މިދިޔަ އަހަރުގެ 3ވަނަ ކުއާޓަރާ އަޅާ ބާލައިރު މިއަހަރުގެ 3ވަނަ ކުއާޓަރުގައި ގައުމީ ބެންކު ބީއެމްއެލަށް ލިބުނު ސާފުފައިދާ 34.2 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.
ބެންކް އޮފް މޯލްޑިވްސް އިން އާންމު ކުރި ކުއާޓަރ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މި ކުއާޓަރުގައި ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މި ކުއާޓަރުގައި ސާފުފައިދާގެ ގޮތުގައި ލިބުނީ 224.4 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 15 އިންސައްތަ އިތުރުވުމެކެވެ.
ބެންކުގެ މިއަހަރުގެ 2ވަނަ ކުއާޓަރަށް ވުރެ 3ވަނަ ކުއާޓަރުގައި 152.3 މިލިއަންރުފިޔާ ވަނީ ސާފު ފައިދާ އިތުރުވެފައެވެ. މިއަހަރުގެ 2ވަނަ ކުއާޓަރުގައި ބެންކަށް ފައިދާގެ ގޮތުގައި ލިބުނީ 106.3 މިލިއަން ރުފިޔާއެވެ.
3 ވަނަ ކުއާޓަރުގެ ފައިދާ އިތުރުވިނަމަވެސް ބީއެމްއެލުން ލަފާކުރަނީ މިހާރު މިހިނގާ ފަހުކުއާޓަރ ދަތިއުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. މައިގަނޑު ސަބަބަކީ ޕްރޮވިޝަން ޗާޖު އިތުރުވުން ކަމަށް ބެންކުން ބުނެއެވެ.
ބީއެމްއެލުން އަންނަނީ ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އެ ބެންކުގެ ކަސްޓަމަރުންނަށް އެކިކަހަލަ ލުއިތަށް ފޯރުކޮށްދެމުންނެވެ. ބެންކް އޮފް މޯލްޑިވްސް އަކީ ދެލައްކަ ނުވަދިހަ ހަތަރުހާސް ކަސްޓަމަރުން ޙިދުމަތް ހޯދަމުންއަންނަ ބެންކެކެވެ.