ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އެމަނިކުފަނުގެ އިސްތިއުފާއަށް ގޮވި ޕީޕީއެމްގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްއިން ބުނެފައިވަނީ މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ސާލިހު ކުޅުދުއްފުށީ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ވަގުތު އޭނާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، އިބްރާހީމް މުހައްމަދު އިސްތިއުފާ ދިނުމަށާއި އަދި އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވާލާފައިވާ ބެނަރއެއް ހުރެގެން ކަމުގައެވެ. ފުލުހުން އެގެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައިވަނީ ވަރަށް އަނިޔާވެރިކަމާއެކުގައިކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރަކާވެސް ނުލައިކަމަށް ޕީޕީއެމްއިން ބުނެއެވެ.
ފުލުހުންގެ މިޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދި ވަގުތުން މުޖްތަބާ އަހްމަދު ދޫކޮށްލުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނޫ އަސާސީން ލިބިދީފައިވާ ޙައްޤުތަކެވެ. މިޙައްޤުތަކަށް އަރައިނުގަތުމަށާއި ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް މިކޯލިޝަނުން ގޮވާލަން.
– އިދިކޮޅުން ބުނެފައިވެއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުޙައްޤުން މިސަރުކާރުން ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދިވެހި ރައްޔިތުން މިއަދު އަޑު އުފުލަމުންދާއިރު ނުފޫޒާ ގަދަބާރު ދައްކައިގެން މިސަރުކާރުން ހިންގަމުންދާ މިފަދަ ޚުދުމުޚުތާރު ޢަމަލުތަކަކީ ފެއިލްވެފައިވާ ނާގާބިލް ސަރުކާރެއްގެ ސިފަތަކެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ