ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތާ ގުޅޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފިއެވެ.
އެކަން އިއުލާނުކޮށްފައިވަނީ ގާސިމްގެ އަމިއްލަފުޅު ޓީވީ، ވީޓީވީން ގެނެސްދިން ޕްރަގްރާމެއްގައި މަޝްހޫރު ފިލްމީ ތަރި އަދި ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އިސްމާއީލް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. އަދި ގާސިމްގެ ހަޔާތްޕުޅާ ގުޅޭ ފިލްމުގެ މަަސައްކަތް ކުރިއަށް ގެންގޮސް ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް އާންމުންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގާސިމްގެ ހަޔާތްޕުޅަކީ އިބްރަތުން ފުރިފައިވި ދިރިއުޅުމެއް ކަމަށާ އެއީ ދައުލަތުގެ އަރުޝީފުގައި ރައްކާކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ. ގާސިމްގެ ހިދުމަތަކީ ދައުލަތުގެ ވެރިންނާއި މުޅި ދިވެހި ރައްޔިތުންވެސް ހެކިވާނެ ހިދުމަތެއް ކަމުން އެއީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތަކެއް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިޔަފާރީގައި ކާމިޔާބު ހޯއްދަވާ މިހާރު ހުންނެވި ހިސާބަށް ވަޑައިގެންނެވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށް ވާތީ އެކަންކަން ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖޭގައި ބައޮގްރަފިކަލް ޑްރާމާތައް ހެދުމަކީ އާންްމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. މީގެ ކުރިން ޝަހުސިއްޔަތަކަށް ބިނާކޮށް ހެދި ހަމައެކަނި ފިލްމަކީ މީގެ އެތައް އަހަރެއް ކުރިން ޓީވީ މޯލްޑިވްސް (ޓީވީއެމް) އިން ގެނެސްދިން "ބޮޑުތަކުރުފާނު" ފިލްމެވެ. ހުސައިން ޝިހާބު ޑައިރެކްޓްކުރި ފިލްމުގައި ބޮޑުތަކުރުފާނު ނުވަތަ އުތީމު މުހައްމަދު ތަކުރުފާނުގެ ރޯލު ކުޅުނީ އާދަމް ޒާހިރެވެ.
ކޮމެންޓު ފޮނުވާ