޮޑު އާބާދީ އޮތް އަދި ބޯހިޔާވަހިކަމަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކުޅުދުއްފުށި ސިޓީއަށް ޚާއްސަކޮށްގެން އަންނަ އަހަރު 1،400 ހައިސުން ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ބޮޑު ސިޓީއެއްކަމަށެވެ. ކުޅުދުއްފުށި ސިޓީގެ ބޯހިޔާ ބަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ބަޖެޓް ކުރެވޭއިރު، އިތުރު 1،000 ހައުސިން ޔުނިޓް އެޅުމަށް ބޭތުގެ ބަޔަކާއި ވާހަކަ ދެކެވެމުންދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހައުސިން ޔުނިޓްގެ މަސައްކަތްތަކާއިއެކު ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމަށް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. އާބާދީގައި 10،000 މީހުން ހަމަވެ މިހާރު ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުއްޓަކީ 12،000އަށްވުރެ ގިނަ މީހުން ދިރިއުޅެމުންއަންނަ ރަށެކެވެ. ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެތަށްބަޔަކު ދިރިއުޅެއެވެ.
ބިމުގެ ދަތިކަމާއެކު ކުޅުދުއްފުށީ ޒުވާނުންގެތެރެއިން ޢާއިލާއެއް ފަށައި ވަކިން ދިރިއުޅެން ބޭނުންވާ އެތައް ޒުވާނުންނެއްވަނީ މާޔޫސްކަމުގައެވެ. މިމައްސަލައާހެދި ޒަވާޖީ ހަޔާތެއް ނުފެށިވެސް އެތައް ޒުވާނުންނެއް އެބަތިއްބެވެ. އެއްގެއެއްގައި އެތަށް ބަޔަކު ދިރިއުޅެންޖެހުމުގެ ސަބަބުން ތަފާތު އިޖުތިމާޢީ، ޢާއިލީ މައްސަލަތަށްވެސް ދަނީ ކުރިމަތިވަމުންނެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގައި ރޯހައުސްތަކެއް ހަދަން ނިންމައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2010ވަނަ އަހަރުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި 3 ސަރަޙައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތް ކުރަން ފެށިއެވެ. އެއީ ހިއްކި ސަރަޙައްދުގައި ޢިމާރާތްކުރާ 100 ރޯހައުސްއާއި ޖަލާލުންދީން ސްކޫލު ކައިރީގައި ޢިމާރާތްކުރާ 18 ރޯހައުސްއާއި ހަސަނާތު މިސްކިތް ކައިރީގައި ޢިމާރާތްކުރާ 40 ރޯހައުސްއެވެ. މިތަންތަނުން މަސައްކަތްނިމި އެންމެފުރަތަމަ މީހުން ދިރިއުޅެން ފަށާފައިވަނީ ޖަލާލުއްދީން ކައިރީގައި ހުރި ފުލެޓްތަކުގައެވެ. އަދި ދާދިފަހުން ހަސަނާތު މިސްކިތް ކައިރީގައި ހުރި މާފަލު ހިޔާ ފުލެޓްތަކުގައިވެސް ވަނީ މީހުން އުޅެންފަށާފައެވެ. ކުޅުދުއްފުށީ ހިއްކި ބިމުގައި ހަދަންފަށާފައިވާ ރޯހައުސްތަކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ފަހުން މީގެ ދެހަފްތާއެއްހައި ދުވަސްކުރިން އެތަން އަލުން މަރާމާތުކުރުމަށްވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ