ޤައުމީ ޓީމާއި، މޮރިއޭރޯ ހަވާލުވެއްޖެ

ޤައުމީ ޓީމާއި، މޮރިއޭރޯ ހަވާލުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 07:57
0

ރާއްޖޭގެ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ އާ ހެޑުކޯޗުކަމުގެ މަގާމަށް އިޓަލީގެ އިންޓަމިލާނަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖެއްސިކަން އެފްއޭއެމުން ހާމަކޮށްފިއެވެ.

މިއީ އުމުރުން 52 އަހަރުގެ މޮރިއެރޯ ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދޭނެ ފުރަތަމަ ފަހަރެވެ. އަދި މީގެ ކުރިން އޭޝިއާގެ އެއްވެސް ޓީމަކަށް ވެސް މޮރިއެރޯ ކޯޗުކަން ކޮށްދީފައެއް ނުވެއެވެ. މިކަން ރަސްމީކޮށް ހާމަކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓަކުންނެވެ. އޭނާ ރާއްޖޭގެ ކޯޗުކަމާއި ހަވާލުވީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނާ ގޮތުގައި ރޯމާ އާއި ނަޕޯލީ އަށް ވެސް ކުޅުނު އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެފްއޭއެމްއާއެކު އެއްބަސްވެފައެވެ. މޮރިއޭރޯއާއެކު އިތުރު އެހީތެރިއަކު ވެސް ރާއްޖޭގެ ގައުމީ ޓީމަށް ސޮއި ކުރާނެކަން ވަނީ އެނގިފައެވެ.

އެފްއޭއެމުން މައުލޫމާތު ދޭގޮތުގައި އާ ކޯޗެއް ހަމަޖެއްސުމުގެ މަޝްވަރާތައް އެއިދާރައިން ވަރަށް ބާރަށް ކުރިޔަށްގެންދާ ކަމަށާއި އެހެން ނަމަވެސް އަދި ގައުމީ ޓީމާ ހަވާލުވާނީ ކޮން ކޯޗެއް ކަމެއް ނުނިންމާކަމަށެވެ. އަދި މޮރިއޭރޯ އާއީ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމވެސް ކޯޗަކާއެކު އެއްބަސްވުމަކަށް އަދި އައިސްފަނުވާ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ކޮޗުކޮށްދިނުން ވާނީ އޭޝިއާގައި މޮރިއޭރޯ ކުރާ ފުރަތަމަ ތަޖުރިބާއަށެވެ. އަދި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ގައުމީ ޓީމަކަށް ވެސް ރާއްޖެ ވާނެއެވެ. މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މި އަހަރު ހަވާލުވާ ތިން ވަނަ ކޯޗެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އޯގަސްޓް މަހު މަގާމުން ވަކިކޮށް، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ނިޔަަލަށް ގައުމީ ޓީމު ހަވާލު ކުރީ ތަޖުރިބާކާރު ދިވެހި ކޯޗު ޢަލީ ސުޒޭނާއެވެ.

މޮރިއޭރޯއާއެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް ވާނީ އަންނަ މަހު ސްލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.