ބޭރުގެ ހަނގުރާމަތަކަށް ދާ ދިވެހިން ރާއްޖެ ގެނެސް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގޭނެ ކަމުގެ ޔަގީންކަން މި ޤައުމުގައި އޮތްތަނެއް ފެންނަން ނެތްކަމުގައި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސީރިއާ ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ އައުމުން އެމީހުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ ކުރިން ރީއިންޓަގްރޭޓް ކުރެވޭނެ ނިޒާމެއް ޤާއިމު ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އިމްރާން މިފަދަ ގޮތަކަށް ވިދާޅުވި ވިދާޅުވާއި ގުޅިގެން ސިފާ ވަނީ މިނިސްޓަރ އިމްރާނާއި ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ.
ސިފާ ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ގެންނަ އާއިލާއަކީ ކޮބައިތޯ ކަމަށެވެ. އަދި ރާއްޖެއަށް ގެންނަ މީހުން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގުރާމް އޮންނަނީ މިނިސްޓަރގެ ބެލުމުގެ ދަށުގައިތޯ ސިފާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އެފަދަ މީހުން ގެނެސް ރިހެބިލިޓޭޓް ކުރެވޭނެ ވަރުގެ ޕްރޮގްރާމްތަކެއް ހިމެނޭގެ މަގެއް އޮތްކަމަށް އަދި ފެންނާކަށް ނެތްކަމަށެވެ.
އެންމެ ފުރަތަމަ ގެންނަ އާއިލާއަކީ ކޮބައިތޯ؟ ނުރައްކާތެރިކަން ބޮޑު އެކަށީގެންވާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގޭނެ ކަމުގެ ޔަގީންކަން މި ޤައުމަކަށް އަދި އޮތް ކަމަކަށް ފެންނާކަށް ނެތް. މިނިސްޓަރގެ ބެލުމުގެ ދަށުގައިތޯ މި ޕްރޮގްރާމް އޮންނަނީ؟
– ސިފާ އިމްރާނާއި ސުވާލު ކުރެއްވިއެވެ.
ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ވާހަކަދައްކަވަމުން، މިނިސްޓަރ އިމްރާން ވިދާޅުވީ، 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ސީރިއާއާއި އިރާޤު ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ދިވެހިން އަނބުރާ އަންނަން ބޭނުންވެފައިތިބި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެގޮތަށް އަނބުރާ އަންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން އެމީހުންނަށް "ރީއިންޓަގްރޭޝަން" ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބޭނުންވާނެ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު މިހާރު ސަރުކާރުން ޤާއިމުކޮށްފައިވާ ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމު ކުރަންޖެހޭ "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގާއިމުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ޤާއިމުކުރަންޖެހޭ ވަގުތީ މަރުޒަކުގެ ގޮތުގައި، "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގެ ނަމުގައި ކ. ހިންމަފުށީގައި މަރުކަޒެއް ވަނީ ޤާއިމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ