އިންޑިއާގެ މަޝްހޫރު ކުންފުނި ޓާޓާ ސަންސްއިން، އެއަރ އިންޑިއާ، 2.4 ބިލިއަން އެމެރިކާ ޑޮލަރަށް ގަނެފިއެވެ. މީގެތެރޭގައި 2 ބިލިއަން ޑޮލަރަކީ، އެތައް ބިލިއަން ޑޮލަރަކުން ގެއްލުންވެފައިއޮތް، އިންޑިއާގެ ގައުމީ އެއަރލައިންގެ ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭ ފައިސާއެވެ.
ޓާޓާ ކުންފުނިން އެއަރ އިންޑިއާ ގަތުމަށް ކުރި ބިޑް ކާމިޔާބުވެ، މީގެ 34 އަހަރު ކުރިން އެއަރ އިންޑިއާ އުފެއްދި ކުންފުނީގެ ދަށަށް އަލުން މިއެއަރލައިން ދިޔަ ދިއުން ވެގެންދިޔައީ، އެތައް އަހަރެއް ވަންދެން ގެއްލުން ވަމުންއައި މި އެއަރލައިން ޕްރައިވެޓައިޒް ކުރުމަށް ނަރެންދުރަ މޯޑީގެ ސަރުކާރުން ކުރަމުން އައި މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.
މެދުނުކެޑި ގެއްލުންވަމުން އައި އަދި ފާއިތުވި 10 އަހަރުތެރޭގައިވެސް، އިންޑިއާގެ ޓެކްސް ޕޭޔަރުންގެ ފައިސާއިން ކޮންމެ ދުވަހަކުވެސް 3 މިލިއަން ޑޮލަރު ހޭދަކުރަމުންއައިި އިންޑިއާގެ ގައުމީ އެއަރލައިން ކާމިޔާބު ކަމާއެކީ ވިއްކާލެވުންވެސް ވެގެންދާނީ، އޭގެ ޒާތުގައި މޯޑީއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.
ޓާޓާގެ ސަންސް ކުންފުނީގެ ޔުނިޓެއް ކަމުގައިވާ ޓަލަސްއިން އެއަރ އިންޑިއާގެ 100 އިންސައްތަ ހިއްސާ ގަންނާނޭ ކަމުގައި އެ ކުންފުނީގެ ޑިޕާޓްމަންޓް އޮފް އިންވެސްޓްމަންޓްސް އެންޑް ޕަބްލިކް އެސެޓް މެނޭޖްމަންޓްގެ ސެކެޓްރީ ޓުހިން ކަންޓާ ޕޭންޑްރީ ވިދާޅުވެފައި ވެއެވެ. ޓަލަސްއަކީ، މަތީ ފަންތީ ކާރުތައް ކަމުގައިވާ ޖަގުއާރ ލޭންޑް ރޯވަރ އުފައްދާ އޮޓޯ އަދި ސްޓީލް ކުންފުނިތަކުގެ ހޯލްޑިންގ ކުންފުންޏެވެ.
މިއަހަރު ނިމުމުގެ ކުރިން މުޅިން ނިންމުމަށް ހަމަޖެހިފައިވާ، އެއަރ އިންޑިއާ ގަތުމަށް ހަދާފައިވާ ޑީލްގެ ދަށުން އެއަރ އިންޑިއާ އަނެއްކާވެސް ދާނީ، އެ އެއަރލައިން 1932ވަނަ އަހަރު ޓާޓާ އެއަރލައިންގެ ނަމުގައި އުފެއްދި ގުރޫޕުގެ ދަށަށެވެ.
މި އެއަރލައިން އިންޑިއާ ސަރުކާރުން ނޭޝަނަލައިޒް ކޮށްފައިވަނީ، (ސަރުކާރުގެ ކުންފުންޏަކަށް ބަދަލު ކޮށްފައިވަނީ) 1953 ވަނަ އަހަރުއެވެ.
އެއަރ އިންޑިއާ ގަތުމަށް ޓާޓާ އާއިއެކި ވެވަފައިވާ އެއްބަސްވުމުގައި ހިމެނެނީ، އެއަރ އިންޑިއާގެ 8.2 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން 2 ބިލިއަން ޑޮލަރު ޓާޓާ ކުންފުނިން ދެއްކުމަށެވެ. ނަތީޖާއެއްގެ ގޮތުން މި އެއަރލައިން ގަތުމަށް ޓާޓާއިން ބިޑް ކޮށްފައިވާ 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ސަރުކާރަށް އިކުއިޓީގެ ގޮތުގައި ލިބިގެންދާނީ އެންމެ 400 މިލިއަން ޑޮލަރެވެ.
ޓާޓާއިން މިހާރުވެސް ދެ އެއަރލައިނެއް އޮޕަރޭޓް ކުރަމުން ދެއެވެ. މީގެތެރޭގައި ހިމެނެނީ ސިންގަޕޯރ އެއަރލައިންއާއެކީ ހަދާފައިވާ ވެންޗަރއެއްގެ ދަށުން އޮޕަރޭޓް ކުރަމުންދާ، އިންޑިއާއަށް ނިސްބަތްވާ ހަމައެކަނި ދެވަނަ އެއަރލައިން ކަމަށްވާ ވިސްޓާރާއާއި، މެލޭޝިއާގެ އެއަރ އޭޝިއާ ގްރޫޕާއެކު ހަދާފައިވާ ވެންޗަރއެއްގެ ދަށުން އޮޕަރޭޓް ކުރަމުންދާ ބަޖެޓް އެއަރލައިނެއް ކަމުގައިވާ އެއަރއޭޝިއާ އިންޑިއާއެވެ.
ޓާޓާއިން އެއަރ އިންޑިއާ ގަތުމުން، އިންޑިއާގެ ޑޮމެސްޓިކް އޭވިއޭޝަން މާރކެޓްގެ 27 އިންސައްތައިގެ ހިއްސާއެއް ޓާޓާއަށް ލިބިގެން ދާނެއެވެ. އިންޑިއާގެ ޑޮމެސްޓިކް އޭވިއޭޝަން މާރކެޓްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ އިންޑިގޯ އަށެވެ. ޓާޓާ ވެގެންދާނީ އިންޑިގޯގެ ފަހަތުން އެންމެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނި ކަމުގައެވެ.