ރާއްޖޭގެ ޖަލުތަކުގެ މައްސަލަ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ހައްލު ނުކުރެނު ކަމަށާއި، މިނިސްޓަރ އިމްރާނަށް އެއްވެސް އިތުބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ބޭގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެމުންދާތީ މަޖިލީހަށް ސިރާޖު ހުށަހެޅުއްވި މައްސަލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖަލުތަކުގައި ވާނުވާގައި ތިބި މީހުންގެ މައްސަލަ ހައްލު ކުރުމަކީ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށެވެ.
ނަމަވެސް ފެނިގެންދަނީ ވެރިކަމަށް 3 އަހަރު ވާއިރުވެސް ޖަލުތަކުގައި ވާނުވާގައި ތިބި މީހުންގެ މައްސަލައަށް އެއްވެސް ތަސައްލީއެއް ލިބިގެން ނުދާކަން ކަމަށެވެ. ވާނުވާގައި ތިބި މީހުންނަށް ޖަލުގައި ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތްވެސް ލިބިގެން ނުދާކަމީ ހޯމް މިނިސްޓަރުގެ ފެެއިލާއެއް ކަމަށެވެ. މިނޫންވެސް މިނިސްޓްރީން ކުރަންޖެހޭ އެތައްކަމެއް ނުުކުރެވޭކަމީ މިނިސްޓަރ ފެއިލްވެފައިވާ ކަމުގެ ހެެއްކެތްކަމަށް ސިރާޖު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހަށް އިއްޔެ ހާޒިރުވެމުން މިމައްސަލާގައި މިނިސްޓަރ އިމްރާނާއި ސުވާލު ކުރުމުންވެސް ދެއްވާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބު ތަކެއްކަމަށެވެ.
އަޅުގަނޑަކަށް ނޭގޭ ހޯމް މިނިސްޓަރ ކޮންމެ ކަމެއްގަިއ ވަރަށް ކުރުކުރުކޮށް ވަރަސް އަވަސްކޮށް ޖަވާބު އެބަދޭ. އަޅުގަނޑަކަށް ނޭގޭ އެހެން ބޭފުޅުންގެ ގޮތެއް. ހަމަ ގައިމުވެސް އަޅުގަނޑުގެ އިތުބާރެއް ހޯމް މިނިސްޓަރަކަށް ނެތް. މިކަން ރަނގަޅު ވޭތޯ 3 އަހަރު ދުވަހު އަޅުގަނޑުމެން މަސައްކަތް ކުރީ. އެހެން ނަމަވެސް ޖަލުތަކުގެ ހާލަތެއް ރަނގަޅެއްނުވޭ، ބޭސް ފަރުވާގެ ކަންތައްތައް ރަނގަޅަނެއްނުވޭ. ވާނުވާއަކަށް ހައްލެއް ނުލިބޭ. ޖަލުތަކަށް ވައްދާ އެއްޗިއްސައް ހައްލެއް ނުލިބޭ.
– ސިރާޖު ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރައީ ވިދާޅުވީ އިމްރާނަށް ހޯމް މިނިސްޓްރީގެ ޒިންމާ އަދާ ނުކުރެވުނުކަމަށެވެ. ސަރުކާރަށް ތިން އަހަރު ވެގެންދާއިރު، މައްސަލަތައް ހައްލުނުވުމުން އަމިއްލަފުޅަށް މަޤާމުން އިސްތއުފާ ދެއްވުމަށްފަހު މަޤާމުން ދުރުވާންޖެހޭކަަމަށެވެ.
އަޅުގަނޑުމެންގެ އެތައް މެމްބަރެއް ވިދާޅުވެއްޖެ އިމްރާންގެ އިތުބާރު ނެތްކަމަށް. ދެން ދުރުވަންވީ އެހިސާބުން. ކޮންމެ ފަހަރަކު އިތުބާރު ނެތްކަމަށް ވޯޓު ނަގަންދެން މަޤާމުގައި އިންނަވާކަނަށް ނުޖެހޭ. ވަރަށް ސާފުކޮށް މިދަންނަވަނީ އަޅުގަނޑުމެންގެ އިތުބާރު އިމްރާނަކަށް ނެތޭ.
– ރާއީ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން ވަނީ މިމަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާއިރު، ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ސިރާޖު ވިދޅުވެފައިވެއެވެ. އަދި މިކަމަށް އއެކަނި ބަލައިލުމުންވެސް އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތަށް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމާއި، އެމީހުންގެ ހައްގުތައް ހޯދައި ނުދެވޭކަން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިއީ ވަރަށް ސީރިއަސް އަދި ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. ބައެއް މެމްބަރުންވަނީ ޖަލުގައި ވާނުވާ ގައި ބަންދުކޮށްފައިވާ މީހުން މިހާރުން މިހާރަނަށް ދޫކޮށްލައި އެމީހުންގެ ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށްވެސް ގޮވާލާފައެވެ.